15 ޑިސެމްބަރ 2016 - 18:34

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ބޭންކިން ހިދުމަތް ފުޅާކުރުމުގެ ގޮތުން ނ. ހޮޅުދޫގައި އާ ބްރާންޗެއް މިއަދު ހުޅުވައިފި އެވެ.
ބީއެމްއެލްގެ ބްރާންޗެއް ނ. އަތޮޅު ވެރިރަށް މަނަދޫގައި ވެސް ހުރެ އެވެ. އަދި ދާދި ފަހުން ވެލިދޫގައި ވަނީ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައިފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ މިއީ ބޭންކުން ކުރިއަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ރަށްރަށުގައި އަލަށް ހުޅުވަން ނިންމާފައިވާ ބްރާންޗްތަކުގެ ތެރެއިން އެއް ބްރާންޗް ކަމަށެވެ.
ބީއެމްއެލުން ބުނި ގޮތުގައި ހޮޅުދޫ ބްރާންޗުން ވެސް 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި އެކައުންޓް ހުޅުވުމާއި ލޯނަށް އެދުމާއި ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދުމުގެ ހިދުމަތް ވެސް ދެ އެވެ.
ހޮޅުދޫ ބްރާންޗް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ހޮޅުދޫގެ ރައްޔިތުންނާއި ވިޔަފާރިތަކާއި މުޅި މުޖުތަމައަށް އެ ބްރާންޗް މެދުވެރިކޮށް އެހީތެރިކަން ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ބީއެމްއެލް އިން ބުނީ މިއީ މުޖުތަމައަށް ކުރާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކުރުމަށާއި 150 އާ ވަޒީފާ އުފައްދަން ދާދި ފަހުން ބޭންކުން ނިންމި ޕްރޮގްރާމްގެ ދަށުން ކުރި ހުޅުވި ބްރާންޗެއް ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ނެޓްވޯކާ އެކު 20 އަތޮޅުގައި އެ ބޭންކުގެ 31 ބްރާންޗް އަދި 78 އޭޓީއެމާއި 4،000 ޕީއޯއެސް މާޗަންޓުންނާއި 191 ކޭޝް އޭޖެންޓުން އާއި 18 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓު ބޭނުންކުރެ އެވެ.