19 ޖެނުއަރީ 2022 - 09:14

އާދިއްތަ ދުވަހާ ގުޅޭ
ފިހާރައިގެ ނަންތައް ވެސް ފަޒީލަށް އަލެވެ. ކޮންމެ ފިހާރައެއް ފެނުމުން ފަޒީލު ހިތަށްއަރައެވެ. މީ ކޮން އިރަކު ހުޅުވި ފިހާރައެއް ހެއްޔެވެ؟ އެ ގަޑީގައި ފިހާރައިގައި އެއްވެސް މީހަކު ނެތީ ކީއްވެގެން ހެއްޔެވެ؟ މާ އަވަހަށް ބަންދުކުރީ ހެއްޔެވެ؟ ބަންދު ބޯޑު ބަލާކަށް ފަޒީލު ހިތަކަށްނާރައެވެ. މަގުމަތީގައި ދުއްވާއެއްޗެހި ކިތަންމެ ގިނަޔަސް ފަޒީލު ލޮލަކު އެޔެއް އަޅައެއްނުގަނެއެވެ. މަގު ހުރަސްކޮށްލަން ވެސް ފަޒީލު ހިތަށްނޭރީއެވެ. އެރި ނަމަ އެއްވެސް ފިކުރެއް ނެތި ހުރަސްކުރީހެވެ. ހިތާމަވެރި ހާދިސާއެއް ހިނގީހެވެ. އޮލިންޕަސް ކިޔާ ތަނެއް ފަޒީލަށް ފެނުނެވެ. އެއީ ކޮން ތަނެއްކަމެއް ސިކުނޑި ބުނައެއް ނުދިނެވެ. ހިނގަމުން ގޮސް ފަޒީލަށް ދެވުނީ އެންމެ އަތިރި މަގަށެވެ. ވާޓަރު މައްޗަށް ވެސް ފަޒީލު އެރިއެވެ. އެ ހިނދު ފަޒީލުގެ ހިތް ފަޒީލާ ސުވާލުކުރިއެވެ. އެ ތަނަށް ފަޒީލު އައީ ކީއްކުރަން ހެއްޔެވެ؟ އަތުގައި އޮތް ފުޅިއަށް ބަލައިލުމަށް ފަހު އެ ފުޅި ދުރަށް ހޫރައިލިއެވެ. ކުރިމަތީގައި އޮތީ މޫދެވެ. ފަޒީލު މޫދާ ދިމާއަށް ހިނގައިގަންނަން ފަރިކޮށްލިއެވެ.
"ފަޒީލު!" މީހަކު ގޮވައިލި އަޑު އިވުނެވެ.
ފަޒީލު ފަހަތް ބަލައިލި އިރު ނާޝިދު ސައިކަލު މަޑުކޮށްލައިގެން ބަލަހައްޓައިގެން އިނެވެ. ނާޝިދަކީ ފަޒީލުގެ އޮފީސް އެކުވެރިޔެކެވެ.
"ކޮން ވަޑާމެއް؟" ނާޝިދު އެހިއެވެ.
އެ ވަގުތު މަގުހިނގާ އެންމެން ވެސް ފަޒީލަށް ފެނުނެވެ. އެއްގަމު އުޅަނދުތަކާއި އޭގެ އަޑު ވެސް އިވުނެވެ. އެހެނަސް ފަޒީލު އެހާ ހިސާބަށް އައީ ކީއްކުރަން ހެއްޔެވެ؟ އެޔެއް ނޭނގުނެވެ. ނާޝިދު ގާތުގައި އެހެން ބުނާކަށް ނުކެރުނެވެ.
"މީ ދެން ހަމަ ފިނިކޮށްލަނީ." ވާޓަރު މަތީގައި އިށީންނަމުން ފަޒީލު ބުންޏެވެ.
ހިނިގަނޑެއްޖަހައިފައި ނާޝިދު ސައިކަލު ދުއްވައިލިއެވެ. ފަޒީލު ގާތަކަށް ހިންޏެއްނައެވެ. ކުރީ ދެ ހާދިސާގެ ހަނދާންތަކުން ސިކުނޑި ހަލަބޮލިކޮށްލިއެވެ. ފަޒީލު ހިތަށްއެރިއެވެ. އަހަންނަށް މި ވަނީ ކީއް ހެއްޔެވެ؟ ހަނދާންނެތޭ ބަލި ޖެހެނީ ހެއްޔެވެ؟ ގެޔާ އެހާ ދުރަށް ފަޒީލު އައީ ކީއްކުރަން ހެއްޔެވެ؟ ފަޒީލު އެއްގަމަށް ހިނގައިގަތެވެ. ސައިކަލު ފެނޭތޯ ހޯދިއެވެ. އެއިން ހިސާބަކު ވެސް ސައިކަލެއް ނެތެވެ. ފަޒީލު ގެއާ ދިމާއަށް ހިނގައިގަތެވެ. އެ ވަގުތު އަމާނާގެ ފޯނެއް އައެވެ.
