ޗައިނާ-އިންޑިއާ އަސްކަރީ ވާހަކަތައް ކޮޅެއްގައި ނުޖެހުނު
ޗައިނާ-އިންޑިއާ އަސްކަރީ ވާހަކަތައް ކޮޅެއްގައި ނުޖެހުނު

ޗައިނާ އާއި އިންޑިއާ ދެމެދު ސަރަހައްދީ ރޮނގުގެ މައްސަލައިގައި އުފެދިފައިވާ އަރައިރުން ހައްލުކުރުމުގެ ގޮތުން ދެ ގައުމުގެ މެދުގައި، މިދިޔަ ހަފުތާގެ ފަހުކޮޅު ބޭއްވި 14 ވަނަ ބުރުގެ މަޝްވަރާތައް ވެސް ކޮޅެއްގައި ނުޖެހި ނިމިއްޖެ އެވެ.

ސަރަހައްދީ ރޮނގުގެ މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ބޭއްވި 14 ވަނަ ބުރުގެ މަޝްވަރާތައް އޮތީ، ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގުގެ ޗުޝުލް-މޮލްޑޯ ކިޔާ ބޯޑަރު ޕޮއިންޓުގައި ޗައިނާ ފަޅީގަ އެވެ. މި މަޝްވަރާތަކުގައި ދެ ގައުމުގެ އަސްކަރީ އޮފިސަރުންނާއި ފޮރިން މިނިސްޓްރީގެ މަންދޫބުން ބައިވެރިވި އެވެ.

މި މަޝްވަރާތަކުގައި، ސަރަހައްދީ ރޮނގުގެ މައްސަލަ ވަކި ގޮތަކަށް ހައްލުކުރަން އެއްބަސް ނުވެވުނު ކަމަށް ވިޔަސް، ސަރަހައްދީ ރޮނގުގެ މައްސަލަ ހައްލުކުރުމަށް ހުރަސްއެޅޭ އެހެން ކަންކަމާ މެދުގައި ދެ ގައުމުގެ އިސް ވެރިންގެ ލަފަޔާއި މަޝްވަރާއާ އެކުގައި އިތުރަށް ކުރިއަށް ދިއުމަށް ދެ ފަރާތުން އެއްބަސްވި އެވެ. ދެ ގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިވާނީ އަދި ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގާއިމުކުރެވޭނީ ވެސް އޭރުން ކަމަށް ދެ ފަރާތުން އެއްބަސްވި އެވެ.

މި މައްސަލައިގައި ބޭއްވި 13 ވަނަ ބުރުގެ ވާހަކަތައް އޮތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެ ވާހަކަތައް ވެސް ނިމުނީ އެއްވެސް ނަތީޖާއެއް ނުނެރެވި އެވެ.

ސާދަ ވަނަ ބުރުގެ ވާހަކަތަކުގައި އިންޑިއާ އިން ބޮޑަށް ސަމާލުކަން ދިނީ، ދެ ގައުމުގެ ސިފައިންގެ މެދުގައި ކުރިމަތިލުމެއް ހިނގިޔަ ނުދިނުމަށް ކުރެވޭނެ ކަންކަމާ މެދުގައި މަޝްވަރާ ކުރުމަށެވެ. އޭގެ އިތުރުން، ދެ ގައުމުގެ މެދުގައި އަރާރުން އުފެދިފައިވާ ލަޑާކް ސަރަހައްދުން ޗައިނާގެ ބާރުގެ ދަށުގައި އޮތް ފަޅީގައި ޗައިނާ ސަރުކާރުން ހިންގަމުންދާ އުމްރާނީ މަޝްވަރާތަކާ ގުޅޭ ގޮތުން ވެސް، އިންޑިއާ އިން ވާހަކަ ދެއްކި އެވެ.

ލަޑާކް ސަރަހައްދުގައި އޮންނަ ޕަންގްސޮންގް ޓްސޯ ނަމަކަށް ކިޔާ ކުޅީގެ މަތިން ބްރިޖެއް އެޅުމުގެ މަސައްކަތް ޗައިނާ ސަރުކާރުން ކުރަމުން އަންނާތީ، އިންޑިއާ އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި ގުޅީގެ މަތިން ބްރިޖެއް އަޅަނީ، ކުޅީގެ އެއް ފަރާތުން އަނެއް ފަރާތަށް ސިފައިންނާއި ބަރު ހަތިޔާރު ގެންދަން ފަސޭހައަކަށެވެ.

އިންޑިއާ ސިފައިންގެ ވެރިޔާ ޖެނެރަލް މަނޯޖް މުކުންދު ވިދާޅުވާ ގޮތުގައި ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ދާއިރާގައި މަޝްވަރާތައް ކުރިއަށް ދިޔަ ކަމުގައި ވިޔަސް، އިންޑިއާ ސިފައިން ތިބޭނީ ފުރިހަމަ ތައްޔާރީ ހާލަތުގަ އެވެ.