20 ޖެނުއަރީ 2022 - 13:40

އައިޖީއެމްއެޗްގެ ނަރުހަކަށް އުޅުނު ފިލިޕިންސްގެ މީހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) ގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ވަނީ ހަށިގަނޑަށް އިންޖެކްޓްކުރާނެ ގޮތް މޭރީގެ ފިރިމީހާ އަށް ކިޔައިދީ މެސެޖުކޮށްފައި ކަމަށާއި މީހަކު ހޭނައްތާލާނެ ގޮތުގެ މައުލޫމާތު މާވިން ވަނީ އިންޓަނެޓުން ސާޗުކޮށްފައި ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
މޭރީގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އަށް، އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކޮށްފައި ވާއިރު ލަހްމާ އަކީ މާވިންގެ ލޯބިވެރިޔާ އެވެ. އޭނާގެ މައްޗަށް މީހަކު މަރާލުމުގައި އެހީވުމާއި އިތުރު ދެ ދައުވާއެއް ކޮށްފައިވެ އެވެ.
މާވިންގެ މައްޗަށް ކުރަނީ އޮކްޓޫބަރު 19، 2021 ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، މީނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ އެވެ.
މި މައްސަލާގައި މިއަދު ޝަރީއަތް ފަށައި އިބްތިދާއީ މަރުހަލާ ފުރިހަމަކުރުމުގެ ބައި ކުރިއަށް ގެންދިއުމަށް ފަހު ދައުލަތުން ވަނީ ޝަރީއަތް ނިމެންދެން ލަމްހާ ބަންދުުގައި ބަހައްޓައިދޭން އެދިފަ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ދައުލަތުން ބުނީ މޭރީ މަރާލުމުގައި ލަމްހާގެ ބައިވެރިވުން އޮތް ކަމުގެ ހެކި އެބަހުރި ކަމަށާއި މޭރީ މަރާލުމުގެ ކުރިން، އޮކްޓޯބަރު 10 ވަނަ ދުވަހުގެ ކުރިން ފޯނުން ގޫގުލް ސާޗްކޮށްގެން ހޯދާފައިވާ މައުލޫމާތުން ވެސް އެކަމަށް ބާރު ލިބޭ ކަމަށެވެ.
މޭރީ މަރާލުމުގައި ލަމްހާގެ ބައިވެރިވުން އޮތް ކަމުގެ ހެއްކެއް ހުށަހަޅާފައި ނެތް ކަމަށާއި ހެކި ހުރީ މާވިންގެ މައްޗަށް ކަމަށް ލަމްހާގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވުމުން ދައުލަތުން ބުނީ އިތުރު ހެކި ހުށަހަޅާނެ ކަމަށާއި އޭގެ ތެރޭގައި މޯބައިލް ފޮރެންސިކް ރިޕޯޓް ހިމެނޭ ކަމަށެވެ. ދައުލަތުން ބުނި ގޮތުގައި އަންހެނެއްގެ ހަށިގަނޑަށް ސިރިންޖަކުން އެއްޗެއް ޖަހާނެ ގޮތް ލަމްހާ މާވިން އަށް އަށް މެސެޖުކޮށްފައިވާ ކަމަށެވެ. އަދި އަވަހަށް އިންޖެކްޓްކުރަން ޖެހޭނެ ކަމަށާއި ހުރިހާ އެއްޗެއް ހުސްވުމުގެ ކުރިން "މަރުވާނެ" ކަމަށް ވެސް ލަމްހާގެ މެސެޖެއްގައިވާ ކަމަށް ދައުލަތުން ބުންޏެވެ.
މީގެ އިތުރުން، ބޭނުންކޮށްފައިވާ ސިރިންޖެއް ލަމްހާގެ ގެއިން ފެނުނު ކަމަށާއި އެ ސިރިންޖް ވަނީ ތަހުލީލް ކުރުމަށް ރާއްޖޭން ބޭރަށް ފޮނުވާފައި ކަމަށް ދައުލަތުން ބުންޏެވެ.