"ކޮބާ؟ އެބަ އަންނަމޭ ކިޔާފަ ގޮސް ކޮންތާކު ތި އުޅެނީ؟" އަމާނާ ވަރަށް އުފާވެފައި ބުންޏެވެ. "އަހަންނަށް ސަޕްރައިޒެއް ގެންނަނީތަ؟"
ކުއްލިއަކަށް ފަޒީލުގެ ހަނދާންތައް ސިކުނޑިއަށް ޖަމާވިއެވެ. ވަގުތުން ވާހަކައެއް ހަދައިލައިގެން އަމާނާއަށް އޮޅުވައިލައިފައި ފޯނު ބޭއްވިއެވެ. އިރުކޮޅެއްވަންދެން ވިސްނައިލިއެވެ. އަމާނާ ގާތުގައި އެ ވާހަކަ ބުނާނެ ގޮތަކާ މެދުގައެވެ. ދެން ހިތަށްއެރިއެވެ. ނުބުނާނަމެވެ. ކަމަކާނުލައި އަމާނާ ހާސްކޮށްލާނެކަމެއް ނެތެވެ. އެ ކަން އެ ނިމުނީއެވެ. އެ ހާދިސާ އެކަކަށް ވެސް އެނގޭކަށް ނުޖެހެއެވެ. ފުޅިއެއް ހޯދައިގެން އެ ރޭ ސައިކަލަށް ޕެޓުރޯލު އެޅުނެވެ. އެހެނަސް މާބޮނޑިއެއް ނުގަނެވުނެވެ. އަނެއްކާ އެ ތަން ފޫބައްދަން ދޮގެއްހަދައި އެ ކަން ފޫބައްދައިލީއެވެ.
ހަޔާތުގައި ދިމާވާ މައްސަލަތައް ހައްލުކުރެވެނީ މަޝްވަރާކޮށްގެންނެވެ. އެ ވާހަކަދައްކައިގެންނެވެ. ފަޒީލު ބޭނުންވީ ސިއްރުކުރާށެވެ. ކަމެއް ނުވާކަމަށް ހަދާށެވެ. އެއީ ކައިވެނީގެ ފަސްގަނޑުގައި ފަޒީލަށް އިންދުނު ނުބައި އޮށެކެވެ. ނިންމުނު ގޯސް ނިންމުމެކެވެ. އަމާނާގެ ބަނޑުގައި ދަރިފުޅު ބޮޑުވަމުން އައި ދުވެލީގައި، ފަޒީލުގެ ސިކުނޑީގައި ފިކުރުތައް ވެސް އައީ ގިނަވަމުންނެވެ. ފަޒީލު ހިތަށްއެރިއެވެ. ކުރިޔަށް އޮތް ތަނުގައި ފަޒީލުގެ ނަފުސާނީ ބައްޔެއް ފެންމަތިވާން އުޅެނީ ހެއްޔެވެ؟ އެހެން ވެއްޖެ ނަމަ، ފަޒީލު ދޫކޮށްލައިފައި އަމާނާ ހިނގައިދާނެ ހެއްޔެވެ؟ ފަޒީލަށް ދަރިފުޅު ގެއްލޭނީ ހެއްޔެވެ؟ ފަޒީލު އެކަނިވެރިވެ ބާކީވާނީ ހެއްޔެވެ؟ އެ ހިޔާލުތައް ފަޒީލު ބިރުގަންނަވައި، ހާސްކުރުވިއެވެ. ހިތްދަތިކުރުވައި، ޝައްކުބަލި ޖެއްސިއެވެ. ކުދިކުދި ކަންތަކާ ރުޅިއައިސް، އާދައިގެ ކަންކަމާ ފަޒީލު ހަރުކަށިވާން ފެށިއެވެ. ފަޒީލުގެ މިޒާޖަށް އައި ކުއްލި ބަދަލު އެންމެނަށް ފާހަގަވިއެވެ. ޒައްރަކަށް ވުރެ ކުޑަ މައްސަލައެއް ބައްރަކަށްވެ، ފަޒީލުގެ ހަށްޓަށް ނުތަކާ ވަރުވިއެވެ. އެހީހޯދައި މަޝްވަރާކުރަންވީ ވަގުތު ސިއްރުކުރީމައެވެ.
