އިންތިހާބަށް މަގުފަހިކުރުމަށް ނިއުގެ ބޯޑް އިސްތިއުފާ ދެނީ
އިންތިހާބަށް މަގުފަހިކުރުމަށް ނިއުގެ ބޯޑް އިސްތިއުފާ ދެނީ

އާ އިންތިހާބަކަށް މަގުފަހިކުރުމަށްޓަކައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ބޯޑުގެ ނުވަ މެމްބަރުންގެ ތެރެއިން އަށް މެމްބަރަކު އިސްތިއުފާ ދޭން ނިންމައިފި އެވެ.

ނިއުގެ މިހާރުގެ ބޯޑުގެ ދައުރު ހަމަނުވި ނަމަވެސް އެނގިފައިވާ ގޮތުގައި މެމްބަރުން އިސްތިއުފާ ދޭން ނިންމީ ކްލަބުގެ މުއައްސިސުންނާ އެއްބަސްވުމަކަށް އައިސްގެންނެވެ.

އާ އިންތިހާބު އޮންނާނެ ސީދާ ދުވަހެއް އެނގިފައިނުވާއިރު، އިންތިހާބަށް ފަހު ކްލަބާ ހަވާލުވާން މަސައްކަތްކުރަނީ ވިޔަފާރިވެރިންގެ ގްރޫޕަކުންނެވެ.

އިސްތިއުފާ ދެއްވާ މެމްބަރުންގެ ތެރޭގައި ކްލަބުގެ ޗެއާމަން ޔާމީން އާދަމް ހިމެނެ އެވެ. މިއަދު އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާ ގޮތަށް އޮތް ނަމަވެސް އެކަން ނުކުރެވި އޮތީ، ޔާމީން މިވަގުތު ރާއްޖޭގައި ވަޑައިގެން ނެތުމުން ކަމަށް އެނގިފައިވެ އެވެ.

ނިއުއާ އަލަށް ހަވާލުވާން މަސައްކަތްކުރާ ގްރޫޕުން އަންނަނީ މިހާރު ވެސް ރާއްޖޭގެ ސީނިއާ ބައެއް ކުޅުންތެރިންނާ ވާހަކަދައްކަމުންނެވެ. އެގޮތުން އަންނަ ސީޒަނަށް ޓީމު ވަރަށް ބޮޑަށް ވަރުގަދަކުރަން މިހާރު ވެސް ވަނީ ޕްލޭން ހަދައިފަ އެވެ. އަދި ރާއްޖޭގެ މަތީ ފެންވަރުގެ ގިނަ ކުޅިވަރުތަކެއްގައި ނިއު އިން ވާދަކުރަން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ކްލަބުގެ ޗެއާމަންގެ މަގާމަށް ވަޑައިގަންނަވާނީ ދިވެހި ސިފައިންގެ ކްލަބުގެ ކުރީގެ ރައީސް މުހައްމަދު ޒިޔާދެވެ. އޭނާއާ އެކު ކްލަބުގެ އެގްޒެކެޓިވް ކޮމިޓީއަށް އަންނަ ބޭފުޅުންގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިންނާއި ކްލަބަށް ކުރިން ހަރަދުކުރައްވާފައިވާ ބޭފުޅުންގެ އިތުރުން ކްލަބުގެ ސަޕޯޓަރުން ހިމެނެ އެވެ. މީގެ އިތުރުން ބޯޑަށް ވަޑައިނުގެންނެވި ނަމަވެސް ކްލަބަށް ހަރަދުކުރައްވަން ބައެއް ވިޔަފާރިވެރިން މިހާރު ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.

މީގެ ތެރެއިން ޒިޔާދު ވަނީ ސިފައިންގެ ކްލަބުގެ ރައީސްގެ މަގާމުގައި ހުންނަވައި އެ ކްލަބަށް ބޮޑެތި ކުރިއެރުންތަކެއް ގެންނަވައިފަ އެވެ. އޭނާގެ ދައުރުގައި ސިފައިންގެ ފުޓްބޯޅަ ޓީމް އެކުލަވާލާއި ރަނގަޅު ކާމިޔާބީތަކެއް ހޯދިއިރު މރ. އެމްއެންޑީއެފް މުބާރާތް ތައާރަފްކޮށް އަދި ސިފައިންގެ ވޮލީބޯޅަ ޓީމުން ވެސް ގިނަ ކާމިޔާބީތަކެއް ހޯދި އެވެ.

އަލީ ވަހީދުގެ ޗެއާމަންކަމުގެ ދަށުން ނިއު 2012-2014 އަށް ވަރުގަދަ ބާރެއްގެ ގޮތުގައި އޮވެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު މި އަހަރު ހަވާލުވި ބޯޑާ އެކު މި ސީޒަނުގައި ނިއު ފެނިގެން ދިޔައީ ވަރަށް ބަލިކަށިކޮށެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފަސް ވަނަ އަށް ދިޔައިރު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން ފުރުސަތެއް ނުލިބެ އެވެ.