މާވިން ވެސް މީހަކު ހޭނައްތާލާނެ ގޮތުގެ މައުލޫމާތު އިންޓަނެޓުން ސާޗްކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން މިހެން ބުނެފައި ވާއިރު ލަމްހާގެ މައްޗަށް ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ކޮށްފަ އެވެ. އެއީ ލަމްހާގެ ގޭތެރެއިން، ހޮސްޕިޓަލުގައި ނޫނީ ގެންގުޅުން މަނާ، މީހަކު މަރާލަން ބޭނުންކުރެވިދާނެ އިންޖެކްޝަންތަކެއް ފެނިފައި ވާތީ އެވެ.
ލަމްހާގެ ދިފާއީ ވަކީލް ވިދާޅުވީ ލަމްހާގެ މައްޗަށް އޮތީ ބޮޑު އެއް ދައުވާ ކަމަށާއި އެއީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ހެއްކެއް ނެތް ކަމަށާއި މޭރީ މަރާލީ ދުރާލައި ރާވައިގެން ކަމަށް ބުނާއިރު މާވިން އާއި މޭރީގެ ދަރިފުޅު ލަމްހާގެ ގެޔަށް ގެންދިއުމަކީ މޭރީ މަރާލުމުގައި ބައިވެރިވި ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި ލަމްހާ އާއި މޭރީއާ ދެމެދު މައްސަލަ ޖެހިފައިވަނީ މާވިން އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ކަމަށް ދައުލަތުން ވެސް ބުނާ ކަމަށާއި އެއީ އިންޒާރު ދިނުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ. ޝާއިރު ވިދާޅުވީ މީހެއްގެ ފިރިއަކު އެހެން މީހަކާ ލޯބީގެ ގޮތުން ގުޅިއްޖެ ނަމަ އެފަދަ ދެބަސްވުން ހިނގާނެ ކަމަށާއި އެއީ އާންމު ކަމެއް ކަމަށެވެ.
ލަމްހާ އަށް ކުރާ ދައުވާތަކަކީ؛
• އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުން
• އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުން
• ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން
• މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީ އާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާތީ
• ލަމްހާ އުޅުނު ގެ ފާސްކުރިއިރު، އެ ގޭގައި މީނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި އެ ހޮސްޕިޓަލުން މީނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީ
• ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ލަމްހާ އުޅޭ ތަނުން ފެނިފައިވާތީ
ލަމްހާއާ ދެކޮޅަށް ހުށަހަޅަން އިތުރު ހެކި އެބަހުރި ކަމަށް ދައުލަތުން ބުނުމުން، މައްސަލަ ބައްލަވާ ގާޒީ ހުސެން ފާއިޒް ރަޝާދް ވަނީ އެކަމާ މެދު ގޮތެއް ނިންމަވާނީ އާ ހެއްކަށް ރިއާޔަތްކޮށްފައި ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ މިހާރު ހުރި ހެކިތަކަށް ބަލައި، ލަމްހާ ބަންދުން ދޫކޮށްލެވެން ނެތް ކަމަށާއި އިތުރު 30 ދުވަހު ބަންދުގައި ބަހައްޓަން ވަނީ އަމުރުކުރައްވައިފަ އެވެ.
ލަމްހާގެ ޝަރީއަތުގެ ކުރިން މާވިންގެ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ މާވިންގެ ބަންދަށް ވެސް 30 ދުވަސް ދެއްވައިފަ އެވެ.
އޮކްޓޫބަރު 19، 2021 ގައި ދަންޖެހިގެން މަރުވި ކަމަށް ބުނާ ނަރުހުގެ މަރުގައި ޝައްކުތަކެއް ހުރުމުން އެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރީ އައިޖީއެމްއެޗްގައި ނަރުހަކަށް އުޅޭ މޭރީގެ ފިރިމީހާ، މާވިންނެވެ. އެ ހޮސްޕިޓަލްގެ އީއާރްގައި ނަރުހަކަށް އުޅޭ، މާވިންގެ ލޯބިވެރިޔާ ލަމްހާ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.