18 ޖެނުއަރީ 2022 - 13:39

މިދިޔަ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި، ހާލިދު އަބްދުﷲ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ހާއްސަ އެހީ އަށް ބޭނުންވާ ހާލިދު ދުއްވާ ތިން ފުރޮޅުލީ ސައިކަލުގައި ދަނިކޮށް އެކްސިޑެންޓުވީ ކާރެއް އަންނަ ތަން ފެނިގެން އޭނާ އަށް ހަދާލެވުނު ގޮތަކުން ކަމަށް ފުލުހުން ބުނެ އެވެ.
އެ އެކްސިޑެންޓުގައި ހާލިދުގެ މޫނުމަތީގެ ކަށިތަކެއް ބިނދި ވަރަށް ބޮޑަށް ހާލު ދެރަވެ، އޭނާއަށް ފަރުވާދޭން ޖެހުނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގަ އެވެ.
އެކަމަކު އޭނާގެ އާއިލާއިން މިއަދު، "މިހާރު" އަށް ބުނި ގޮތުގައި އޭނާގެ ހާލު ރަނގަޅުވެ މީގެ ދެ ހަފްތާއެއް ވަރުކުރިން ހޮސްޕިޓަލުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އަދި މިއަދު ހޮސްޕިޓަލަށް ގެންގޮސް އޭނާގެ އަތުގައި އަޅާފައިވާ ޕްލާސްޓަރު ވެސް ނައްޓާލާފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.
ހާލިދަށް ލިބުނު ހާނިއްކަތަކުން ސަލާމަތްވެ އޭނާ މިހާރު ހުރީ ގޭގަ އެވެ. އެކަމަކު ހޮސްޕިޓަލުން ދޫކޮށްލިއިރު މީހާ ހުރީ ވަރަށް ބޮޑަށް ހިކިފަ އެވެ.
އުމުރުން 37 އަހަރުގެ ހާލިދަކީ ހިނގާބިނގާވެ އުޅުމަށް ދަތި، އަތާއި ފައިގެ އިތުރުން ކަނދުރާ ވެސް ރަނގަޅަކަށް ހަރަކާތް ނުކުރެވޭ މީހެކެވެ.