15 ޑިސެމްބަރ 2016 - 14:33

އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ސަމިޓުގެ އިސްވެރިއެއްގެ ގޮތުގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސައިފި އެވެ.
އަންނަ ފެބްރުއަރީ މަހުގެ ފަހުކޮޅު ފަށާ އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ކައުންސިލްގެ ރަސްމީ ބައްދަލުވުންތަކުގެ ކުރިން ޖެނީވާގައި ބާއްވާ މި ސަމިޓް އިންތިޒާމް ކުރަނީ ޔޫއެން ވޮޗު ކިޔާ ޖަމާއަތަކުންނެވެ. އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތަކަށް ވާހަކަ ދައްކައި ހިޔާލު ބަދަލުކުރަން ބާއްވާ މި ސަމިޓް އިންތިޒާމް ކުރުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 20 ޖަމިއްޔާއެއް ވެސް ބައިވެރިވެ އެވެ.
އެ ޖަމިއްޔާތަކުން ރޭ ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނި ގޮތުގައި ފެބްރުއަރީ 21 ގައި ބާއްވާ މި ސަމިޓުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވާނީ ނަޝީދެވެ. އެ މަނިކުފާނަކީ، އެ ޖަމިއްޔާތަކުން ސިފަކުރި ގޮތުގައި، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ދުނިޔޭގެ އެންމެ މަގުބޫލް ފަރާތުގެ އިތުރަށް، ސިޔާސީ ކުށްވެރިޔާ އެވެ.
ނަޝީދާ އެކު މި ސަމިޓުގައި ދުނިޔޭގެ މަޝްހޫރު ސިޔާސީ ކުށްވެރިންނާއި އެ މީހުންގެ ހައްގުގައި މަސައްކަތް ކުރާ މީހުން ވާހަކަ ދައްކަވާނެ އެވެ. އޭގެ ތެރޭގައި، ޓިބެޓަށް މިނިވަންކަން ހޯދައިދޭން މަސައްކަތް ކުރާ އިސް ބޭފުޅެއް ކަމަށްވާ ނިޔާމާ ލާމޯ އާއި ރަޝިއާގެ ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގަތުމުން މަރައިލި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ބޯރިސް ނެމްސޯވްގެ ދަރިކަނބަލުން ޒާނާ ނެމްސޯވް އާއި ތުރުކީގެ ސަރުކާރަށް އެންމެ ބޮޑަަށް ފާޑުކިޔާ އެއް ނޫސްވެރިޔާ ކަމަށްވާ ކާން ޑުންދަރުގެ އިތުރުން، ޖަލަށް ލާފައިވާ ރަޝިއާގެ އެކްޓިވިސްޓް އިލްޑާ ޑާޑިންގެ އަނބިކަނބަލުން އަނަސްޓާސިއާ ޒޮޓޯވާ ހިމެނިވަޑައިގަންނަވަ އެވެ.
"އަމިއްލަ ތަޖުރިބާ އަށް ބިނާކުރައްވައި ދެއްވާ ތަގުރީރުތަކާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އިންސާނީ ހައްގުތަކުގެ މައްސަލަތަކަށް ހައްލެއް ހޯދައިދޭން އދ. އިން މިހާރަށް ވުރެ ބޮޑު ދައުރެއް އަދާކުރާނެ ކަމަށް އުއްމީދުކުރަން،" ޔޫއެން ވޮޗުގެ އެގްޒެކެޓިވް ޑިރެކްޓަރު ހިލެލް ނުއާ ވިދާޅުވި އެވެ.
މި އަހަރުގެ ސަމިޓުގައި ވާހަކަ ދައްކަން ހަމަޖައްސާފައިވާ މައުލޫއުތަކުގެ ތެރޭގައި އަންހެނުންނަށް ކުރާ އަނިޔާ އަދި ޖިންސީ ތަފާތު ކުރުމާއި ނޫސްވެރިން ޖަލަށް ލުމާއި ޖަލުގައި ކުރާ އަނިޔާގެ އިތުރަށް، އިންޓަނެޓުގެ މިނިވަންކަން ކަށަވަރު ކުރުމާއި އިންސާނީ ހައްގުތަަކަށް މަސައްކަތް ކުރާ ފަރާތްތަކަށް އަދަބު ދިނުން ހިމެނެ އެވެ.
މިއީ މި ސަމިޓް ބާއްވާ އަށް ވަނަ އަހަރެވެ. ހިލޭ ވަދެވޭ މި ސަމިޓަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އަންނަ ފެބްރުއަރީ 21 އާ ޖެހެންދެން އޮންނާނެ އެވެ.
ޖުމްލަ 13 އަހަރަށް ޖަލަށް ލާފައިވާ ނަޝީދު ފެބްރުއަރީ މަހު ޖެނީވާ އަށް ދަތުރުފުޅު ކުރައްވާއިރު، އެ މަނިކުފާނު މިހާރު ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުގަ އެވެ. މިދިޔަ ޖެނުއަރީ މަހު ލަންޑަނަށް ވަޑައިގެން އެ ގައުމުގެ ހިމާޔަތް ހޯއްދެވި ފަހުން، އެ މަނިކުފާނު އިނގިރޭސި ވިލާތުން ބޭރަށް ވަޑައިގެންފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ސްރީ ލަންކާ އަށް ކުރެއްވި ދަތުރުފުޅެވެ.