07 ޖޫން 2016 - 08:03

ޝާހިދު ކަޕޫރާއި މީރާ ރާޖްޕޫތުގެ ކައިވެންޏަށް އަންނަ ޖުލައި މަހު އެއް އަހަރު ފުރޭނެ އެވެ. މި ދެމަފިރިން މިހާރު ދަނީ އެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރުވަމުންނެވެ.

ޝާހިދު މިހާރު އުޅެނީ އޭނާގެ އާ ފިލްމު "އުޅްތާ ޕަންޖާބު" ރިލީޒްކުރަން ތައްޔާރުވަމުންދާތީ ފިލްމުގެ ޕްރޮމޯޝަން މަސައްކަތުގައި ވަރަށް އަވަދިނެތި އެވެ. ނަމަވެސް ޝާހިދުގެ ފަރާތުން ކުރިން ފާހަގަ ނުކުރެވޭ ކަމެއް ނޫސްވެރިންނަށް މިހާރު ފާހަގަ ކުރެވެ އެވެ. އަންހެނުން މީރާއާ ބެހޭ ގޮތުން ކުރާ ސުވާލުތަކަށް ވެސް ވަރަށް ހަމަޖެހިލައިގެން ޖަވާބުދޭތީ އެވެ. މީރާގެ ވާހަކަތައް ނޫސްވެރިންނާ ހިއްސާ ކުރާތީ އެވެ.
އެގޮތުން ބޮމްބޭ ޓައިމްސް އަށް އޭނާ ދާދިފަހުން ދީފައިވާ އިންޓަވިއުއެއްގައި މީރާ އާ ފުރަތަމަ ބައްދަލުވީ ދުވަހު ކަންތައް ވީ ގޮތް ވެސް ކިޔައިދިނެވެ.
ޝާހިދު ބުނެފައިވާ ގޮތުގައި މީރާ އާއި އޭނާ ރައްޓެހިވެގެނެއް ނޫޅެ އެވެ. މީރާއާ ޝާހިދު ބައްދަލުވީ އެންމެ ދެ ތިން ފަހަރަކަށް ކަމަށާއި އެ ހިސާބުން ދެ މީހުން ކައިވެނިކުރަން ނިންމީ ކަމަށް ޝާހިދު ބުންޏެވެ،
"އަހަރެންނަށް މީރާ އާ ފުރަތަމަ ބައްދަލުވީ "އުޅްތާ ޕަންޖާބު"ގެ ޝޫޓިން ފަށަން ވަރަށް ކައިރިވެފައި ވަނިކޮށް. އަހަރެން އޭނާއާ ބައްދަލުކުރަން އެމީހުންގެ ގެޔަށް ދިޔައިން. އޭރު ވެސް އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ޓޮމީގެ ކެރެކްޓާގެ ތެރެއަށް ވަދެ. އިސްތަށިގަނޑު ދިގުކޮށްފަ ފަހަތަށް އައްސާފަ. އުނަގަނޑުން ފައިބައިފައިވާ ޓްރެކް ޕޭންޓްސް އެއް ލައިގެން ވަރަށް ހުތުރު ފާޑަކަށް ހުރި ބޫޓަކަށް އަރާފަ،" ޝާހިދު ބުނެފައިވެ އެވެ.
ދިއްލީގައި ހުންނަ މީރާގެ ފާމްހައުސްއަށް އެ ދުވަހު ވަދެގެން ދިޔަގޮތް އަދިވެސް ހަނދާން އެބަހުރި ކަމަށާއި ވާންއުޅޭ ދަނބިދަރިފުޅަށް މަރުހަބާ ކިޔަން މީރާގެ ބައްޕަ ކާރު ކައިރިއަށް އައި ކަމަށް ވެސް ބުނެފައިވެ އެވެ،
"އަހަންނަށް ހީވަނީ އަހަރެން ފެނިފައި އޭނާ ހިތަށް އަރާނެހެން މިއީ ހޭ މަގޭ ދަރިފުޅާ ކައިވެނިކުރަން އުޅޭ މީހަކީ. މިރާގެ ބައްޕަ އަހަންނާ ދިމާލަށް ބަލާވެސް ނުލާ މަޑުމަޑުން ގެއަށް ވަންނާށޭ ބުނި. ޓޮމީގެ ކެރެކްޓާގައި ހުރި މީހަކާ ކައިވެނި ކުރަން މީރާ އެއްބަސްވީތީ ވެސް އަހަރެން ހައިރާންވަން. އަހަރެން އެދުވަހު މީރާ ގާތު ބުނިން އަހަރެންގެ އިސްތަށިގަނޑުގައި ވެސް ކުލަ ޖައްސާށޭ މި އުޅެނީ. މީރާގެ މޫނުމައްޗަށް ވީގޮތް ބުނެދޭންވެސް ނޭނގޭ. އެންމެ ވިއްސަކަށް އަހަރުގެ ދެންމެ ކޮލެޖުން ނިކުތް އަންހެންކުއްޖެއް މީރާ އަކީ،"
"އޭނާ ވަރަށް ބާރަށް ކީކޭހޭ ބުނެލީ ބޭއިޚްތިޔާރުގައި. ދެން އަހަރެން މީރާ ކައިރީ ބުނިން އަހަރެން އަލަށް ކުޅެން ފަށާ ފިލްމުގައި ކުޅޭ ޓޮމީ ކިޔާ ކެރެކްޓާއަކަށޭ މި ތައްޔާރުވަނީ. މީރާ ބުނި ޓޮމީ ކިޔާ މީހުން ވެސް އުޅޭހޭ. ޓޮމީ ކިޔަނީ ކުއްތާއަކަށް ނޫންނޭ،" ޝާހިދު އޭނާގެ އަންހެނުންނާ ފުރަތަމަ ބައްދަލުވި ދުވަހުގެ ވާހަކަތައް ކިޔައިދެމުން ބުންޏެވެ.
