18 ޖެނުއަރީ 2022 - 11:08

ގދ. ތިނަދޫ ފަޅު ތެރޭގައި އޮއިވަރު ގަދަވެ، އެތަނުގައި އަޅާފައި އޮންނަ އޮޑި ދޯނިފަހަރަށް ގެއްލުންވާ މައްސަލަ ބޮޑުވެއްޖެ އެވެ.
ބައެއް ފަހަރު ތިނަދޫގައި ދިޔަވަރު ބޮޑުވާއިރު ބަނދަރު ތޮށިގަނޑު މަތިން ވެސް ލޮނުގަނޑު އަރަ އެވެ. އާދަޔާ ހިލާފަށް ފަޅު ތެރޭގައި އޮއިވަރު ގަދަވަނީ، އެ ރަށަކީ ކަނޑު ތޮށި ލާފައި އޮންނަ ރަށަކަށް ނުވާތީ އެވެ.
ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ، "މިހާރު" އަށް ވިދާޅުވީ އިރުވައި މޫސުމާ ދިމާކޮށް އާންމު ގޮތެއްގައި އެ ރަށުގެ ފަޅުގައި އޮއި ގަދަވާ ކަމަށާއި ރެއަކީ ވަރަށް ބޮޑަށް ދިޔަވަރު ބޮޑުވެ، ބަނދަރުގައި އަޅާފައި ހުރި ޑިންގީތަކާއި ދޯނިތައް އެއްގަމު ތޮއްޓާ ދުރަށް ޖެއްސުމުގައި އުޅެން ޖެހުނު ރެއެއް ކަމަށެވެ.
"ރެއަކީ އާދަޔާ ހިލާފަށް ގަދަވި ރެއެއް. އުޅަނދުތަކުގެ ވެރިންނަށް ގުޅައިގެން ގެނެސް ރޭ ވަރަށް ލަސްވަންދެން އަޅުގަނޑުމެން އުޅުނިން އެތަނުގައި ކުދި ޑިންގީތައް ވެސް ޖެޓީއާ ދުރުކުރުމުގައި،" އޭނާ ވިދާޅުވި އެވެ.
ފަޅުގައި އޮއިވަރު ގަދަވުމުގެ ސަބަބުން ދޯނިތައް އެއްގަމު ތޮށީގައި ޖެހި އެކި ވަރުގެ ގެއްލުންތައް ވެސް ލިބެ އެވެ. އެކަމަކު ރޭ ގެއްލުންވި ދޯނިފަހަރުގެ އަދަދު ފުލުހުން ހިއްސާނުކުރާތީ އަދި ސާފުނުވާ ކަމަށް ސައުދު ވިދާޅުވި އެވެ.
ބޮޑު އާބާދީއެއް އޮންނަ، އަދި މަސްވެރިކަން އެންމެ ރަނގަޅު ރަށްތަކުގެ ތެރޭގައި ހިމެނޭ ތިނަދޫގައި ތަރައްގީކޮށްފައިވާ ބަނދަރު ހިމެނެނީ ވެސް ރާއްޖޭގެ އެންމެ ބޮޑެތި ބަނދަރުތަކުގެ ތެރޭގަ އެވެ. އެކަމަކު އޮޑިދޯނި ފަހަރު ގިނަކަމުން ބަނދަރު އޮންނަނީ ކުޑަވެފައި ކަމަށް ސައުދު ވިދާޅުވެ އެވެ.
ފަޅުގައި އަޅާ ދޯނިތަކަށް އެއްވެސް ރައްކާތެރިކަމެއް ނުލިބޭތީ މަސްވެރިން ވަނީ މީގެ ކުރިން އެތައް ފަހަރަކު އެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދޭން ކައުންސިލްގައި ވެސް އެދިފަ އެވެ. ސައުދު ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި އެ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ ތިނަދޫގެ އިރުމަތީފަރާތުގައި އިންޑަސްޓްރިއަލް ޒޯނެއް ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތާ އެކު ބޭރު ތޮށި ލުމުގެ މަސައްކަތް މީގެ ހަފްތާއެއް ކުރިން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. ގާތްގަނޑަކަށް 125 މިލިއަން ރުފިޔާ ހަރަދުކުރާ އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ އެއް އަހަރާ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ފަޅު ތެރެ ގަދަވުމުގެ ސަބަބުން އެތަނުގައި ފެރީ ދަތުރުތަކާއި ލޯންޗު ދަތުރުތަކަށް ވެސް ވަރަށް ބޮޑަށް ބުރޫ އަރަ އެވެ. އުޅަނދަށް އަރައިފޭބުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭއިރު ބައެއް ފަހަރު ޓްރެކްޓަރަށް އަރުވައިގެން ވެސް މީހުން އަރުވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.