20 ޖެނުއަރީ 2022 - 10:46

މޫނު ބުރުގާ އަޅައިގެން ޓީޗަރުން ސްކޫލުތަކުގައި ކިޔަވައިދޭއިރު އެއީ ކޮން ބައެއްކަމެއް ނޭނގޭ ކަމަށާއި ކިޔަވައިދޭ ވަގުތު ޓީޗަރުންގެ އައިޑެންޓިޓީ ޔަގީން ވާން ޖެހޭ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އެމްޑީޕީން މިގޮތަށް ބުނެފައި ވަނީ ސްކޫލުތަކުގައި މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމަށް ބައެއް ފަރާތްތަކުން ބާރުއަޅަމުން އަންނަ ކަމަށް ބުނެ ނެރުނު ބަޔާނެއްގަ އެވެ. އެގޮތަށް އެ ޕާޓީން ބުނިއިރު ސްކޫލުތަކުގައި މޫނު އަޅައިގެން މަސައްކަތްކުރަން ހުރަސް ނޭޅުމަށް އެޑިއުކޭޝަން މިނިސްޓްރީ އަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ އެދިފަ އެވެ.
އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއި ކުރައްވައި، އެޑިއުކޭޝަން މިނިސްޓަރަށް މިދިޔަ ހޯމަ ދުވަހު ފޮނުއްވި ސިޓީގައިވަނީ މީހަކު އަޅާ ހެދުމެއްގެ ސަބަބުން އެ މީހެއްގެ ގާބިލް ކަމަށް އަސަރު ނުކުރާނެ ކަމަށާއި އެހެންވެ، މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ.
ތުނބުޅި ބެހެއްޓުމާއި މޫނު ބުރުގާ އެޅުން ފަދަ ކަންކަމާ ގުޅޭގޮތުން ކުރާ ތަފާތު ކުރުންތައް ނައްތާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ނަމަވެސް އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ބެލެނިވެރިންނާއި ދަރިވަރުންގެ ތެރެއިން ގިނަ ބަޔަކީ އެ ދަރިވަރުންނަށް ސްކޫލުގައި ކިޔަވައިދޭއިރު ކިޔަވައިދެނީ ކޮން ބައެއްކަން ރަނގަޅަށް ސާފުވާ ގޮތަށް ތިބެން ބޭނުންވާ ބައެއް ކަމަށެވެ.
ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އެގޮތަށް އާދަކާދަ އޮވެ، ޓީޗަރުންނާއި ސްކޫލުތަކުން އެ މިންގަނޑުތައް ރަނގަޅަށް ބަލަހައްޓަމުން ގޮސްފައިވާ ކަމަށާއި ސްކޫލުތަކަކީ ދަރިވަރުންގެ މަސްލަހަތު ނަގަހައްޓަން ޖެހޭ އަދި އެކުދިންނަށް ރައްކާތެރިކަން ވެސް އޮންނަންޖެހޭ ތަނަކަށްވާއިރު ކިޔަވައިދިނުމަށް ދަރިވަރުންނާ ބައްދަކުރާ ޓީޗަރުންގެ އައިޑެންޓިޓީ ޔަގީން ވާންޖެހޭނެ ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.
އެ ޕާޓީގެ ކަންބޮޑުވުމަކީ މޫނު ބުރުގާ އަޅައިގެން ކިޔަވާ ދިނުމާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަކީ ދީނުން ބޭރުވެފައިވާ އަދި ލޭ ހުއްދަވެގެންވާ ބައެއް ކަމަށް ސިފަކުރާތީ އެވެ. އަދި އެގޮތަށް ސިފަކޮށް މީހުންގެ ހަށިފުރާނަ ނައްތާލައި ގެއްލުންދީފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ބަޔާނުގައި ފާހަގަކުރެ އެވެ.
"މިކަމުގައި މި މޭރުމުން ވާހަކައެއް ދައްކާ މީހަކީ ވެސް ދީނުން ބޭރުވެފައިވާ އަދި ލޭ ހުއްދަވެގެންވާ މީހެއް ކަމަށް ސިފަކުރާކުރުމާ މެދު މި ޕާޓީން އިންތިހާ އަށް ކަންބޮޑުވަމެވެ. އެހެންކަމުން، އެފަދަ ކުށްތަކުގެ މައްސަލަތައް ބެލުމުގައި އިތުރަށް ސަމާލުވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާޓީން ގޮވާލާގޮވާލުން ތަކުރާރުކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
މި ސަރުކާރުގެ ކުރީކޮޅު މޫނު ބުރުގާ އެޅިޔަސް އެއްވެސް ހުރަހެއް ނެތި ކިޔަވައިދިނުމުގެ ފުރުސަތު ދިނެވެ. އެކަމަކު މޫނު ބުރުގާގެ މައްސަލަ އަނެއްކާ ވެސް ހޫނުވެފައި މިވަނީ، ދެ ވަނަ ޓާމުގެ ކިޔެވުން ފެށިއިރު އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ސްކޫލްތަކުން އަމަލުކުރޭތޯ ބެލުމަށް ޕްރިންސިޕަލުންނަށް އެންގުމުންނެވެ. އޭގެ ތެރޭގައި މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމާ ގުޅޭ ކަންކަން ވެސް ހިމެނޭތީ މޫނު އަޅައިގެން ކިޔަވައިދޭ ގިނަ ޓީޗަރުންތަކެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދާލަތު ޕާޓީން ވެސް އެދިފައި ވަނީ ތުއްތު ކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ މޫނު ދަރިވަރުންނަށް ފެނުމަކީ މުހިންމު ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އަށް ގަބޫލު ކުރެވޭ ނަމަ، އެކަމަށް އެކަށީގެންވާ މާހައުލެއް ގާއިމްކޮށްދިނުމަށެވެ. އަދި އެފަދަ މާހައުލެއް ގާއިމް ނުކުރެވުމަކީ މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރުމުގެ ހައްގު ގެއްލެންޖެހޭ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.