ރޯވި މޯލްޑިވިއަންގެ ބޯޓު މަރާމާތަށް ފަހު މާލެ ގެނެސްފި
ރޯވި މޯލްޑިވިއަންގެ ބޯޓު މަރާމާތަށް ފަހު މާލެ ގެނެސްފި

ހދ. ހަނިމާދޫން ފުރަން ތައްޔާރުވެފައި ވަނިކޮށް ރޭ އަލިފާން ރޯވި މޯލްޑިވިއަންގެ މަތިންދާބޯޓު މަރާމާތު ކުރުމަށް ފަހު މާލެ ގެނެސްފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިިހާދު "މިހާރު" އަށް ވިދާޅުވީ އެ ބޯޓު މަރާމާތް ކުރުމަށް ރޭގެ ވަގުތެއްގައި އިންޖިނިއަރުންގެ ޓީމެއް ހަނިމާދޫއަށް ފޮނުވި ކަމަށެވެ. އަދި ބޯޓު މަރާމާތު ކުރުމަށް ފަހު ބޯޓާއެކު އެ ޓީމު ރޭ ފަތިހު މާލެ އައިސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޯވި ބޯޓުން ރޭ މާލެ ދަތުރު ކުރަން ތިބި ފަސިންޖަރުން ގެނައީ އިންޖިނިއަރުން ގޮވައިގެން ހަނިމާދޫ އަށް ދިޔަ ބޯޓުގަ އެވެ. އެ ބޯޓުގައި 32 ފަސިންޖަރުން ދަތުރު ކުރި ކަމަށް މިހާދު ވިދާޅުވި އެވެ.

"ރޭ އަޅުގަނޑުމެންވާނީ އިތުރު ބޯޓެއް އިންޖިނިއަރުންނާ އެކު ހަނިމާދޫއަށް ފޮނުވާފައި. މާލެ އަންނަން ތިބި ފަސިންޖަރުން އެ ބޯޓުން ގެނައީ،" މިހާދު ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގީ ކޮކްޕިޓް ތެރޭގަ އެވެ. އަލިފާން ވަގުތުން ނިއްވާލާފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

މި ހާދިސާ ހިނގަން މެދުވެރި ސަބަބު ހޯދުމަށް ތަހުގީގުތައް ވަނީ ފަށައިފަ އެވެ. މޯލްޑިވިއަނުން ބުނިގޮތުގައި އެ ބޯޓުގެ ކޯ ޕައިލެޓްގެ ކައިރިން ވިންޑް ސްކްރީން ވަނީ ތަޅައިގެން ގޮސްފައި ކަމަށާއި އެކަން ވެސް ތަހުގީގު ކުރާނެ ކަމަށެވެ.

މޯލްޑިވިއަންގެ މަތިންދާބޯޓުތަކަކީ ގިނަ ދުވަސްވީ ބޯޓުތަކެކެވެ. އެ އެއާލަނުގެ ފްލީޓުގައި 20 އަހަރުވެފައިވާ ބޯޓުތައް ވެސް ހިމެނޭއިރު އަލިފާނުގެ ހާދިސާ ހިނގީ ބޯޓުތައް ބާވުމުގެ ސަބަބުން ކަމަށް ބައެއް މީހުން ބުނެ އެވެ.

އެ އެއާލައިނުން ވަނީ ފްލީޓު އާ ކުރަން އޭޓީއާރުގެ ތިން މަތިންދާ ބޯޓު ވެސް ގަނެފަ އެވެ. މި ބޯޓުތައް މި އަހަރުގެ ފަހުކޮޅު ރާއްޖެ ގެނެވޭނެ ކަމަށް އެ ބޯޓުތައް އުފައްދާ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ.