16 ޖެނުއަރީ 2022 - 21:19

ކ. ގާފަރަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދައި ދިނުމުގެ ގޮތުން، ސްޓެލްކޯއިން އެ ރަށުގައި ބަހައްޓާފައި ހުރި ފެން ޕްލާންޓުތަކުން ރައްޔިތުންގެ އާއްމު ބޭނުންތަކަށް ހިލޭ ފެން ދޫކުރަން ފަށައިފި އެވެ.
ސްޓެލްކޯއިން ވަނީ ގާފަރުގައި 15 ޓަނުގެ އާރުއޯ ދެ ޕްލާންޓް ބަހައްޓައިފަ އެވެ. މި ދެ ޕްލާންޓުން މިއަދުން ފެށިގެން ހިލޭ ފެން ލިބޭނެ އެވެ.
ގާފަރު ކައުންސިލްގެ ރައީސް މުބާޝިރު ޖަލީލް "މިހާރު" އަށް ވިދާޅުވީ ކޮންމެ އަހަރަކު ވެސް ހޫނު މޫސުމުގައި އެ ރަށް އޮންނަނީ ފެނަށް ޖެހިފައި ކަމަށެވެ. އަދި މިހާރު ވެސް ރަށް އޮތީ ފެނަށް ޖެހިފައި ކަމަށާއި ސްޓެލްކޯގެ ފެން ޕްލާންޓުތަކުން ފެން ދޫކުރަން ފެށުމަކީ އެކަމަށް ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ އަހަރަކު ފެން މިގެންނަނީ ސަރުކާރުގައި އެދިގެން. މިހާރު ވެސް ރަށް މިއޮތީ ފެނަށް ޖެހިފައި. އެކަމަކު ދެން އެކަމާ މެދު ވިސްނާކަށް ނުޖެހޭނެ. މަސްވެރިންނަށް ވެސް މިހާރު ރަށުން ހަމަ ފެން ލިބޭނެ،" މުބާޝިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ އެ ރަށަށް ދިމާވެފައި އޮތް ފެނުގެ މައްސަލައަށް ލިބުނު ވަގުތީ ހައްލެއް ކަމަށެވެ. އަދި އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގާފަރު ފެނާއި ނަރުދަމާގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މިހާރު އެ ރަށުގައި ހުރި ސިސްޓަމަކީ ގެތަކަށް ނެޓްވޯކް ގުޅާފައިވާ ސިސްޓަމަކަށް ނުވާތީ ފެން ދޫ ކުރާނީ އުސޫލެއްގެ ދަށުންނެވެ. މިހާރު ނިންމާފައި ވަނީ ދުވާލަކު ކޮންމެ މީހަކަށް 20 ލީޓަރު ދޫކުރާށެވެ.
ފެނުގެ ކަނެކްޝަން އަދި ގާފަރުގެ ގެތަކަށް ގުޅާފައި ނުވާތީ އަދި ފެން ދޫކުރާނީ ފެން ޕްލާންޓުގެ ބޭރުގައި ހަރުކޮށްފައިވާ ފެން އިސްކުރަކުންނެވެ. މި ހިދުމަތް ލިބޭނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ.