ރަށްރަށަށް ފުޓުބޯޅަ "އެކްސްޕޯޓް" ކުރުން، ރ. އަތޮޅުގައި ދަނޑުފޯރި!
ރަށްރަށަށް ފުޓުބޯޅަ "އެކްސްޕޯޓް" ކުރުން، ރ. އަތޮޅުގައި ދަނޑުފޯރި!

އައު ސިޔާސީ ދައުރަކާއެކު، އައު މިނިސްޓަރު ވަޒީފާއާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖެތެރޭގެ
ފުޓުބޯޅަ މުބާރާތަށް ކިޔަނީ "މިނިވަން ޗެމްޕިއަންޝިޕް" އެވެ. އަށްޑިހަ އާއި ނުވަދިހައިގެ އަހަރުތަކުގައި
އެ މުބާރާތަށް ކިޔައި އުޅުނީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ރާއްޖެތެރޭގެ ފުޓުބޯޅަ މުބާރާތެވެ.
ހަތްދިހައިގެ އަހަރުތަކުގައި، އައްޑުއަތޮޅުގެ ކްލަބްތައް ކާމިޔާބުކަމާއެކު މާލޭގެ ކްލަބްތަކާ ވާދަކުރިއިރު،
ރާއްޖެތެރޭގެ މުބާރާތެއް ނޯވެ އެވެ. އެއިރު އޮންނަނީ ގައުމީ ފުޓުބޯޅަ މުބާރާތެވެ. ވީމާ، ރާއްޖެތެރެ އަށް
ހާއްސަ ވަކި މުބާރާތެއް އުފެދުނީ އަށްޑިހައިގެ އަހަރުތަކުގަ އެވެ.

ރަށްރަށަށް ފުޓުބޯޅަ "އެކްސްޕޯޓް" ކުރުން، ރ. އަތޮޅުގައި ދަނޑުފޯރި!
ރަށްރަށަށް ފުޓުބޯޅަ "އެކްސްޕޯޓް" ކުރުން، ރ. އަތޮޅުގައި ދަނޑުފޯރި!

މާލެ އަށް މަރުކަޒު ކުރެވިފައި އޮންނަ "ގައުމީ" ފުޓުބޯޅަ އެސޯސިއޭޝަނަކުން ރާއްޖެތެރެ އަށް ފުޓުބޯޅަ
އެކްސްޕޯޓް ކުރުމުގެ ހަރަކާތަށް މިވީ 50 އަހަރުގެ ތެރޭ އައިސްފައިވާ ކުރިއެރުން ދެނެގަތުމަށްޓަކައި،
މި ވަގުތުގެ ކަންކަން ހުރި ނެތް ގޮތް ބަލައިލުމަކީ ބޭނުންތެރިކަމެކެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ފިލްމު ބަދަވިއިރު، ފެނުނު މަންޒަރަކީ އައު ވަޒީރު ވަޑައިގެން،
ރާއްޖެތެރޭގެ މުބާރާތް، "ޖަޒީރާ ލީގް" ގެ މަފްހޫމަށް ބަދަލުކޮށް، ރީ-ބްރޭންޑް ކުރެއްވުމަށް އުޅުއްވި ތަނެވެ. އަދި އެކަމުގައި ފެއިލްވި ތަން ވެސް މެ އެވެ. ޖެނުއަރީ 25، 2019 ގައި މުބާރާތް ފަށަން ތާވަލް ވެސް ކުރި އެވެ. އެހެން ނަމަވެސް ތަރުހީބު ނެތިގެން ކަމަށް ބުނެ، އެފްއޭއެމުން ކުއްލިއަކަށް މުބާރާތް ކެންސަލް ކުރީ އެވެ. އެ އަހަރު ކުޅުމުގެ ފުރުސަތު ރާއްޖެތެރޭގެ ކްލަބްތަކަށް ގެއްލުމުން ސުވާލެއް ކޮށްލާނެ ފަރާތެއް ވެސް ނުވި އެވެ!

އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ޖަވާޒް މީޑިއާގައި ވިދާޅުވީ، އެ މުބާރާތް ކެންސަލްކުރީ
ނޫން ކަމަށެވެ. ވަޒީރުގެ އެދިވަޑައިގަތުމަކަށް ނަން ބަދަލުކޮށް، އިއުލާނު ކުރުމުން ބައިވެރިވާނެ ބަޔަކު
ނުވީ ކަމަށެވެ. ބައިވެރިވާން އެދުނީ އެންމެ އަށް ޓީމު ކަމަށް ވާތީވެ، މުބާރާތް ނުބޭއްވުނީ ކަމަށެވެ.
އެ ވަގުތެއްގައި ހުންނެވި ވަޒީރެއްގެ އަތްދަށުން ރާއްޖެތެރޭގެ މުބާރާތެއް ނުބޭއްވި، ގެއްލިގެން ދިއުމުން،
އެކަމާ ކަންބޮޑުވި ފަރާތެއް ނުވީ ކީއްވެތޯ ސުވާލު އުފެދެ އެވެ. ޖަވާބަކީ ރާއްޖެތެރޭގެ 70 ކްލަބަކީ
އެފްއޭއެމްގެ ވޯޓް ހައްގުވާ ބަޔަކަށް ނުވާ ކަމެވެ. އެންމެ ފަހުގެ އެފްއޭއެމްގެ އިންތިހާބެއް ބޭއްވިކަން
އެނގުނީ ވެސް ހަމަ ކިރިޔާ ވިއްޔާ އެވެ! ޖުލައި 2020 ގެ ލޮކްޑައުން ހުޅުވުނީ އެފްއޭއެމްގެ ސިއްރު
ކޮންގްރެސްގެ ފަންޑު ޚަބަރުތަކާ އެކުގަ އެވެ. އެ ކޮންގްރެސްގައި ރާއްޖެތެރޭގެ ކްލަބެއް ނެތެވެ.

މިނިވަން ޗެމްޕިއަންޝިޕް ކެނަސަލް ވެފައި، މާލޭގެ ޕްރެމިއާ ލީގާއި އެހެނިހެން ޑިވިޝަންތަކުގެ މުބާރާތްތައް
2019 ގައި ކެންސަލް ނުވީ ކީއްވެތޯ ވެސް ސުވާލު ކޮށްލަން ވާނެ ނޫންތޯ އެވެ! މާލޭގެ މުބާރާތްތައް
ކެންސަލް ނުވީ، މާލޭގެ ކްލަބްތަކަށް ވޯޓުލުމުގެ ހައްގު ލިބިފައި ވާތީ އެވެ. މާލޭ ޒޯނުގައި ވިއްސަކަށް ޓީމު
ކުޅޭއިރު، ރާއްޖެތެރެ އިން އެވްރެޖް ގޮތެއްގައި 70 ޓީމު ބައިވެރިވެ އެވެ. މާލޭގެ ވިއްސަކަށް ކްލަބަށް ވޯޓުލުމުގެ ހައްގު ލިބޭއިރު، ރާއްޖެތެރޭގެ 70 ކްލަބަށް ވޯޓުލުމުގެ ހައްގެއް ނުލިބެ އެވެ. ފެންނަ ފެނުމަށް، މިއީ މި ވަގުތު ސަރުކާރަށް ވެސް މާބޮޑު މައްސަލައަކަށް ނުވެ އެވެ.

މި ފަސްމަންޒަރުގެ ތެރއިން އަންނަ ހަފުތާއަކީ، ކޮވިޑް-19 ޕެންޑެމިކްގެ ދެ އަހަރަށް ފަހު، ކުޑަ
ވަގުތު ކޮޅަކަށް ނަމަވެސް ރާއްޖެތެރެ އަށް ފުޓުބޯޅަ ފޯކަސް އެނބުރޭ ވަގުތު ކޮޅެކެވެ. މި ފުރުސަތުގެ
ބޭނުންކޮށް، އެފްއޭއެމުން ރާއްޖެތެރެ އަށް އަހަންމިއްޔަތުކަން ދޭ ވަރު ދައްކުވައި ދިނުމަށްޓަކައި roadtoalifushi2022 # ސްލޯގަންގައި ސޯޝަލް މީޑިއާ މެދުވެރިކޮށް، އިޝްތިހާރު ވެސް ކުރެ އެވެ.
ޖެނުއަރީ 23، 2022 ވާ އާދީއްތަ ދުވަހަކީ ރ. އަތޮޅު އަލިފުށީގައި ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް
ކުޅޭ ދުވަހެވެ. އަލިފުށީގެ އައު ދަނޑު ހުޅުވަން ހަމަޖެހިފައި އޮތީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް
މެޗުންނެވެ. މިއީ ދިވެހި ލީގްގެ އެންމެ މޮޅު ދެ ކްލަބް ބައްދަލުކުރާ މެޗެކެވެ. މެޗް ބަލަން ދަނޑަށް ވަންނަ
ސަޕޯޓަރުންގެ އަދަދަކީ އަތޮޅުތެރޭގެ ފުޓުބޯޅަ އަށް އޮތް ޝައުގުވެރިކަން މިނައިލުމަށް ލިބޭ ފުރުސަތެއް
ކަމުގައި ވެސް ވާނެ އެވެ.

