15 ޑިސެމްބަރ 2016 - 14:03

މާލޭ ހިޔާ ފްލެޓްތައް ކައިރީގައި އޮތް ކުރީގެ ކުނި ކޮށީގެ ފާރު ވެއްޓި، ޕާކްކޮށްފައި ހުރި ތިން ކާރަކަށް ބޮޑެތި ގެއްލުންތަކެއް މިއަދު ލިބިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުރުގާން މިސްކިތް ކައިރީގައި ހުންނަ ޒުވާނުންގެ މަރުކަޒާ ދިމާއަށް ވާ ގޮތަށް ހުރި ފާރު ވެއްޓުމުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވެސް އަދި ނޭނގެ އެވެ.
"މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަތަރު ކާރަކަށް ގެއްލުން ލިބުނީ. އެކަން ހިނގި ގޮތް މި ދަނީ ބަލަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި ފާރު ވެއްޓުމުން އެންމެ ބޮޑަށް ހަލާކުވީ ތިން ކާރެކެވެ. ހަތަރު ވަނަ ކާރަށް މާ ބޮޑު ގެއްލުމެއް ނުލިބެ އެވެ.
"ވަރަށް ބާރު އަޑެއް އިވުނު. ފާރު އޮތީ ކާރުތަކުގެ މައްޗަށް ވެއްޓިފައި،" އޭނާ ބުންޏެވެ.
މި ހާދިސާގައި ކާރުތަކުގެ ބިއްލޫރިގަނޑު ތެޅި، ބޮނެޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި ބައެއް ކާރު ހުރީ ވަރަށް ބޮޑަށް ބަނޑި ވެސް ވެފަ އެވެ.
ކުނި ކޮށީގެ ވަށާ ފާރު ލާފައި ވަނީ އެތަން އެންމެ ފުރަތަމަ ހެދި އިރު 1980 ގެ އަހަރުތަކުގެ މެދުތެރޭގައި، މޫދުން ގާ ނަގައިގެންނެވެ. އަދި އެތަނުގައި އަދިވެސް ހުރީ އޭރު ރޭނި ފާރެވެ.