15 ޑިސެމްބަރ 2016 - 16:10

ވޮޝިންޓަން (ޑިސެމްބަރު 15) - ދެކުނު ޗައިނާ ކަނޑުން ހިއްކި ރަށްތަކަށް ޗައިނާ އިން ހަތިޔާރު ޖަމާކުރަމުންދާ ކަމުގެ ސެޓެލައިޓް ފޮޓޯ ހެކި ލިބިފައިވާ ކަމަށް އެމެރިކާގެ ޖަމާއަތަކުން ބުނެފި އެވެ.
ޚިޔާލު ތަފާތުވުން އުފެދިފައިވާ ދެކުނު ޗައިނާ ކަނޑުގެ ރަށްތަކުގައި އަސްކަރީ އެއްވެސް ހަރަކާތެއް ނުހިންގާ ކަމަށް ޗައިނާ އިން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް އެމެރިކާގެ ގްރޫޕުން ބުނީ އެންޓި-އެއާކްރާފްޓް ބަޑި އާއި މިސައިލުން ދިފާއުވެވޭނެ ނިޒާމް ހަތް ރަށެއްގައި ގާއިމްކޮށްފައިވާ ކަމަށެވެ. ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ މިލްކުވެރިކަމާ މެދު ވިއެޓްނާމް، ފިލިޕީންސް، ޓައިވާން، މެލޭޝިއާ އަދި ބުރޫނާއީ އިން ވެސް ދައުވާ ކުރެ އެވެ. ދެކުނު ޗައިނާ ކަނޑު ވެރިކޮށްގެން އުޅޭ މައްސަލާގައި ފިލިޕީންސް އިން ހުށަހެޅި މައްސަލާގައި ބައިނަލްއަގުވާމީ ޓްރައިބިއުނަލުން ޖުލައި މަހު ނިންމާފައި ވަނީ އެތަން ޗައިނާ އިން މިލްކުކޮށްގެން ނޫޅެވޭނެ ކަމަށެވެ. ނަމަވެސް ޗައިނާ އިން ބުނެފައި ވަނީ ޓްރައިބިއުނަލްގެ ނިންމުމަށް ބޯނުލަނބާނެ ކަމަށެވެ.
އޭޝިއަން މެރިޓައިމް ޓްރާންސްޕޭރެންސީ އިނީޝިއޭޓިވް (އޭއެމްޓީއައި) ބުނީ ދެކުނު ޗައިނާ ކަނޑުގެ ހަތަރު ރަށެއްގައި ހެކްޒަގޮން ބައްޓަމަށް ހުރި އިމާރާތްތަކެއް ޗައިނާ އިން ހަދަމުންދާ ކަމަށެވެ. އަދި އިތުރު ތިން ރަށެއްގައި ހަދާ އިމާރާތްތަކުގައި އަސްކަރީ ހަތިޔާރު ރައްކާކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި ތުހުމަތުތަކާ ގުޅިގެން ޗައިނާ އިން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޝީ ޖިންޕިން އެމެރިކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ދެކުނު ޗައިނާ ކަނޑުގެ ޖަޒީރާތަކުގައި އަސްކަރީ އެއްވެސް ހަރަކާތެއް ހިންގަން ގަސްދުނުކުރާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޗައިނާ އިން ބުނަމުންދަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ އެ ގައުމުގެ ތަނެއް ކަމަށާއި އެހެންވެ އެ ތަނުގައި ދިފާއީ ގޮތުން ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭނެ ކަމަށެވެ.