މާބަނޑުވުމަކީ އަންހެނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ކަމެކެވެ. ރުންކުރުވާ ކަމެކެވެ. ދުރާލައި އެ ކަން ދަނެގަނެ، ތައްޔާރުވާން ޖެހެނީ ފިރިމީހާއަށެވެ. ފަޒީލަށެވެ. އޭނަ ހުރީ އެހެން މީހެއްގެ އެހީ ބޭނުންވާ ހިސާބުގައެވެ. ކަންތައްތައް ދިޔައީ ގޯހުން ގޯހަށެވެ. އަމާނާއަށް އިނގިލި ދިއްކުރެވުނީ ފަޒީލަށެވެ. ފަޒީލު ހުރިހައި ތުހުމަތެއް އެޅުވީ އަމާނާގެ ބޮލުގައެވެ. މަންޒަރު "ބަލަން" ދުރުގައި ތިބި އެކުވެރީންނާއި އާއިލާ މީހުން ތިބީ އިނގިލިކުރީގައި ދައިގަނެގެންނެވެ. އަންނަ މެހުމާނަށް މަރުހަބާކިޔަން ރަތްދޫލަ އަޅަންވީ މަގުގައި ހެދެމުންއައި އަޑިގަނޑުގެ ފުންކަމުންނެވެ. ދަރިއެއް ނުހޯދި ނަމަ މާ ރަނގަޅުވީހޭ ވެސް އެއް ބަޔަކު ކިޔެވެ. އަނެއް ބަޔަކު ބުނީ ދިމާ އިދިކޮޅަށެވެ. އެ މީހުން ކިޔެވެ. ދަރިއަކު ލިބޭ އިރަށް ހުރިހައި ކަމެއް ހަމައަކަށް އެޅޭނެއެވެ. ރުޅި ކޮންޓުރޯލު ނުކުރެވޭ، ޒީލަ ގަދަ މީހުންނަކީ އަމާނާ ގަޔާވާ ބަޔެއް ނޫނެވެ. ފަޒީލު ކަމުދިޔައީ ވެސް ސަބަބެއް އޮވެގެންނެވެ. ފަޒީލަކީ ރުޅިގަދަ މީހެއް ނޫނެވެ. އޭނަ ކޮބައި ހެއްޔެވެ؟ އަމާނާގެ ފިރިޔަކީ ކާކު ހެއްޔެވެ؟ ހަމަ އެ ފަޒީލު ހެއްޔެވެ؟
ހަޔާތުގައި ދިމާވާ މައްސަލަތަކާ މެދު އެހެން މީހުން ވިސްނާ ގޮތެއް އަމާނާއަކަށް ނޭނގެއެވެ. އަމާނާ މައްސަލަތައް ބެހީ ދެ ބަޔަކަށެވެ. އެއީ އާންމު ކަންކަމާއި، ހައްސާސް ކަންކަމެވެ. ހައްސާސް ވާހަކަތައް ދައްކަން އަމާނާ އައްޔަންކުރީ އެންމެ އެކުވެރިއެކެވެ. އެއީ ރީނާއެވެ. ކުޑައިރުގެ އެކުވެރިޔާއެވެ. އޭނަ ގާތުގައި އަމާނާއަށް ހުރިހައި ވާހަކައެއް ދެއްކެއެވެ.
"އަހަންނަކަށް މިހެނެއް ނޫޅެވޭނެ،" ރީނާ ގެއަށް ގެނެސް އަމާނާ އެ ވާހަކަދެއްކިއެވެ. "ޑިވޯސް ފޯމު ވެސް ފިލްކޮށްފިން. ގަޔަށްބޮލަށްއަރަން ފެށީމަ ދެނެއް ޓޮލަރޭޓެއް ނުކުރެވޭނެ. މިހާރު ނުވެސް ނިދޭ. ހުވާ! އެއީ އޭނަ ކުރިން އުޅޭ ވައްތަރެއް ނޫނޭ. ބައެއް ފަހަރު ހީވާނެ އޭނައަށް ފެންނަނީ އަހަންނެއް ނޫނޭ ވެސް."
