20 ޖެނުއަރީ 2022 - 11:18

ފުޓްބޯޅަ ކުޅުން ހުއްޓާލިކަން މިމަހު އިއުލާންކުރި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު، މުހައްމަދު ރަޝީދު (ހޮކޭ) ގެ ރިޓަޔަމެންޓްގެ ޝަރަފުގައި އަލިފުށީގައި ހާއްސަ އިވެންޓެއް ބާއްވަން އެފްއޭމުން ތައްޔާރު ވެއްޖެ އެވެ.

ދުވަހު ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު އަންނަ އާދިއްތަ ކުޅެން ހަމަޖެހިފައިވާ އަލިފުށީގައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހޮކޭގެ ޝަރަފުގައި ބާއްވާ އިވެންޓް ހިމެނެ އެވެ.
އަލިފުއްޓަށް އުފަން، ހޮކޭ ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށީ 2009 ވަނަ އަހަރު ނިއުރޭޑިއަންޓުންނެވެ. އެއަށް ފަހު ޖެހިގެން އައި ތިން އަހަރު ވެސް އޭނާ ފެނުނީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ރަތް ޖޯޒީގަ އެވެ. ވިކްޓަރީއާ އެކު ހޮކޭ ވަނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އެއްފަހަރު ކާމިޔާބުކޮށްފަ އެވެ. ޖެހިގެން އައި 2013 ގައި އޭނާ ބަދަލުވީ ވެލެންސިއާއަށެވެ. ނަމަވެސް އެ ސީޒަނުގެ ފަހުކޮޅު ހޮކޭ ފެނުނީ މާޒިޔާއިންނެވެ. މާޒިޔާ އަށް ކުޅުމަށް ފަހު އޭނާ އަލުން ނިއުރޭޑިއަންޓަށް ބަދަލުވި އެވެ.
ވިކްޓަރީގައި ދެއްކި މޮޅު ކުޅުމާ އެކު ހޮކޭ އަށް ރާއްޖޭގެ ގައުމީ ޓީމުން ޖާގަ ދިނީ އޭރު ގައުމީ ޓީމުގެ ކޯޗަކަށް ހުރި ހަންގޭރީގެ އިސްތަވާން އުރުބާނީ އެވެ. އާއްމުކޮށް ވާތްފަޅިން ފަހަތަށް ކުޅޭ ކުޅުންތެރިޔާ ގައުމީ ޓީމުގައި ކޯޗު އުރުބާނީ ކުޅުވީ ވާތްފަޅިން ކުރިޔަށެވެ.
ނިއުގައި ހޭދަކުރި ފަސް އަހަރު ހޮކޭ ވަނީ ތިން ޗެރިޓީ ޝީލްޑާއި އެއް ފަހަރު ދިވެހި ލީގު، ދެ ޕްރިމިއާ ލީގު އަދި މާލޭ ލީގު އެއްފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ނިއުއާ އެކު ޕްރެޒިޑެންޓްސް ކަޕް ދެ ފަހަރު، އެފްއޭ ކަޕް ވެސް އެއް ފަހަރު ހޮކޭ ވަނީ ކާމިޔާބު ކޮށްފަ އެވެ.
ނޭޕާލުގައި 2012 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ ގުރޫޕް ސްޓޭޖުގައި ރާއްޖޭން ނޭޕާލް ބަލިކުރި މެޗުގައި ޖެހި ހަމައެކަނި ލަނޑު ވެސް ޖަހައިދިނީ ހޮކޭ އެވެ. މި ގޯލު ވީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ވެސް ޖެހި ފުރަތަމަ ލަނޑަށެވެ. ގައުމީ ޓީމަށް 33 މެޗު ކުޅެދިން ހޮކޭ ވަނީ 2014 ވަނަ އަހަރު ބޭއްވި ޗެލެންޖު ކަޕުން ބްރޯންޒް މެޑަލް ހޯދި ރާއްޖޭގެ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.