20 ޖެނުއަރީ 2022 - 13:46

ރާއްޖޭގައި ޗާޕުކުރާ ފޮތްތަކުގައި ހުންނަ ގުރުއާނުގެ އާޔަތްތަކުގައި ކުށް ހުރިތޯ ބަލަން، ގިނަ ދީނީ އިލްމުވެރިންތަކެއް ހިމެނޭ ކޮމިޓީއެއް އިސްލާމިކް މިނިސްޓްރީން މިއަދު އުފައްދައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ކޮމިޓީގެ މަގުސަދަކީ ރާއްޖޭގައި ތައްޔާރުކޮށް، ޗާޕުކުރެވޭ ބައެއް ފޮތްތަކުގައި ލިޔެފައި ހުންނަ ކީރިތި ގުރްއާނުގެ އާޔަތްތަކުގައި ކުށް ހުރުމާއި ގުޅިގެން އެ ކަމަށް ހައްލެއް ގެނައުމެވެ.
މި ކޮމިޓީގައި ހިމެނޭ މެމްބަރުންނާއި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ.
ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ޗެއާކަން ކުރައްވާ މި ކޮމިޓީގައި އިތުރު ހަ މެމްބަރަކު ހިމެނެ އެވެ. އެއީ މުހައްމަދު ލަތީފާއި ނަސްރުﷲ އަލީ އާއި އިބްރާހީމް ރަޝީދު ހަސަން އާއި އަހުމަދު ޝަފީގް އާއި އަލީ ނަޖީބުގެ އިތުރުން އަބްދުﷲ މަސްއޫދެވެ. މީގެ ތެރޭން ގިނަ ބޭފުޅުންނަކީ ގުރުއާން ހިތުދަސް އިލްމުވެރިންނެވެ.
ފޮތްތަކުގައި ހުންނަ ގުރުއާނުގެ އާޔަތްތަކުގައި ކުށް ހުރިތޯ ބަލަން ކޮމިޓީއެއް އުފެއްދިއިރު، މިދިޔަ އަހަރު ވަނީ ސްކޫލް ކުދިންގެ ގުރުއާނާއި އިސްލާމް ފޮތްތަކެއްގައި ގުރުއާންގެ އާޔަތްތަކެއް ނުބައިކޮށް ލިޔެފައި ހުރި މައްސަލައެއް ވަރަށް ބޮޑުވެފަ އެވެ.
އެއީ ގުރޭޑް 1 ގެ ގުރުއާން ފޮތްތައް ޗާޕްކުރި އިރު، ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައަކާއި ގްރޭޑް 2 އަދި 12 ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލައެއް ފާހަގަވި އެވެ. އެކަމާ އިލްމުވެރިން ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެންމެފަހުން ދަރިވަރުންގެ އަތުން އެ ފޮތްތައް އަތުލައި، ފޮތްތައް ރިވިއުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ކޮމިޓީއެއް އުފައްދާ މަސައްކަތްތަކެއް ކޮށްފަ އެވެ.