ޝާހިދުގެ ވާހަކަތަކުން ދޭހަވަނީ މީރާ އަކީ ޝާހިދުގެ އާއިލާއިން އޭނާ ކައިވެނިކުރަން ހޯދި އަންހެންކުއްޖެއް ކަމަށެވެ. އަދި މީރާއާ ބައްދަލުވުން ޝާހިދު އަށް ވެސް އޭނާއާ ގަޔާވެވި ލޯބި ވެވުނީ ކަމަށެވެ.
އޭގެ ފަހުން މީރާ ޝާހިދު އަށް ގޮވަނީ ޓޮމީ އޭ ކިޔާފަ ހެއްޔެވެ؟ ނޫސްވެރިއަކު ކުރި މި ސުވާލުގެ ޖަވާބުގައި ޝާހިދު ހެމުން ބުނީ އެހެން ކިޔާފައި ނުގޮވިޔަސް ފޯނަށް ޝާހިދުގެ ނަންބަރުން ގުޅުމުން އަރަނީ "ޓޮމީ ކޯލިން" ކަމަށެވެ.
އިސްތަށިގަނޑުގައި ކުލަ ޖެއްސުމަކީ މީރާ ވަރަށް ފޫހިވާ ކަމެކެވެ. އެހެންވެ އޭގެ އެއްމަސް ފަހުން އެ ދެ މީހުން ކައިވެނި ކުރާއިރު ޝާހިދު ބޮލުގައި އެހެން ކުލައެއް ނުޖައްސާ އަސްލު ހުންނަ ކުލައިގައި ބެހެއްޓުމަށް މީރާ ޝަރުތު ކުރި އެވެ.
ޝާހިދު ބުނި ގޮތުގައި ކައިވެނިކުރާ ދުވަހު އިސްތަށިގަނޑުގައި ރަތް ކުލަ ޖައްސާފައި ބަހައްޓަން އޭނާ ވަރަށް ހިތް އެދުނެވެ. އޭރުން ކައިވެނީގެ ފޮޓޯތައް ބަލާފައި އޭނާގެ ދަރިން ބައްޕަ ހާދަ ކޫލް އޭ ހިތަށް އަރާނެކަމަށް ޝާހިދު ގަބޫލުކުރި އެވެ. ނަމަވެސް މީރާއާ ބައްދަލުވުމަށް ފަހު އޭނާ މުޅީން ގެވެހި ފިރިއަކަށް ބަދަލުވެފައިވާ ކަމަށާއި މިހާރު މީރާ ބުނާ ކޮންމެ ވާހަކައެއް އޭނާ އަޑުއަހާ ކަމަށް ވެސް ޝާހިދު ބުންޏެވެ.
ޝާހިދުގެ އިންޓަވިއުގައި ބުނެފައިވާ ގޮތުގައި މީރާ ވިހާ ދުވަސް ތަންކޮޅެއް ކައިރިވުމުން އޭނާ ދިގު ޗުއްޓީއެއް ނަގާނެ އެވެ. މީރާ އަށް ޚިދުމަތްކޮށްދީ ހިތްހަމަޖައްސައި ދިނުމަށެވެ.
މީރާއަކީ ވަރަށް ޅަ ކުއްޖަކަށްވާތީ ބަލިވެ އިނުމުގެ ސަބަބުން ދިމާވާ އުނދަގޫތަކަކީ އޭނާއަށް އެހާ ފަސޭހަ ކަންތައްތަކަކަށް ނުވާ ކަމަށާއި އެހެންކަމުން މީރާ ބެލެހެއްޓުމަށް އޭނާ ޗުއްޓީ ނަގައިގެން ގޭގައި ދުވަސްކޮޅަކު މަޑުކުރާނެ ކަމަށް ޝާހިދު ބުންޏެވެ.