ކުޑަރިކިލަށް މިއަދު މާލެއިން ވަގުތީ ޑޮކްޓަރެއް ފޮނުވަނީ
ކުޑަރިކިލަށް މިއަދު މާލެއިން ވަގުތީ ޑޮކްޓަރެއް ފޮނުވަނީ

ބ. ކުޑަރިކިލުގައި ޑޮކްޓަރަކު ނެތި ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައި ވާތީ ރައްޔިތުން ނިކުމެ އިއްޔެ ސިއްހީ މަރުކަޒުގައި ތަޅު އަޅުވައި، ނުރުހުން ފާޅުކޮށްފައި ވާތީ، މިއަދު އެ ރަށަށް ވަގުތީ ޑޮކްޓަރެއް ފޮނުވަން ނިންމައިފި އެވެ.

ކުޑަރިކިލަށް މިއަދު މާލެއިން ވަގުތީ ޑޮކްޓަރެއް ފޮނުވަނީ
ކުޑަރިކިލަށް މިއަދު މާލެއިން ވަގުތީ ޑޮކްޓަރެއް ފޮނުވަނީ

ކުޑަރިކިލު ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ނަޝީދު "މިހާރު" އަށް ވިދާޅުވީ، މިއަދުގެ ވަގުތެއްގައި އެ ރަށަށް ވަގުތީ ޑޮކްޓަރެއް ފޮނުވާނެ ކަމަށް ހެލްތު މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެ ޑޮކްޓަރު އަންނަންދެން އަދިވެސް އެ ރަށުގެ ރައްޔިތުން މުޒާހަރާ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު މިއަދު ސިއްހީ މަރުކަޒު އަލުން ހުޅުވައި ބަލި މީހުންނަށް ފަރުވާ އެބަދޭ،" އޭނާ ވިދާޅުވި އެވެ.

މި ދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ކުޑަރިކިލުގައި ވެސް ހަލުއިކަމާ އެކު ދަނީ ފެތުރެމުންނެވެ. އޭގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ކޭހެއް ވެސް އެ ރަށުން ވަނީ ފެނިފަ އެވެ.

ހޮޑާއި ބޭރަށް ހިންގުމުގެ ބައްޔަށް އެ ރަށުގައި 20 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.

ކުޑަރިކިލު ރައްޔިތުން އިއްޔެ މުޒާހަރާ ކުރީ އެ ރަށަށް ވަގުތީ ޑޮކްޓަރެއް އިއްޔެ ފޮނުވާނެ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފައި ވިޔަސް، އެކަން ހަމަޖައްސާދީފައި ނުވާތީ އެވެ. އެހެންވެ، ރައްޔިތުން ނިކުމެ ސިއްހީ މަރުކަޒު ބަންދުކޮށް، ދޮރުމަތީގައި މުޒާހަރާ ކުރި އެވެ.

މި މުޒާހަރާގެ ބައިވެރިން ހިފައިގެން ތިބި ބޯޑުތަކުގައި "ޑޮކްޓަރަކު މި ރަށަށް އައުމުން ނޫން ގޮތަކަށް ގެއަކަށް ނުދާނަން،" ވެސް ލިޔެފައި ހުއްޓެވެ.

އެ ރަށުގައި ކުރިން ހުރި މިސްރުގެ ޑޮކްޓަރު މި މަހު 10 ގައި ވަނީ ޗުއްޓީ އަށް ގޮސްފަ އެވެ. އެހެންވެ، މިހާރު އެ ރަށު މީހުން ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް އައިޖީއެމްއެޗަށެވެ.