ރީނާއަކީ ޑަކުޓަރެއް ނޫނެވެ. ވަގުތުން ލިޔާނެ ބޭސްސިޓީއެއް ވެސް ނެތެވެ. އެކަމަކު، ކުޑަ އިރުއް ސުރެ ދަންނަ އެކުވެރިޔާއަށް އެހީވާން ރީނާ ބޭނުމެވެ.
"މީހެއްގެ ވާހަކަ ނުދައްކާ އަހަރެންގެ ވާހަކަ ދައްކަމާ ހިނގާ!" ރީނާ ހިއްސާކުރީ އަމިއްލަ ތަޖުރިބާއެވެ. "އަމާނާ މެރީކުރި އަހަރު އަހަރެން އަފޫޔާ މެރީކުރީ ދޯ؟ އަމާނާއަށް އެނގޭނެ އަފޫ ބިޓެއް ނެގިކަން ވެސް. ހަމަ ކުއްލިއަކަށް ރުޅި ވެސް ގަދަވީ. މަންމަ ބުނީ ކިޑެއް ހޯދީމަ ރަނގަޅުވާނޭ. މަންމައަށް ވެސް ހަމަ އެހެނޯ ވީ. އެހެންވީމަ މީ ފިރިހެނުންގެ ކަށީގަހިފާފަ ހުންނަ ކަމެއްނު. އަހަރެން ވެސް ހިތަށްއެރި ކިޑަށް އަނިޔާކުރަން ފަށައިފިއްޔާ ދެން ކިހިނެއްހޭ ހަދާނީ. އެންމެ ފަހުން ކުއްޖާ ވެސް ވިހެއީ. އަފޫގެ ބިޓިން ވެސް ހުއްޓުނީ. ރުޅި ވެސް މިހާރު ކިހާ މަޑު. އަހަރެންގެ މާ ބޮޑު ޗޮއިސްއެއް ވެސް ނެތް. ޑިވޯސްވެއްޖެއްޔާ ގެއިން ވެސް ނުކުންނަން ޖެހޭނީ. އަމާނާއަކަށް އެހެނެއް ވެސް ނުވާނެ. ކޮން ކަމަކާ ހާސްވަނީ؟"
ރިނާ ދެއްކި ވާހަކަތައް އަމާނާއަށް ގަބޫލުކުރެވުނެވެ. އެކަމަކު އެއް ކަމެއް ފާހަގަވިއެވެ.
"އަފޫ ބިޓެއް ނެގިއެއްނު!" އަމާނާ ބުންޏެވެ. "ރީޒަނެއް އެބަ އޮތެއްނު! މީގަ ރީޒަނެއް ނޭނގެޔޭ!"
"އެއީ މައްސަލައެއްތަ؟" ރީނާ ސުވާލުކުރިއެވެ. "ކިޑް ލިބޭ އިރަށް މައްސަލަ ހައްލުވެއްޖެއްޔާ، ރީޒަން ހޯދަން ޕޮލިހުން ފޮނުވާކަށް ނުޖެހެއެއްނު! ތި އުޅެނީ ބޯގޮއްވާނެ ކަންތައް މަދުވެގެންތަ؟"
ލައްކަ ވާހަކަދެއްކުމަށް ފަހުގައި އަމާނާގެ ވިސްނުން ބަދަލުކުރިއެވެ. ވަރިނުވާން ނިންމިއެވެ. ބަދަލުގައި އަމާނާގެ ކެތްތެރިކަން މެކުހަށްޖަހަން ޖެހުނެވެ. ފަޒީލު ކުރަނީ އެއްވަރުގެ ކަންތަކެވެ. އަމާނާ ފެންވަރައިގެން ނުކުމެ ރީތިވާން ހުއްޓައި ފަޒީލު ލެޕްޓޮޕުން މީހަކާ ވީޑިޔޯ ޗެޓެއް ފަށައިފާނެއެވެ. އަމާނާއަށް އެނގޭނީ އެތައް އިރެއް ފަހުންނެވެ. ލިބޭނީ އެއް ޖަވާބުތަކެކެވެ. އަމާނާ ކޮޓަރީގައި އުޅޭކަން ފަޒީލު ހަނދާންނެތުނީއެވެ. އިނދެވުނީ ކޮޓަރީގައިކަން ފަޒީލަށް ނޭނގުނީއެވެ. އެއްޗެއް ގަންނަން ފިހާރަޔަކަށް ވަދެފައި ދެން ނުކުމެފައި ސައިކަލު ގެއްލިގެން އުޅެފާނެއެވެ. ހިނގައިފައި ގެއަށް އަންނަން ޖެހެނީ މަދެއްކޮށެއް ނޫނެވެ. ތަނަކަށް ގެންގޮސްދޭން އަމާނާ ބުނުމުން، އެ ތަނުގެ ކުރިމަތިން ދެ ފަހަރު ދާ އިރު ވެސް ފަޒީލު ނުހުއްޓައިފާނެއެވެ. ފަޒީލަށް އެ ތަން ނުފެނުނީއެވެ. އަމާނާއަށް އެނގެއެވެ. ފަޒީލު އުޅެނީ އެއް ގޮތަކުން ނޫނީ އަނެއް ގޮތަކުން ނަމަވެސް އަމާނާ ރުޅިއަރުވާށެވެ. ކީއްވެގެން ހެއްޔެވެ؟ އޭގެ ޖަވާބެއް އަމާނާއަކަށް ނޭނގެއެވެ. އަމާނާ ހުރީ ރުޅިނާންނަން ނިޔަތްގަނެ، އަނގައިގައި ޒިބުއަޅައިގެންނެވެ.