މި އަތޮޅަކީ ފަސްވަނަ އަށް އެންމެ ގިނަ ކްލަބް ބައިވެރިވާ އަތޮޅެވެ. ދުވާފަރާއި އަލިފުށީގައި ޓާފް ދަނޑު
ގާއިމު ކޮށްފައި ވާއިރު، މީދު އާއި މާކުރަތުގައި ވެސް ދަނޑު އެޅުމުގެ ޕްރޮޖެކްޓެއް އެބައޮތެވެ. އުނގޫފާރަކީ ވެސް ސްޓޭޑިއަމަކަށް އިންތިޒާރު ކުރާ ރަށަކަށް ވެ އެވެ. އާދޭހެވެ! ރ. އަތޮޅުގައި ދަނޑުފޯރި ބޮޑުކޮށް އެބައޮތެވެ! ދެހާސް ސަތާރަވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި މީދޫގެ ސަޕޯޓަރުން
ދައްކުވައިލި ދަނޑުފޯރި އަކީ ކައިރި ރިސޯޓަކުން ގެސްޓަކަށް ފެނުނު ނަމަވެސް ސޮނި ވެއްޓޭ ފެންވަރަށް
ޖައްސާފައި އޮތް ފޯރި އެވެ. ބައްލަވައިލައްވާށެވެ.

ދެހާސް ތިންސަތޭކައިގެ އާބާދީ އޮތް އަލިފުށިން، ކިތައް މީހުން ދަނޑަށް ވަންނާނެ ބާވަ އެވެ؟ އެހެން
ރަށްރަށުން އަލިފުއްޓަށް އަރާނީ ކިހާ ސަޕޯޓަރުންނެއް ބާވައެވެ؟ އަދި 200 ކިލޯމީޓަރު ދުރުގައި އޮތް
އަލިފުއްޓަށް މާލޭގެ ދެ ކްލަބުން ކިތައް ސަޕޯޓަރުން ދަތުރު ކުރާނެ ބާވައެވެ؟ އަލިފުށީގައި މި ފައިނަލް
ހޯސްޓް ކުރާ ކުރުމަކީ ފުޓުބޯޅަ އަށް ވުރެ މާ މުހިންމު އަދި ފުޓުބޯޅަ ލީޑަރުންނަށް ފަހުމު ކުރަން ދަތި، އެހެން ސިޔާސީ ސަބަބުތަކަށް ވެސް ވެދާނެ އެވެ! ފުޓުބޯޅައިގެ ނަޒަރުން ބަލާ ނަމަ، ތަށި ދެއްވުމަށް
ރައީސުލްޖުމްހޫރިއްޔާ ގަލޮޅު ރަސްމީ ދަނޑަށް ވަޑައިގަންނަވާއިރު، ބެލުންތެރިއަކު ނެތުން އެހާ ހިތްގައިމު
ކަމަކަށް ނުވާނެ އެވެ. މާލޭގައި ކުޅުނު، މި މުބާރާތުގެ މެޗްތަކުގެ ބެލުންތެރިންގެ އެވްރެޖަކީ މެޗަކަށް އެންމެ
38 ބެލުންތެރިންނެވެ. ވީމާ ފުޓުބޯޅައިގެ މަސްލަހަތަށް ބަލައި، އަލިފުށި ދަނޑު ހުޅުވަން ޕްރެޒިޑެންޓްސް
ކަޕްގެ ފައިނަލް، ސިޔާސީ ވެރިން ބޭނުންފުޅުވާ ގޮތަށް، އަލިފުއްޓަށް ބަދަލުކުރުމަކީ ހަމަ އެންމެ
ރަގަނގަޅު ކަމަކަށް ވެދާނެ އެވެ.

އަލިފުށީގައި ފައިނަލް ބަލަން ދަނޑަށް ވަންނަ މީހުންގެ އަދަދު އަންދާޒާ ކޮށްލުމަށް އެ އަތޮޅު
ކައުންސިލާ ގުޅައިލީމެވެ. ކައުންސިލުން ބުނިގޮތުގައި، ފައިނަލް މެޗަށް ދަނަޑަށް ވައްދަން ގަސްދު ކުރަނީ 210
ބެލުންތެރިންނެވެ. އެއީ ގޮނޑި ޖަހާ އަދަދެވެ. މެޗު ބަލަން ދާނެ އަދަދެއް އަންދާޒާ ކުރަން ދަތި ކަމަށް ވެ އެވެ. އޮމިކްރޯންގެ ރިސްކް އޮތީ ކަމަށް ވެސް ވެދާނެ އެވެ. ދަނޑުގެ ވަށައިގެން ހުންނާނީ ދާ ޖަހާފައި ކަމަށާއި ވަށައި ދަލުގެ ބޭރުން ބަލަން ތިބެވިދާނެ ކަމަށް ވެ އެވެ. އަލިފުށީގެ އާބާދީއަކީ 2،300 އެވެ. އެހެން ނަމަވެސް، އެ އަތޮޅުގެފުޓުބޯޅަ އަށް ފަރިތަ ކޯޗެއްގެ ނަޒަރުގައި، އޮމިކްރޯންގެ ބިރު ނެތް ނަމަ ހާހެއްހާ ސަޕޯޓަރުން އަލިފުއްޓަށް އަރާނެ އެވެ.

