31 ޖެނުއަރީ 2022 - 13:26

"ނޫސްވެރިކަމުގައި މިހާރު މިއޮތީ މުޅިން އެހެން ޒަމާނެއް. ވަކިވަކި ކަންތައްތަކަށް ބަލާލިޔަސް، ލިޔުމާއި ބޭނުން ކުރާ އާލާތަށާއި ވަސީލަތްތަކަށް ބެލިޔަސް، މިހާރުގެ ނޫސްވެރިކަމުން މި ފެންނަނީ މުޅިން އެހެން މަންޒަރެއް،" ވިއްސަކަށް އަހަރު ނޫސްވެރިކަން ކޮށް، އެ ދާއިރާ ރިޓަޔާ ކޮށްގެން ހުރި ކުރީގެ ނޫސްވެރިޔާ އަހުމަދު އަބްދުﷲ ބުންޏެވެ.

އޭނާ ނޫސްވެރިކަމަށް ނުކުތީ، ރާއްޖޭގެ ނޫސްވެރިކަމުގެ އެންމެ ހަލަބޮލި ދުވަސްވަރު، 1994 ގަ އެވެ. އޭރު "ހަވީރު"ގައި ތަމްރީނު ހޯދަން ވަތް މީހުންގެ ތެރޭގައި އޭނާ ހިމެނި، ފަހުންް ދާއިމީވެ، ހަވީރުގައި 13 އަހަރު ނޫސްވެރިކަން ކުރި އެވެ.