އަމާނާ ވިހެއީ ފިރިހެންކުއްޖެކެވެ. ނަމަކަށް ކިއީ ރަޖުވާންއެވެ. މާނައަކީ އުންމީދުތަކެވެ. އަމާނާ ދުށް ގޮތުގައި ރަޖުވާނަކީ، ކައިވެނި ރޫޅުމުން ސަލާމަތްކޮށްދޭނެ ހަމަ އެކަނި އުންމީދެވެ. ދަރިންނަކީ މައިންބަފައިންގެ ލޮލުގެ ފިނިކަމޭ ކިޔާކަން އަމާނާއަށް އެނގެއެވެ. އެކަމަކު، ރަޖުވާން ފުރަތަމަ ފެނުނު ފަހަރު، ފަޒީލު ބަލަހައްޓައިގެން ހުރީއެވެ. ފަޒީލުގެ މޫނު ހުރީ ހުސްކޮށެވެ. އެއްވެސް އަސަރެއް ނެތެވެ.
ރޭގަނޑު ރަޖުވާން ރޯން ފެށުމުން ފަޒީލު ކަންފަތުގައި ބާލީސްއަޅައެވެ. ދަރިފުޅު އުރާ ހިތްވެގެނެއް ވެސް ނޫޅެއެވެ. އަމާނާ ހީކުރީ އަމާނާގެ އުންމީދު ފެނަށްވީ ކަމަށެވެ. އެހެންނަމަވެސް، މަހެއްހާ ދުވަސް ފަހުން ފަޒީލުގެ މިޒާޖަށް ހެޔޮ ބަދަލުތަކެއް އަންނަން ފެށިއެވެ. ރުޅިމަޑުވުމާއި، ކެތްތެރިވުމާއި، އަމާނާ ދައްކާ ވާހަކަ އަޑުއަހަން ފަޒީލު ބޭނުންވާކަން އަމާނާއަށް އިހުސާސްކުރެވެން ފެށިއެވެ. ޒިންމާދާރު ބައްޕައެއްހެން ދަރިފުޅު ގާތުގައި ފަޒީލު ވަގުތު ހޭދަކުރިއެވެ. އަމާނާއަށް ހީވީ ރޭދުވާ ދައުރުވުން އަވަސްވިހެންނެވެ. ސިކުންތުކަށީގެ ދުވެލި ބާރުވިހެންނެވެ.
އުމުރުން ހަތަރު އަހަރު ފުރެން ކައިރިވަމުންއައި އިރު ރަޖުވާނަކީ، ވަރަށް މޮޅަށް ގިޓާޖަހާ ކުއްޖެކެވެ. އެ އުމުރުގެ ކުދިން ގެންގުޅޭ ގިޓައިން ރަޖުވާން ދެއްކީ އާދަޔާ ހިލާފު ހުނަރެކެވެ. އެއާ އެކުއެކީގައި، ރަޖުވާންގެ މިޒާޖުގައި ހުރި ތަފާތު ސިފައެއް ވެސް އަމާނާއަށް ފާހަގަކުރެވެން ފެށިއެވެ.
ނުނިމޭ