19 ޖެނުއަރީ 2022 - 13:49

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި މެދު ހެންވޭރު ދާއިރާގެ ޕީޕީއެމް މެމްބަރު އާދަމް ރަމީޒް، އޯޓިޒަމް ކުދިންނަށް މަލާމާތްކޮށް ވާހަކަ ދައްކަވައިފި އެވެ. އަދި އެކަން، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ކުށްވެރިކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ރަމީޒް ވިދާޅުވީ މި ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގައި އޯޓިސްޓިކް ކުދިން އެބަތިބި ކަމަށާއި އެކަމާ ހައިރާންނުވާ ކަމަށެވެ. އެ މިނިސްޓްރީތަކަށް ލާފައިވާ ބޭފުޅުންގެ ތެރެއިން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް އޭނާ ބައްލަވަނީ "އޭގެ ކުއްޖެއްގެ" ގޮތުގައި ކަމަށް ރަމީޒު ވިދާޅުވި އެވެ.
"މިހެން މި ބުނާ ސަބަބަކީ އަޅުގަނޑުމެން ހަމަ މަސައްކަތެއް ކުރަން ތައްޔާރުވާއިރަށް އެ ބޭފުޅާ އެބަ ފޮނުވާ މިކަމެއް ނުވާނެއޭ، އެކަމެއް ނުވާނެއޭ ކިޔާފައި ސިޓީ. އެ ބޭފުޅާ އަތުގައި ސިޓީ ލިޔެވެން އޮތީމަ ފޮނުވަނީ، އެ ބޭފުޅާ އެއްވެސް ވަރަކަށް ގާނޫނެއް ނުބައްލަވާ. އަޅުގަނޑު އަކްރަމް ކަމާލުއްދީނަށް ދަންނަވާލަން ބޭނުންވަނީ އަކްރަމް ކަމާލުއްދީން ހުންނަވާށޭ ގާނޫނުގެ ތެރޭގައި،" ރަމީޒް ވިދާޅުވި އެވެ.
އެކަމަކު އެ ވާހަކަތައް، ކައުންސިލްގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވަނީ ހުއްޓުވައިފަ އެވެ. ޖަލްސާ އަށް ފަހު ރަމީޒު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ ދެއްކެވި ވާހަކަތަކަށް މާފަށް ވެސް އެދިވަޑައިގެންފަ އެވެ.
މިކަމާ ގުޅިގެން، ޖެންޑާ މިނިސްޓަރު އައިޝާ ކޯފާވެ، ފޭސްބުކް ޕޯސްޓެއް ކުރައްވައި ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހަޖޫ ޖަހައި މަލާމަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރައްދުވާ ގޮތަށް އެފަދަ ބަސްތައް ބޭނުން ނުކުރުމަށް ވެސް މިނިސްޓަރު އެދިވަޑައިގަތެވެ.