18 ޖެނުއަރީ 2022 - 10:33

އަންނަ ފެބްރުއަރީ އާއި މާޗު މަހު މާލޭގައި ކުޅޭ، ވޮލީބޯޅަ އާއި ޓޭބަލް ޓެނިސްގެ ބައިނަލްއަގްވާމީ މެޗުތަކަށާއި މުބާރާތަށް ފުރުސަތު ދިނުމަށްޓަކައި އެމްބީއޭ ކަޕް ކެންސަލް ކޮށްފި އެވެ.
ބާސްކެޓްބޯލް އެސޯޯސިއޭޝަން (އެމްބީއޭ) އިން އިއުލާން ކޮށްފައިވާ ގޮތުން، ފެބްރުއަރީ 1 އިން މާޗް 16 އާ ހަމައަށް އެމްބީއޭ ކަޕާއި ގައުމީ ލީގު ކުރިއަށް ގެންދާނެ އެވެ. އެ ދެ މުބާރާތަށް ހާއްސަކޮށް، ޓީމުތައް ތައްޔާރުވާން ފަށައިފައި ވަނިކޮށް، އެމްބީއޭ އިން ވަނީ މުބާރާތް ކެންސަލް ކުރި ކަން ޓީމުތަކަށް އިއްޔެ އަންގައިފަ އެވެ. އެކަމަކު ގައުމީ ލީގު އޮންނާނެ އެވެ.
އެމްބީއޭގެ ޖެނެރަލް ސެކްރެޓަރީ ވިޝާމް ރަޝީދު (ވިޒުއްޕެ) ވިދާޅުވީ، ވޮލީ އާއި ޓީޓީގެ ބައިނަލްއަގްވާމީ މެޗުތައް ކުޅެން ހަމަޖައްސާފައި ވަނީ ވެސް ސޯޝަލް ސެންޓަރުގެ އިންޑޯގައި ކަމަށް ވުމުން، އިންޑޯ ދޫކޮށްލަން ޖެހޭތީ އެމްބީއޭ ކަޕް ނުބާއްވަން ނިންމީ އެވެ.
ޓީމު ސްޕޯޓްސްގެ ކުޅިވަރުތައް ކުރިއަށް ގެންދެވޭ ގޮތަށް ރާއްޖޭގައި ހުރި ހަމައެކަނި ތަނަކީ ސޯޝަލް ސެންޓަރުގެ އިންޑޯ އެވެ. މިހާރު ވެސް ހަތަރު އެސޯސިއޭޝަނަކުން އިންޑޯ ބޭނުން ކުރާތީީ، އަހަރުގެ އެކި ދުވަސްތައް އެ ހަތަރު އެސޯސިއޭޝަންގެ މެދުގައި އޮންނަނީ ބަހައިލައިފަ އެވެ. ބާސްކެޓާއި ވޮލީ އާއި ޓީޓީ އަދި ނެޓްބޯޅަ މުބާރާތްތައް ކުރިއަށް ގެންދަނީ ވެސް ސޯޝަލް ސެންޓަރުގެ އިންޑޯގަ އެވެ. ކުރިން އޮތް ގޮތުން މާޗު މަހުގެ ނިޔަލަށް، އިންޑޯ ދޫކޮށްފައި އޮތީ އެމްބީއޭ އަށެވެ.
"މި ވަގުތަށް ދެން ނިންމީ ކެންސަލް ކުރަން. އެކަމަކު މި އަހަރުގެ އެހެން ކޮންމެވެސް ހިސާބެއްގައި އެމްބީއޭ ކަޕް ވެސް ބޭއްވޭތޯ މަސައްކަތް ކުރާނަން،" ވިޝާމް ވިދާޅުވި އެވެ.
އެމްބީއޭ ކަޕް ކެންސަލް ކުރުމުން ބައެއް ކްލަބްތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މުބާރާތުގައި ވާދަކުރާ ކްލަބެއްގެ އޮފިޝަލަކު ބުނިގޮތުގައި އެމްބީއޭ ކަޕް ކެންސަލް ކުރުމަކީ ޒުވާން ކުޅުންތެރިންނަށް މުބާރާތުގައި ވާދަކުރަން ލިބޭ ފުރުސަތު މަދުވާނެ ކަމެކެވެ.
"ގައުމީ މުބާރާތާއި ގައުމީ ލީގަށް ކްލަބްތަކުން އެންމެ ބޮޑަށް ތައްޔާރު ވާނީ. ބިދޭސީ ކުޅުންތެރިން ވެސް ގެންނާނީ ގައުމީ ލީގަށް ހާއްސަކޮށް. ކްލަބްތަކުގެ ވާދަވެރިކަން ގައުމީ ލީގާ މެދު އަބަދު ވެސް އޮންނާނެ. އެހެންވީމާ ވާ ގޮތަކީ ގައުމީ މުބާރާތުގައި ފުރުސަތު ދޭނީ އެންމެ ވަރުގަދަ ކުޅުންތެރިންނަށް،" ޓީމެއްގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އެކަމަކު އެމްބީއޭ ކަޕް ވީމަ ގިނަ ކްލަބްތަކުން ވެސް ގިނަ ޒުވާން ކުޅުންތެރިން ހިމަނައިގެން ކުރިއަށް ގެންދެވޭނެ. އެ މުބާރާތް ނެތުމަކީ ޒުވާން ކުޅުންތެރިންނަށް އޮތް ފުރުސަތު މަދުވާނެ ކަމެއް."
ގައުމީ ވޮލީ ޓީމާއި ބަންގްލަދޭޝްގެ ވޮލީ ޓީމު ކުޅޭ އެކުވެރިކަމުގެ މެޗުތައް އޮންނާނީ އަންނަ މަހު 6-12 އަށެވެ. އެ މުއްދަތުގައި ތިން މެޗު ކުޅުމަށް ވަނީ ހަމަޖައްސައިފަ އެވެ. ބަންގްލަދޭޝްގެ ވޮލީ ޓީމާއި ރާއްޖޭގެ މެޗު ހަމަޖެއްސީ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ބަންގްލަދޭޝަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ވޮލީބޯލް ފެޑެރޭޝަނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މާޗް 20-22 އަށް ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ ޗެމްޕިއަންޝިޕް ވެސް ރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ.
ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު ވިދާޅުވީ، ދެކުނު އޭޝިއާގެ ހަތް ގައުމުގެ ތެރެއިން ފަސް ގައުމުން މުބާރާތުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން މިހާރު ވެސް ދީފައިވާ ކަމަށެވެ.
"ކޮންފޯމްކޮށް ނުދިނަސް އިންޑިއާ އާއި ޕާކިސްތާނުން ވެސް އިޝާރާތް ކޮށްފައި ވަނީ ރާއްޖޭގައި ބާއްވާ މުބާރާތުގައި ވާދަކުރާނެ ކަމަށް،" އަލީ ވިދާޅުވެފައި ވެ އެވެ.