15 ޑިސެމްބަރ 2016 - 18:06

ދިމިޝްގު (ޑިސެމްބަރު 15) - ސީރިއާގެ ހަލަބު ސިޓީން ހަނގުރާމަވެރިންނާއި އާއްމުން ބޭލުމުގެ މަސައްކަތް ފަށައިފި ކަމަށް ރެޑް ކްރޮސް އިން ބުނެފި އެވެ.

ރެޑް ކްރޮސް އިން ބުނީ ޒަޚަމްވެފައިވާ 200 މީހަކު އެ ޖަމާއަތުން ނެރޭ އިރު އިދިކޮޅު ހަނގުރާމަވެރިންނާއި އާއްމުން ނެރުމަށް ބަސްތަކާއި އެމްބިއުލެންސްތައް ތައްޔާރުކޮށްފައިވާ ކަމަށެވެ.
ސީރިއާގެ ރަސްމީ ޓީވީން ބުނީ އިދިކޮޅު ހަނގުރާމަވެރިންގެ 4،000 މީހުންނާއި އެ މީހުންގެ އާއިލާތައް މިއަދު ހަލަބުން ނެރޭނެ ކަމަށެވެ. އަދި އެކަމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ ހަނގުރާމަވެރިންނާއި އާއްމުން ހަލަބުން ނުކުންނަ އިރު އެ މީހުންނަށް ރައްކާތެރިކަން ދޭނެކަމުގެ ޔަގީންކަން ސީރިއާ ސިފައިން ދީފައިވާ ކަމަށެވެ. ރެޑް ކްރޮސްގެ މެދުއިރުމަތީގެ ރީޖަނަލް ޑިރެކްޓާ ރޮބާޓް މާދިނީ ވިދާޅުވީ ހަލަބުން މީހުން ނެރުމަށް އެ ޖަމާއަތުން ހިންގާ އޮޕަރޭޝަން މައްސަލައެއް ދިމާނުވެ ކުރިއަށްދާ ކަމަށެވެ.
ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނެފައި ވަނީ ހަލަބު ސިޓީން ނެރޭ މީހުން ގެންދިއުމަށް ހަމަޖެހިފައި ވަނީ ޖެހިގެން އޮތް އިދްލީބް ޕްރޮވިންސަށް ކަމަށެވެ. އިދްލީގެ ބޮޑު ބައެއްގެ ކޮންޓްރޯލް އޮތީ ވެސް އިދިކޮޅު ހަނގުރާމަވެރިންގެ އަތް ދަށުގަ އެވެ. އޭގެ ތެރޭގައި ޖަބްހަތު ފާތިހު އަލް ޝާމް ނުވަތަ ކުރީގެ ނުސްރާ ފްރަންޓް ހިމެނެ އެވެ.
ރަޝިޔާގެ ޖެނެރަލަކު ވިދާޅުވީ ހަލަބުން މީހުން ނެރެން 20 ޕަސިންޖާ ބަހާއި 10 އެމްބިއުލެންސް ބޭނުން ކުރާނެ ކަމަށެވެ. އަދި ހަނގުރާމަވެރިން އެ މީހުންގެ އަމިއްލަ ވެހިކަަލްތައް ބޭނުން ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ހަލަބުގައި ހުރި ބީބީސީގެ ރިޕޯޓަރު ބުނީ އެ ސިޓީގެ އާއްމުންގެ ތެރޭން ހަލަބު ދޫކޮށް ދާން ބޭނުންވާ މީހުންނާއި ސިޓީގައި ތިބެން ބޭނުންވާ މީހުންގެ ތެރޭން އެ މީހަކު ބޭނުން ގޮތެއް އިޚްތިޔާރު ކުރުމަށް ސީރިއާ ސަރުކާރުން ފުރުސަތު ދީފައިވާ ކަމަށެވެ.