މިއަދު ނެރުނު "ނޫސްވެރިކަން: ތަޖުރިބާ އިން ފިލާވަޅު"ގައި ގިނައިން ހިމެނެނީ އޭރުގެ އެ ވާހަކަތަކެވެ. ނޫސްވެރިކަމުގެ އޭރު، ނުވަތަ މީގެ ފަންސަވީހަކަށް އަހަރު ކުރިން ނޫސްވެރިކަން ކުރި ގޮތާއި ނޫސްވެރިކަމުގެ ހާލަތް ބަދަލުވަމުން އައި ގޮތެވެ. އަމިއްލަ އަށް ކުރި ތަޖުރިބާތަކެވެ. އަދި، ސިޔާސީ ގޮތުން ދިމާވި ގޮންޖެހުންތަކާއި ދަތި އުނދަގޫތަކާއި ދެއްކި ބިރުތަކާއި ނޫސްތަކުގެ ސިޔާސަތުތަކަށް އައި ބަދަލުތަކެވެ.
އޭގެ އިތުރުން، "ހަވީރު"ގެ ފަހުން ސަރުކާރުގެ މީޑިއާ ޕީއެސްއެމްގައި ކުރި ތަޖުރިބާތައް ވެސް އޭނާގެ ފޮތުގައި ވަނީ ހިމަނައިފަ އެވެ. އޭނާ ވަނީ ފިއެސްގައި އެއް އަހަރު، އަދި ޕީއެސްއެމްގައި ހަ އަހަރު ހޭދަކޮށްފަ އެވެ. އެއީ، ފޮތުގައި ބުނެފައިވާ ގޮތުން، އޭނާ ކުރި ވަރަށް ތަފާތު ތަޖުރިބާއެކެވެ.
"މީގައި ބޮޑަށް އަލި އަޅުވާލައިފައި އޮންނާނީ މީޑިއާގައި ކުރި ތަޖުރިބާތަކަށް އެކަންޏެއް ވެސް ނޫން. ހަގީގަތުގައި އެ ތަޖުރިބާތައް މި ކިޔައިދިނީ، ނޫސްވެރިކަމަށް ވަންނަ ޒުވާނުންނަށް ވެސް އެ ތަޖުރިބާތަކުގެ ބޭނުމެއް ހިފިދާނެތީ،" މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފުރަތަމަ ނައިބު ރައީސް ކަން ވެސް ކުރި އަހުމަދު ބުންޏެވެ.
އެ ފޮތުގައި ހުރި، އޭނާ ކޮށްފައިވާ ނޫސްވެރިކަމުގެ މުހިންމު ތަޖުރިބާތަކުގެ ތެރޭގައި، ލިޔުމަކާ ގުޅިގެން ތިން ދުވަހު ޖަލުގައި ބަންދުކުރަން ޖެހުމާއި ސިޔާސީ ބައެއް ފަރާތްތަކުގެ ބިރު ދެއްކުމާއި އޭނާ އަށް ބަޔަކު ދިން ހާދިސާއެއް ހިމެނެ އެވެ. އަހުމަދު ބުނި ގޮތުގައި، އޭނާ "ފިޔެސް" މަޖައްލާ އަށް ލިޔުނު ލިޔުމަކާ ގުޅިގެން، "ބަޔާނެއް ނުދީގެން" ތިން ދުވަހު ޖަލުގައި ހޭދަކުރަން ޖެހުނެވެ. އަދި ލިޔުނު ލިޔުމަކާ ގުޅިގެން ގޯޅިއެއްގެ ތެރެއިން ވޭނެއްގައި ބަޔަކު ހިފަހައްޓައި އޭނާ އަށް އަނިޔާ ކުރި އެވެ.
"ދެން އޮތީ އެކިއެކި އިންޒާރު. އެއީ ވަރަށް ގިނައިން ލިބޭ އެއްޗެއް،" މިހާރު ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މަސައްކަތް ކުރާ އަހުމަދު ބުންޏެވެ.
"އެކަމަަކު 'ހަވީރު'ގައި އުޅުނު އިރު، ރާއްޖޭގައި ދީނީ ހައްދުފަހަނައެޅުން އޮތް ވަރު ބަލަން ލ. އަތޮޅަށް ކުރި ދަތުރުގެ ބިރުވެރި ކަންކަން އެއީ ނޫސްވެރިކަމުގައި މިހާރު އުޅޭ މީހުންނަށް މުހިންމު ވާހަކަތަކަކަށް ވާނެ،" އޭނާ ބުންޏެވެ.
ނޫސްވެރިކަމުގައި އޭނާ ހޭދަކުރި ވިއްސަކަށް އަހަރުގެ ތެރޭގައި އަހުމަދު ވަނީ ނޫސްވެރިކަމުގެ އެންމެ އާދައިގެ މަސައްކަތްތަކުގެ އިތުރުން ޕޮލިސީ ރޭވުމުގެ ވަޒީފާތައް ވެސް އަދާކޮށްފަ އެވެ. އެހެންވެ، ސިޔާސީ ފަރާތްތަކުން ނުފޫޒު ހިންގައިފާނެ ގޮތްތައް އެ ފޮތުގައި ވަނީ ހިމަނައިފަ އެވެ. އޭގެ ބައެއް ހާދިސާތައް ވެސް އޭނާ ކިޔައިދީފައި ވެ އެވެ.
ނޫސްވެރިކަމުން އަހުމަދު ދުރަށް ޖެހުނީ އޭނާ ބުނި ގޮތުގަައި އަމިއްލަ ވިޔަފާރިއަކަށް ވަގުތު ދޭން ޖެހުމުންނެވެ. އެކަމަކު އޭނާ ބުނާ ގޮތުން، ނޫސްވެރިކަމުގެ ހަނދާންތަކާ އޭނާ ވަތްކެއް ނުވެ އެވެ. އެއީ ކުރާ ހިތުން ކުރި، އަދިވެސް ކުރަން ބޭނުންވާ މަސައްކަތް ކަމަށް އޭނާ ބުނެ އެވެ.
"އެކަމަކު މީހުންގެ ވިސްނުން ވެސް މިހާރު މިއޮތީ ބަދަލުވެފައި. ނޫސްވެރިންނާ ދޭތެރޭ މިހާރު ދެކޭ ގޮތް ވެސް ތަފާތު،" އޭނާ ބުންޏެވެ.
މި ފޮތުން އަހުމަދު ދޭން ބޭނުންވި އަނެއް "ފިލާވަޅަ"ކީ، އޭނާ ބުނި ގޮތުން ނޫސްވެރިކަމުގައި އާންމު ގަވައިދުތަކެވެ. އެއީ ގަވައިދެއްގައި ލިޔެފައި ނެތަސް، ލިޔުންތެރިކަމުގެ ގޮތުންނާއި ނޫސްވެރިކަމުގައި ވެސް ބޭނުން ކުރަން ޖެހޭ ހަމަތަކެވެ.
"މި ފޮތް ކިޔާ މީހަކަށް އެނގޭނެ ހަބަރާއި ރިޕޯޓްތައް މައިގަނޑު ގޮތެއްގައި ބައްޓަން ކުރަންވީ ގޮތާއި ރިޕޯޓްތަކަށް އިންޓަވިއު ކުރާނެ ގޮތާއި، ސައިކޮލޮޖިކަލީ މީހާ ޕްރިޕެއާ ވާނެ ގޮތާއި އަދި މަސައްކަތުގެ އަހުލާގު ވެސް ހުންނަންވީ ގޮތް."
އަހުމަދު ލިޔުނު ފޮތް ޗާޕްކޮށްގެން އާންމު ކުރިތާ ދެ ހަފުތާއެއް ވަރު ވިޔަސް، އެ ފޮތް ރަސްމީކޮށް ނެރުނީ މިއަދު އެވެ. ފޮތް ޗާޕްކޮށްދިނީ، ކުރީގެ ނޫސްވެރިޔާ މަސްއޫދު ހިލްމީ އެވެ.
"އަޅުގަނޑު ގަސްތުކޮށްފައި އޮތީ މި ފޮތް އިލްމީ ގޮތުން ބޭނުން ކުރާ ތަންތަނަށް ހިލޭ ދޭން. ވިއްކާ ފޮތެއް ނޫން މިއީ،" އޭނާ ބުންޏެވެ.