އައިލެންޑް އޭވިއޭޝަނުން ތިން މަތިންދާބޯޓު ގަނެފި
އައިލެންޑް އޭވިއޭޝަނުން ތިން މަތިންދާބޯޓު ގަނެފި

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އޭޓީއާރުގެ ތިން މަތިންދާބޯޓު ގަނެފި އެވެ.

އެ ކުންފުނިން ގަނެފައި ވަނީ އޭޓީއާރު 72-600 ގެ ދެ ބޯޓާއި އޭޓީއާރު 42-600ގެ ބޯޓެކެވެ. މިއީ އެ ކުންފުނިން ގަތް ފުރަތަމަ އޭޓީއާރު ބޯޓުތަކެވެ. މީގެ ތެރެއިން 72-600 ގައި ހުންނަނީ 70 ސީޓެވެ. އަދި 42-600 ގައި ހުންނަނީ 50 ސީޓެވެ.

މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައި ބުނީ ތިން ބޯޓަކީ ވެސް ތެލުގެ ހަރަދު ކުޑަ، ތިމާވެއްޓާ ރައްޓެހި އިންޖީނު ބޭނުން ކޮށްފައިވާ ބޯޓުތަކެއް ކަމަށެވެ. އަދި މިއީ މި ވަގުތު މާކެޓުގައި ހުރި އޭޓީއަރު ބޯޓުތަކާ އަޅާ ބަލާއިރު ތެލުގެ ހަރަދު ތިން ޕަސެންޓު ކުޑަ، އަދި މަރާމާތުގެ ހަރަދު 20 ޕަސެންޓް ކުޑަ ބޯޓުތަކެއް ކަމަށެވެ.

އެ ބޯޓުތައް ގަތް އަގުތަކެއް މޯލްޑިވިއަނުން އަދި ހާމައެއް ނުކުރެ އެވެ. އޭޓީއާރުގެ ބޯޓެއްގެ މާކެޓް އަގަކީ ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ އެވެ.

މި ތިން ބޯޓު ވެސް މޯލްޑިވިއަނުން ބޭނުން ކުރާނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގަ އެވެ. މީގެ ސަބަބުން ދިވެހިންނާއި ޓޫރިސްޓުންނަށް ދޭ ހިދުމަތްތައް އިތުރަށް ފުޅާވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އެ ކުންފުނީގެ ފްލީޓު ބަދަލު ކުރާއިރު އޭޓީއާރަކީ މި ވަގުތު މާކެޓުގައި ހުރި އެންމެ ރަނގަޅު ބޯޓުތައް ކަމަށެވެ. އަދި މިއީ ކުންފުނީގެ ކުރިއެރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭޓީއާރުން އުފައްދާ މި ބޯޓުތަކަކީ އަޅުގަނޑުމެންގެ ފްލީޓު ބަދަލުކޮށްލަން ވިސްނާއިރު މި ވަގުތު މާކެޓުން ލިބޭނެ އެންމެ ރަނގަޅު ބޯޓު. މި ބޯޓުތަކަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި، ހިންގުމުގެ ހަރަދު ކުޑަ، ފަސިންޖަރުންނަށް ރަނގަޅު ހިދުމަތްތަކެއް ދެވޭނެހެން ކެބިންތައް އިތުރަށް ފުރިހަމަ ކޮށްފައިވާ ބޯޓުތަކެއް،" މިހާދު ވިދާޅުވީ އެވެ.

މޯލްޑިވިއަން އާއި އޭޓީއާރާ ދެމެދު ވެފައިވާ މި އެއްބަސްވުމާ ގުޅިގެން އޭޓީއާރުގެ ސީއީއޯ ސްޓެފާނޯ ބޯޓޮލީ ވަނީ މޯލްޑިވިއަނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެ ކުންފުނީގެ ބޯޓުތަކަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް އެންމެ އެކަށޭނަ ބޯޓުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަންގައި މިހާރު އޮންނަނީ 12 މަތިންދާބޯޓެވެ. އެއީ އެއާބަސް 321، އެއާބަސް 320 އަދި ޑޭޝް8 ގެ 10 ބޯޓެވެ.