ވޮލްމާޓުން ވެސް މެޓަވާސް އަށް ނުކުންނަނީ
ވޮލްމާޓުން ވެސް މެޓަވާސް އަށް ނުކުންނަނީ

ވާޗުއަލް ދުނިޔެއެއްގައި ކަންކަން ކޮށްލެވޭ މެޓަވާސް އަށް އެމެރިކާގެ މަޝްހޫރު ރީޓެއިލް ކުންފުނި ވޮލްމާޓުން ވެސް ނުކުތުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ކުންފުނިން ވަނީ މިކަމާ ގުޅިގެން މިދިޔަ މަހުގެ 30 ގައި މެޓަވާސްއާ ގުޅުން ހުރި ވިޔަފާރިތަކަށް ހާއްސަކޮށްގެން ޓްރޭޑްމާކްތަކެއް ރަޖިސްޓްރީކުރަން ވެސް ހުށަހަޅައިފަ އެވެ. އެމެރިކާގެ ޕޭޓެންޓް އެންޑް ޓްރޭޑްމާކް އޮފީހަށް ވޮލްމާޓުން ރަޖިސްޓްރީކުރަން ހުށަހެޅި ނަންތަކުގެ ތެރޭގައި "ވާސް ޓު ހޯމް" އާއި "ވާސް ޓު ކާބް" އަދި "ވާސް ޓު ސްޓޯރް" ހިމެނެ އެވެ.

މި ނަންތަކާ އެކު މެޓަވާސް އަށް ވޮލްމާޓް ނުކުންނަން ރަޖިސްޓްރީކުރަން ޓްރޭޑްމާކް އޮފީހަށް ހުށަހެޅި ލިޔުންތައް ދައްކާ ގޮތުން ވާޗުއަލް މުދާ ވިއްކުމާއި ނަން-ފަންޖިބަލް ޓޯކެން (އެންއެފްޓީ) ގަނެވިއްކުމާއި ކްރިޕްޓޯކަރަންސީ އަށް ވެސް މަސައްކަތްތަކެއް ކުރާނެ އެވެ.

މީގެ އިތުރުން ވީއާރްއާ އާއި އޭއާރްއާގެ ތެރެއިން ވާޗުއަލް މުދާ ވިއްކައި، ވާޗުއަލް ޝޮޕިންގެ ތަޖުރިބާ މެޓަވާސްގެ ތެރެއިން ފުޅާކުރަން ރާވާފައިވާ ޕްލޭންގެ ދަށުން ތަފާތު އެތައް އެއްޗެއް ވިއްކާނެ އެވެ. އޭގެ ތެރޭގައި އިލެކްޓްރިކް ސާމާނާއި ކުޅޭ އެއްޗިއްސާއި ގެވެހި ސާމާނާއި ކުޅިވަރާ ގުޅުން ހުރި އެއްޗެހީގެ އިތުރުން ގޭތެރެ ޒީނަތްތެރިކުރަން ބޭނުންކުރާ ތަކެތި ވެސް ހިމެނެ އެވެ.

ޓްރޭޑްމާކް އޮފީހަށް ހުށަހެޅި ޑޮކިއުމަންޓްތަކާ އެކު ވޮލްމާޓުން އެތަނުގެ ވީއާރް/އޭއާރްގެ ލޯގޯ ވެސް ފާސްކުރަން ހުށަހެޅި އެވެ.

އެ ކުންފުނީގެ ތަރުޖަމާނު ކެރީ މެކްނައިޓް ވިދާޅުވި ގޮތުގައި ވޮލްމާޓަކީ އަބަދު ވެސް އާ ކަންކަމުގެ ތެރެއަށް ވަންނަން ބޭނުންވާ އަދި ޓެކްނޮލޮޖީއާ ގުޅުން ހުރި ދާއިރާތަކުން ކުރިއަރަން ބޭނުންވާ ތަނަކަށް ވާތީ، އާ ހިޔާލުތަކާއި އާ ވިސްނުންތަކަކީ ވަރަށް ހާއްސަ ކަމެއް ދޭ ކަމަށެވެ.

"ނަމަވެސް މި ވަގުތު މިކަމާ ބެހޭ ގޮތުން މާ ބޮޑު ތަފުސީލުތަކެއް ދެވޭކަށް އަދި ނެތް،" އޭނާ ވިދާޅުވި އެވެ.