17 ޖެނުއަރީ 2022 - 13:32

ރާއްޖޭގެ ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކުގައި ބޭނުންކުރާ ވެހިކަލްތައް މަރާމާތުކޮށް ބަލަހައްޓާ ޓެކްނީޝަނުން ތަމްރީނުކުރުމަށް ހެލްތު މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިޓެކްނިކްއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ޓެކްނީޝަނުން ތަމްރީނުކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ނަސީމް އެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކުގައި މަސައްކަތްކުރާ 18 ޓެކްނީޝަނަކަށް، ތިން މަސް ދުވަހުގެ މެއިންޓަނަންސް ޓްރެއިނިން ދިނުމަށް ހަމަޖެހިފައިވެ އެވެ.
އެ ޓްރެއިންތަކުގެ ސަބަބުން ޓެކްނީޝަނުންގެ ފަންނީ ގާބިލުކަން އިތުރުވެ، އެމްބިއުލާންސް ފަދަ ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ފަސޭހައިން ހައްލުކުރެވި މަރާމާތުގެ ހަރަދު ކުޑަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެކަމުގެ އެއްބަސްވުމުގައި ސޮއިުކުރަން ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވިދާޅުވީ 180 އަށް ވުރެ ގިނަ ރަށުގައި ހުރި ވެހިކަލްތައް މަރާމާތުކޮށް ބެލެހެއްޓުމަކީ އެ މިނިސްޓްރީއަށް ދިމާވެފައިވާ ވަރަށް ބޮޑު ދައްޗެއް ކަމަށެވެ.
"ސިސްޓެމެޓިކްކޮށް މިކަން ނުކުރެވޭތީ މިހާ ބޮޑު ހަރަދެއް މަރާމާތަށް ދަނީ. އެހެންވީމަ މިހާރު ދެގޮތަކަށް މި ވިސްނަނީ. އަޅުގަނޑުމެންގެ ތެރޭގައި މި ކެޕޭސިޕީ ބިލްޑްކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ވިސްނުން ގެންގުޅުއްވަނީ މިހާރު ތަމްރީނުކުރާ މީހުންގެ ތަމްރީނުތަކަށް ފަހު އެމީހުންގެ ފަރާތުން އެހެން މީހުންނަށް ދަސްކޮށްދިނުމަށެވެ. އެގޮތަށް ކުރިއަށް ގެންދެވިއްޖެ ނަމަ، ހިފަހައްޓާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސިއްހީ ދާއިރާގެ ވެހިކަލްތައް މަރާމާތުކުރުމަށް ޓެކްނީޝަނުންނަށް ތަމްރީނުދޭން ނިންމިއިރު މިހާރު ރަށްރަށުގައި ބޭނުންކުރަމުން އަންނަ ބައެއް އެމްބިއުލާންސްތައް ހަލާކުވެ އެތައް ދުވަހެއްވާއިރު ވެސް އެތަކެތި މަރާމާތު ނުކުރެވި އެމްބިއުލާންސްގެ ދަތިކަމުގެ ޝަކުވާ ބޮޑެވެ.