16 ޖެނުއަރީ 2022 - 20:55

އިނގިރޭސިވިލާތުގެ "ގައިޑް އެޑިއުކޭޝަން" އާ ގުޅިގެން ރާއްޖޭގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުން ތަމްރީނު ކުރުމުގެ ކޯސްތަކެއް ހިންގަން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރެއިނިން ކޯސްތައް އިފްތިތާހުކޮށްދެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
މިނިސްޓްރީން ބުނީ "ގައިޑް އެޑިއުކޭޝަން" އަކީ ޓީޗަރުން ތަމްރީންކުރުމަށް، ޑިޖިޓަލް ގިނަ ވަސީލަތްތަކެއް އެއް ޕްލެޓްފޯމަކުން ލިބޭގޮތަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމެއް ކަމަށެވެ. އެ ޕްލެޓްފޯމް މެދުވެރިކޮށް ކުރިއަށް ގެންދާ ކޯސްތަކުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ޕްރިންސިޕަލުންނާއި ޓީޗަރުންނަށް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މި ޕްރޮގްރާމުގެ ފުރަތަމަ ބުރު ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. މި ބުރުގައި 500 ޓީޗަރަކު ތަމްރީންކުރާނެ އެވެ.