17 ޖެނުއަރީ 2022 - 12:56

އިނގިރޭސި ރާނީގެ މާމަ ދަރިކަލުން، ޕްރިންސް ހެރީ އާއި އާއިލާ އިނގިރޭސި ވިލާތަށް ޗުއްޓީގައި ވަޑައިގަންނަވަން ނިންމަވައި އެކަން އިނގިރޭސި ސަރުކާރަށް އެންގުމުން ވެސް، އިނގިރޭސި ފުލުހުންގެ ފަރާތުން ރައްކާތެރިކަން ދޭން ހަމަޖެހިފައި ނެތުމުން، އެ މައްސަލަ ކޯޓަށް ހުށަހަޅުއްވައިފި އެވެ.
ޕްރިންސް ހެރީ ޝާހީ ރަސްކަމުގެ ހުރިހާ މަސްއޫލިއްޔަތުތަކުން، 2020 ވަނަ އަހަރު އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމާ ގުޅިގެން، އިނގިރޭސި ވިލާތުގެ ފުލުހުންގެ ފަރާތުން ސަލާމަތީ ރައްކާތެރިކަން ދިނުން ވަނީ ހުއްޓާލައިފަ އެވެ. އެހެންކަމުން ހެރީ އިނގިރޭސި ސަރުކާރަށް ހުށަހެޅުއްވީ އަނބިކަނބަލުން މެގަން އާއި ދަރިކަލުންނާއި ދަރިކަނބަލުންނާ އެކުގައި ޗުއްޓީގައި އިނގިރޭސި ވިލާތަށް ވަޑައިގަންނަވާ އިރު، އޭނާ އަމިއްލަ އަށް ހަރަދުކުރާ ގޮތަށް، އިނގިރޭސި ފުލުހުންގެ ފަރާތުން ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށެވެ.
ހެރީ އިނގިރޭސި ވިލާތަށް ވަޑައިގަންނަވާ އިރު، އޭނާގެ އަމިއްލަ ސަލާމަތީ ހަށިފާރަވެރިން ގެންދިޔަ ކަމުގައި ވިޔަސް، އެއީ އެމެރިކާގެ ކުންފުންޏެއްގެ ބަޔަކަށް ވާތީ، އިނގިރޭސި ވިލާތުގައި އެމީހުންގެ ގާނޫނީ ހައިސިއްޔަތެއް ނޯންނާނެތީ، ސަލާމަތީ ރައްކާތެރިކަން ފުރިހަމައަށް ފޯރުކޮށްދިނުން ދަތިވާނެ އެވެ. އޭގެ އިތުރުން އިނގިރޭސި ސަރުކާރުގެ ޖާސޫސީ އިދާރާތަކުން މައުލޫމާތު ނުލިބޭނެތީ، ޕްރިންސް ހެރީއަށް ހުރި ނުރައްކާތައް ވަޒަން ކުރުން ވެސް ދަތިވާނެ އެވެ.
"އިނގިރޭސި ވިލާތަކީ އަބަދުވެސް ޕްރިންސް ހެރީގެ އަމިއްލަ ގައުމަށް ވާނެ. އެ ގައުމުގައި އޭނާގެ އަނބިކަނބަލުންނާއި ބޭފުޅުންނަށް ރައްކާތެރިކަން ލިބެން، ޕްރިންސް ހެރީ ބޭނުންފުޅުވޭ. ފުލުހުންގެ ރައްކާތެރިކަން ނުލިބޭ ނަމަ، ވަރަށް ބޮޑު ނުރައްކަލެއް އަބަދުވެސް އޮންނާނެ. އެފަދަ ރައްކާތެރިކަމެއް ނުލިބޭ ނަމަ، ޕްރިންސް ހެރީ އާއި އާއިލާ އިނގިރޭސި ވިލާތަށް ވަޑައިގަތުން ވަރަށް ދަތިވާނެ،" ޕްރިންސް ހެރީގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނެއްގައިވެ އެވެ.
ޕްރިންސް ހެރީ އިނގިރޭސި ވިލާތުގެ ސޭންޑްރިންގަމްގައި 2020 ވަނަ އަހަރު ހުންނެވުމަށް ބޭނުންފުޅުވެގެން ވެސް، އަމިއްލަ އަށް ހަރަދުކުރައްވާ ގޮތަށް އިނގިރޭސި ފުލުހުންގެ ސަލާމަތީ ރައްކާތެރިކަން ހޯއްދެވުމަށް ހުށަހެޅުއްވި އެވެ. ނަމަވެސް އެފަހަރު ވެސް އިނގިރޭސި ސަރުކާރުން ވަނީ އެ ހުށަހެޅުއްވުން ގަބޫލުނުކޮށްފަ އެވެ.