18 ޖެނުއަރީ 2022 - 15:12

ދަރަނިވެރިވެފައިވާ ސްރީ ލަންކާ އިން ސޮވެރިން ބޮންޑަށް 500 މިލިއަން ޑޮލަރު މިއަދު ދައްކައިފި އެވެ.
ސްރީ ލަންކާގެ ސެންޓްރަލް ބޭންކް ގަވަރުނަރު ނިިވާދު ކަބްރާލް މީޑިއާ އަށް ވިދާޅުވީ ސޮވެރިން ބޮންޑަށް އަނބުރާ ދައްކަން ޖެހޭ 500 މިލިއަން ޑޮލަރަކީ މިއަދަށް މުއްދަތު ހަމަވާ ފައިސާ ކަމަށެވެ.
ސޮވެރިން ބޮންޑުގެ އަނބުރާ ދެއްކި ފައިސާގެ ތެރެއިން 117 މިލިއަން ޑޮލަރަކީ އެ ގައުމުގެ ބޮންޑް ހޯލްޑަރުންނެވެ. ބޮންޑް ހޯލްޑަރުންގެ ތެރޭގައި ގިނައީ ބޭންކްތަކެވެ. އެ ގައުމުގެ ބޭންކްތަކުން ބޮންޑު ގަނެފައިވަނީ ބޮންޑުގެ އަގު ވަރަށް ބޮޑަށް ވެއްޓި، އަގު ދަށްކުރަން ޖެހުމުންނެވެ.
ސްރީ ލަންކާ އިން ވިއްކާފައިވާ ސޮވެރިން ބޮންޑުގެ ތެރެއިން 1.5 ބިލިއަން ޑޮލަރު މި އަހަރު ދައްކަން ޖެހެ އެވެ. މީގެ ތެރެއިން ބޮޑު ބައި ޖުލައި މަހުގެ ކުރިން ދައްކަން ޖެހޭނެ އެވެ.
ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި، އެ ގައުމުން އެތެރޭގެ މާކެޓަށް ދޫކޮށްފައިވާ 200 މިލިއަން ޑޮލަރަށްވާ ބޮންޑުގެ ފައިސާ ވެސް އަނބުރާ ދައްކަން ޖެހޭނެ އެވެ.
ލަންކާގެ ދަރަނިތައް އަދާކުރަން މި އަހަރު 6.9 ބިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ. މީގެ ތެރެއިން 60 ޕަސެންޓް ދައްކަން ޖެހެނީ ބޭރުގެ މާލީ އިދާރާތަކާއި ބޮންޑް ހޯލްޑަރުންނަށެވެ.
ސޮވެރިން ބޮންޑަށްވާ ފައިސާ ލަންކާއިން ދެއްކީ ފައިސާ އަނބުރާ ދެއްކުން ފަސްކުރަން މަޝްވަރާކުރުމަށް އެ ގައުމުގެ ވިޔަފާރިވެރިންނާއި އިގްތިސާދީ މާހިރުން ގޮވާލާފައިވަނިކޮށެވެ. އިގްތިސާދީ މާހިރުން ވަނީ ބޮންޑުގެ ރީޕޭމެންޓަށް ފައިސާ ދިނުމުގެ ބަދަލުގައި އެ ގައުމުގެ އިމްޕޯޓަށް އިތުރަށް ފައިސާ ހަރަދުކޮށް އާންމުންނަށް ތަކެތި ފައިސޭއިން ލިބޭނެ ގޮތް ހަދައިދިނުމަށް އެދިފަ އެވެ.
މިދިޔަ ހަފްތާގައި ހާމަކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު އެގައުމުގެ ރަނުގެ ރިޒާވް ވަނީ ދެގުނަ ދަށަށް ގޮސްފަ އެވެ.
ލަންކާގެ އިގްތިސާދީ ހާލަތު ސީރިއަސް ހާލަތަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ލަންކާގެ ރައީސް ގޮތަބަޔާ ރާޖަބަކްސަގެ ސަރުކާރުން ވަނީ ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ހޯދުމަށް އެއް ބިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އެ ގައުމު ޑޮލަރަށް ޖެހި އަގުތައް ވެސް އުފުލިގެން ދިއުމުން، އަސާސީ ކާބޯތަކެތިން ނަގާ ޓެކްސް ކުޑަކުރަން ވެސް ވަނީ ނިންމައިފަ އެވެ.