ޕާޓީތައް ތަފާތުކުރުމުގެ އުސޫލެއް ނުގެންގުޅެން: އީސީ
ޕާޓީތައް ތަފާތުކުރުމުގެ އުސޫލެއް ނުގެންގުޅެން: އީސީ

ސިޔާސީ ޕާޓީތައް ތަފާތުކުރުމުގެ އުސޫލެއް ނުގެންގުޅޭކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލި ގިނަ އަދަދެއްގެ މަންދޫބުންނާއި އޮބްޒާވަރުންގެ ފޯމުތައް އިލެކްޝަންސް އިން ބަލައިގެންފައިނުވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައިވާތީ، "މިހާރު"އާ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ވަކި ޕާޓީއަކަށްވީތީ ފޯމު ބަލައިނުގަތުމުގެ އުސޫލެއް އެ ކޮމިޝަނުން ނުގެންގުޅޭ ކަމަށެވެ.

އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވާން އެދި އިލެކްޝަންސް އަށް ފޯމް ހުށަހަޅަންޖެހޭނީ ފޯމަކުން އިންޓަނެޓުގެ ޒަރިއްޔާއިންނެވެ. މުއްދަތު ހަމަވެގެން ދިޔައިރު ވެސް އެ ކޮމިޝަންގެ ސާވާ ބިޒީވެ، ކޮމިޝަނުން އެދުނުގޮތަށް އިންޓަނެޓުގެ ޒަރިއްޔާއިން ހުށަހަޅަން ހުރަސްތަކެއް ކުރިމަތިވިކަމަށް އެމްޑީޕީން ބުންޏެވެ. ނަމަވެސް އަކްރަމް ވިދާޅުވީ ފޯމު ހުށަހަޅައިގެން ވެސް ކުރިމަތިލެވޭނެ ކަމަށް މިދިޔަ ހަފުތާގައި ޕާޓީތަކަށް އަންގާފައިވާނެ ކަމަށެވެ.

"ސާވާގެ މައްސަލަތައް ދިމާވެގެން ޕާޓީތަކަށް އަޅުގަނޑުމެން މިދިޔަ ހަފުތާގައި އެންގިން ސީދާ ފޯމު ވެސް ހުށަހެޅޭނެ ކަމަށް. އޮބްޒާވަރުންގެ ގޮތުގައި ހަަރަކާތްތެރިވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ އިއްޔެ،" އަކްރަމް ވިދާޅުވި އެވެ.

އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު އީސީން ބަަންދުކުރީ އިއްޔެ އެވެ. އަކްރަމް ވިދާޅުވީ މިހާތަނަށް ގިނަ އަދަދެއްގެ ފޯމު އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ސީދާ އަދަދެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.