17 ޖެނުއަރީ 2022 - 12:39

ބޮޑުތަކުރުފާނު މަގުން ކާނިވާ ސަރަހައްދުގައި ހުރި ޕާކިން ޒޯނު އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަކަށް އަރަބިއްޔާ ސްކޫލުގެ ބޭނުންތަކަށް ހާއްސަކޮށްފި އެވެ.

އެ މިނިސްޓްރީން ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނީ، ވަގުތީ ގޮތުން އަރަބިއްޔާ ސްކޫލް ބަދަލުކުރީ ދުއްވާ އެއްޗެހި ގިނަ ސަރަހައްދަކަށް ވުމުން، ހާދިސާއެއް ހިނގައިފި ނަމަ ހުރިހާ ކުދިން އެއްވާނެ ހުސް ޖާގައެއް ބޭނުންވާ ކަމަށެވެ. އެހެންވެ، އެ ސްކޫލަށް ދާ ކުދިން ވަދެނުކުމެ އުޅެން ފަސޭހަ ކުރުމަށާއި ބެލެނިވެރިން މަޑުކޮށްގެން ތިބޭނެ ޖާގައެއްގެ ގޮތުގައި ބިމެއް ބޭނުންވާ ކަމަށް ސިޓީގައި ވެ އެވެ.
އެ ބޭނުމަށް މިނިސްޓްރީން އެދުނީ އެމްޓީސީސީ ޝޯ ރޫމާއި ކާނިވާ ސަރަހައްދުގެ ޕާކިން ޒޯނާ ދެމެދު ފެންސް ޖަހާފައި އޮތް ހުސް ބިން ދިނުމަށެވެ. އެކަމަކު، އެއީ ކައުންސިލާއި އެެހެން ބަޔަކާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދޫކޮށްފައިވާ ބިމަކަށް ވާތީ، އެ ސަރަހައްދުގައި ހުރި ޕާކިން ޒޯން އަރަބިއްޔާ އަށް ވަގުތީ ގޮތުން ދޭން ނިންމީ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.
އެ ބިން އަރަބިއްޔާ ސްކޫލަށް ވަގުތީ ގޮތުން ދިނީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮންނަ ގޮތަށެވެ.
އަރަބިއްޔާ އަށް ހާއްސަކުރި ބިމަކީ 60 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ތަނެއް ކަމަށް ވާއިރު އެއީ އެ ސަރަހައްދަށް ދާ ގިނަ ބަޔަކަށް ޕާކްކުރުމުގައި ބޮޑު ލުޔެއް ލިބުނު ކަމެކެވެ. އެކަމަކު، ޕާކިން ސަރަހައްދުގެ ބޮޑު ބައެއް އަރަބިއްޔާ ސްކޫލަށް ހާއްސަ ކުރުމުން އަނެއްކާވެސް ޕާކިންގެ މައްސަލަ ބޮޑުވާނެ ކަމަށް ބެލެވެ އެވެ. ހާއްސަކޮށް ބޮޑުތަކުރުފާނު މަގަކީ ޕާކްކުރުން މަނާ މަގަކަށް ވާއިރު، ޕާކިން ޒޯނެއް މަދުވުމުން އޭގެ އުނދަގޫ އެތައް ބަޔަކަށް ފޯރާނެތީ އެ ޝަކުވާ މިހާރު ވެސް ވަނީ ކުރަން ފަށައިފަ އެވެ.
އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން ބަދަލުކުރީ، ކުރިން ފޮރިން މިނިސްޓްރީ ހުރި އިމާރާތަށެވެ. އެ ސްކޫލް ވަގުތީ ގޮތުން ބަދަލުކުރީ ކުރީގެ އިމާރާތުގެ ފާރުތަކާއި ތަނބުތަކުގައި ރެނދުލައި ކަތުރުފަނި ފެތުރުމުން އެއީ ކުދިންނަށް ރައްކާތެރި ތަނަކަށް ނުވާތީ އެވެ.