މާލެ އަށް މަރުކަޒު ވެފައި މިވާ ފުޓުބޯޅަ ސަގާފަތް، ދެމެހެއްޓެނިވި ގޮތެއްގައި އަތޮޅުތެރެ އަށް ތައާރަފްކޮށް،
ވަރުގަދަ ގައުމީ ލީގެއް އެކުލަވައިލުމަކީ، މިއަދު އެންމެން ވެސް ބޭނުންވާ ގޮތެވެ. އެކަމަކު،
މި މަގްސަދަށް ވާސިލްވާނެ ތަފާތު ގޮތްތައް ހުންނާނެ އެވެ. މި ސީޒަންގައި އެފަދަ
ވިސްނުމެއް ކުރިއަށް ނެރުމުގެ ގޮތުން ޖެނުއަރީ 10، 2022 ގައި އެފްއޭއެމްގެ ސާކިއުލާ ނަމްބަރު 2022/002/FAM/CIR މެދުވެރިކޮށް ޒޯންތަކަށް އަންގަވާފައިވަނީ މި ފަދައިންނެވެ:

މި ސާކިއުލާއާއެކު، "ޖަޒީރާ ޗެމްޕިއަންޝިޕް" އުވުނީ އެވެ. އަދި "މިނިވަން ޗެމްޕިއަންޝިޕް" ވެސް
އުވުނީ އެވެ. ދެން ކުޅޭނީ ދިވެހި ޕްރެމިއާ ލީގް ކޮލިފިކޭޝަނެވެ. އެއްވެސް ނަމެއްގައި ރާއްޖެތެރެ އަށް ވަކި
މުބާރާތެއް ދެން އޮންނާނެ ކަމަކަށް ލަފައެއް ނުކުރެވެ އެވެ. ހަގީގަތުގައި އެފަދަ ވަކި މުބާރާތެއް
ބޭނުމެއް ވެސް ނުވެ އެވެ. މިހާރު މި އޮތް ދިވެހި ޕްރެމިއާ ލީގް ރާއްޖެތެރެ އަށް ފުޅާކުރުމަށް އެސޯސިއޭޝަނުން ރާވަނީ ކުރީގައި އޮތް ނުވަ ޒޯނު، ހަތަރު ޒޯނަށް މަދުކޮށްގެނެވެ. އެއީ ހއ. އިން ރ. އަތޮޅަށް ޒޯން 1( އުތުރު ޒޯން) ކަމުގައި ހަމަޖައްސައި ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ޒޯން 2( މެދު ރާއްޖެ ޒޯން) ކަމުގައި ހަމަޖައްސައި ތ. އަތޮޅުން ފެށިގެން އައްޑުއަތޮޅަށް އެއީ 3 ވަނަ ޒޯން (ދެކުނު ޒޯން) ކަމަށް ބަލައި 4 ވަނަ ޒޯނަކީ ގްރޭޓާ މާލެ ކަމަށް ކަނޑައެޅުމެވެ.

ހުލާސާ ގޮތެއްގައި ދަންނަވަނީ ނަމަ، މި އިންތިޒާމަކީ އެފްއޭއެމްގެ ވޯޓް ކޮންޓްރޯލް ކުރާ މާލޭ ލީގްގެ
ކްލަބަތަކަށް ޕްރެމިއާ ލީގުން އަށް ޖާގަ ކަށަވަރުކޮށް، އަނެއް ތިން ޒޯނަށް ހަތަރު ޖާގަ ދެވޭނެ އިންތިޒާމެކެވެ.
އެހެން ނަޒަރަކުން ބަލަނީ ނަމަ، ދިވެހި ޕްރެމިއާ ލީގަކީ ގްރޭޓާ މާލޭގެ 20 ކްލަބަށް އަށް ޖާގަ އާއި
ރާއްޖެތެރޭގެ 70 ކްލަބަށް އެންމެ ހަތަރު ޖާގަ ދޭ ގޮތަށް ފިޓްކުރާ "ދިވެހި" ލިބާހެކެވެ. މިފަދަ ލިބާހަކުން
ޖަޒީރާ ލީގްގެ މަފްހޫމް ފުރިހަމަ ކުރެވޭނެ ކަމަށް ނުފެނުނު ނަމަވެސް، ރާއްޖެތެރެ އަށް ވަކި މުބާރާތެއް
ނެތުމަކީ ވެސް ފެށުމެކެވެ.