16 ޑިސެމްބަރ 2016 - 06:52

އަމްޖަދު އިބްރާހީމް (އަމްޖޭ) މިހާރު ޑައިރެކްޓް ކުރަމުން އަންނަ ފިލްމު "ދޭތީ އަނިޔާ"ގެ ޝޫޓިންގެ 90 ޕަސަންޓް ނިންމައިފި އެވެ.

އެކަމަކު އަމްޖޭ ބުނާ ގޮތުގައި ފިލްމް އަޅުވާނެ ދުވަސް އިއުލާން ކުރާނީ ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމުމަށް ފަހު އެވެ.
ހާމިދު އަލީ ޕްރޮޑިއުސްކޮށް، މުހިއްމު ރޯލެއް ވެސް ކުޅޭ ލޯބީގެ މި ފިލްމުގެ މަސައްކަތް ފެށީ މިދިޔަ މެއި މަހު އެވެ.
އަމްޖޭ ބުނީ ފިލްމުގެ ޝޫޓިން ދިގުލައިގެން ދިޔައީ ފިލްމުގައި މަސައްކަތް ކުރާ ފަންނާނުންގެ އެހެން ކަންކަމަށް ވަގުތު ދީގެން ކުރިއަށް ގެންދާތީ ކަމަށެވެ.
"މީގައި އުޅޭ ބައެއް ތަރިން ވެސް އެހެން މަސައްކަތްތަކުގައި އުޅޭތީއާ އެކު، އެ މީހުންނަށް ވަގުތު ދީގެން، ދޭތީ އަނިޔާގެ މަސައްކަތް ކުރިއަށް މި ގެންދަނީ،" ހުޅުމާލޭގައި ޝޫޓް ކުރާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.
"ވަރަށް ފަރުވާ ބަހައްޓައިގެން، މިކަމަށް ވަގުތު ވަރަށް ބޮޑަށް ދީގެން ފިލްމުގެ މަސައްކަތް ކުރިއަށް ދަނީ. އެހެންވީމާ ރީތި އަދި ފުރިހަމަ ފިލްމެއް ގެނެސް ދޭނަން."
"ދޭތީ އަނިޔާ" ގެ ލީޑް ރޯލް ކުޅެނީ އައިމިނަތު ރިޝްފާ އާއި އަހުމަދު އީސަ (އާނަންދު) އާއި ހާމިދެވެ.
އޭގެ އިތުރުން ފައުޒިއްޔާ ހަސަން، މަރިޔަމް ޝަކީލާ، ހުސައިން ޝިބާހް، ހަސަން މަނިކު (ރޯނު) ވެސް ފިލްމުގެ ބައިތައް ކުޅެ އެވެ.
އަމްޖޭ ބުނީ މިހާތަނަށް ކޮށްފައި ހުރި މަސައްކަތްތަކާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މިއީ ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ބުންޏެވެ.
"އަންނަ އަހަރު ފިލްމު ގެނެސް ދޭނަން. އެކަމަކު ޑޭޓެއް އިއުލާން ކުރާނީ ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމައިލުމަށް ފަހު،" އޭނާގެ 51 ވަނަ ޑައިރެކްޝަނާ ބެހޭ ގޮތުން އަމްޖޭ ބުންޏެވެ.
"ވަރަށް ބޮޑަށް ބަލާފައި، ޕޮލިޝްކޮށްފައި، ވީހާ ވެސް ފުރިހަމަކޮށް ފިލްމު ސިނަމާ އަށް ގެންނާނީ."