18 ޖެނުއަރީ 2022 - 08:34

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ގިނަވެ، ބަލީގެ ހާލަތު އެންމެ ނުރައްކާވުމުން އޮންނަ ރެޑް އެލާޓަށް ބަދަލުވެއްޖެ އެވެ.
ކޮވިޑްގެ ހާލަތު އަންގައިދިނުމަށް ރާއްޖޭގައި ހަތަރު ކުލައެއް ބޭނުން ކުރެ އެވެ. އެއީ ހުދާއި ރީނދޫ އަދި އޮރެންޖާއި ރަތެވެ. ރޭ، ކޮވިޑްގެ 1،400 އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސް ފެނުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ރަތް ކުލަ ބޭނުންކުރަން ފަށައިފަ އެވެ. މިދިޔަ އަހަރުގެ ޖުލައިގެ ކުރިން ލޮކްޑައުންގައި އޮތް އިރު، ލެވެލް ރެޑްގައި އޮތުމަށް ފަހު، ޖުލައި މަހުން ފެށިގެން ރެއާ ހަމައަށް ބޭނުން ކުރަމުން އައީ އޮރެންޖެވެ.
ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހު ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވް ރޭޓް މައްޗަށް ގޮސް، ރެއަކީ، ފަހަކަށް އައިސް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވިކަން އިއުލާންކުރި ރެ އެވެ. މާލޭ ސަރަހައްދުން އެކަނި ވެސް 826 މީހުން ޕޮޒިޓިވް ވެފައި ވެ އެވެ. ޕޮޒިޓިވިޓީ ރޭޓަކީ މާލޭގައި 24، އަދި ރަށްރަށުގައި 20 ޕަސެންޓެވެ.
ރެޓް އެލާޓް ނެރެނީ ނުރައްކަލުގެ ހާލަތު އެންމެ ބޮޑު ކަމަށް ނިންމައި، ބަލި ޖެހުނު މީހަކާ ގުޅުމެއް އޮތްކަން ނޭނގި އެހެން މީހުންނަށް ބަލި ޖެހެން ފެށުމުންނެވެ. އެލާޓް ލެވެލް އޮރެންޖަށް ބަދަލުކުރަނީ ބަލި ފެތުރިފައިވާ ސަރަހައްދަކަށް ދަތުރުކޮށްގެން ބަލިޖެހޭ މީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހޭ ހާލަތުގަ އެވެ.
"ޔެލޯ އެލާޓް" އަކީ ކޮވިޑް ޖެހިފައިވާ މީހަކު ފެނިއްޖެ ނަމަ ބަދަލުވާ ހާލަތެވެ. ވައިޓް އެލާޓަކީ ކޮވިޑް ފެތުރެން ފަށައިފާނެ ކަމުގެ ބިރު އޮތުމުން އެކަމަށް ތައްޔާރުވެ ތިބޭ ހާލަތެވެ.
ރެޑް އެލާޓްގައި، އާންމު ގޮތެއްގައި ކޮވިޑް އެންމެ ބާރަށް ފެތުރޭ ހާލަތުގައި އޮންނަ ސަރަހައްދެއް ލޮކްޑައުން ކުރެ އެވެ. އެކަމަކު، ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ އާންމު ދިރިއުޅުމާއި އިގްތިސާދަށް ގެއްލުން ނުވާ ގޮތަށް ކޮވިޑް މެނޭޖްކުރުން ކަމަށް ވާތީ މިހާރު ހަމައެކަނި އަޅާފައި ހުރި ފިޔަވަޅުތަކަކީ ގައިދުރުކޮށް ކިޔަވައިދިނުމާއި މާސްކް އެޅުމާއި ޕީސީއާރު ޓެސްޓް ހަދައިގެން ނޫނީ މާލެ އިން ބޭރަށް ނުދެވޭ ގޮތް ހެދުމެވެ.