18 ޖެނުއަރީ 2022 - 15:44

ދިވެހިންނަށް އަމާޒުކޮށްގެން، އެހެން ދީންތައް ފަތުރައި ދީނީ އެއްބައިވަންތަކަމާ ދެކޮޅަށް ހިންގާ ވެބްސައިޓްތަކާއި ޕޭޖްތަކާއި އެޕްލިކޭޝަންތަކާއި ޗެނަލްތައް ހުއްޓުވަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިނގިރޭސި ބަހުން ތަރުޖަމާކޮށްދިނުމަށް ކޮމިއުނިކޭޝަން އޮތޯރިޓީން އެދިއްޖެ އެވެ.
ޣައިރު ދީންތަކަށް ދިވެހިން ޝައުގުވެރިކުރަން ދިވެހި ބަހުން ކޮންޓެންޓް ހަދައިގެން ސޯޝަލް މީޑިއާގައި ހިންގަމުން އަންނަ ޕޭޖުތައް ހުއްޓުވުމަށް ނެރުނު އަމުރާ ގުޅިގެން އެ އަމުރު ތަންފީޒުކުރަން، އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކަށް ދިނީ 72 ގަޑިއިރެވެ.
ކޯޓު އަމުރު ނެރެ މިދިޔަ އަހަރުގެ ނޮވެމްބަރު 29 ގައި ފުލުހުން ވަނީ އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކަށް ސިޓީ ފޮނުވައި އަމުރު ތަންފީޒުކުރަން އަންގައިފަ އެވެ. މި އެންގުމާ ހިލާފުވެއްޖެ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދިނެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އަމުރު ތަންފީޒެއް ނުކުރެ އެވެ.
ފުލުހުން ބުނެފައިވަނީ އަމުރު ތަންފީޒު ނުވީ، އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކުން ޓެކްނިކަލް މަސައްކަތްތަކެއް ކުރާތީ އެކަމަށް ވަގުތު ބޭނުންވާތީ ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކޮމިއުނިކޭޝަން އޮތޯރިޓީން ވަނީ އެ އަމުރު ތަންފީޒުކުރުމަށް ފޭސްބުކާ ގުޅިގެން މަސައްކަތްކޮށްފަ އެވެ. އެކަމަކު ފޭސްބުކުން އެންގީ އިނގިރޭސި ބަހުން ކްރިމިނަލް ކޯޓުގެ އަމުރު ފޮނުވުމަށް ކަމަށްވާތީ މިހާރު އެ އޮތޯރިޓީން ފުލުހުންގެ އިދާރާގާއި އެދިފައި ވަނީ އެގޮތަށް އަމުރު ނެރެ ދިނުމަށެވެ.
އެކަަމަކު މި އަމުރު އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭން ފުލުހުން ކޯޓުގައި އެދިފައިވާ ކަމެއް، ފުލުހުންގެ ބަހެއް ނުލިބޭތީ ނޭނގުނެވެ.
ދީނާ ދެކޮޅު ކޮންޓެންޓް ރާއްޖޭގައި ބްލޮކް ކުރަން ފުލުހުން އަމުރު ހޯދާފައިވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުންނެވެ.
ރާއްޖޭގައި އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ފެތުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ރޭވިގެން ކުރަމުން ދާއިރު އެކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅު ނާޅާތީ އާންމުން ކަންބޮޑުވުން ފާޅުކޮށް ޝަކުވާކުވެ އެވެ.