އިންޑިއާ ޓީޗަރުން ރަށުން ފައިބަން ގޮވައި މަގުމަތިން ފުރައްސާރަކުރި: އެޑިއުކޭޝަން
އިންޑިއާ ޓީޗަރުން ރަށުން ފައިބަން ގޮވައި މަގުމަތިން ފުރައްސާރަކުރި: އެޑިއުކޭޝަން

ބައެއް ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވައިދޭ އިންޑިއާ ޓީޗަރުންނަށް މަގުމަތިން ފޮށޭ ކަމުގެ ރިޕޯޓްތައް ލިބިފައިވާ އެ މީހުން ރަށުން ފައިބަން ގޮވައި ފުރައްސާކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ށ. ފުނަދޫ ސްކޫލްގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލައާ ގުޅިގެން މިނިސްޓްރީން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.

އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، އަހުމަދު އަލީ "މިހާރު" އަށް ވިދާޅުވީ މިދިޔަ ޓާމުގައި ދެ ރަށެއްގައި އިންޑިއާ ޓީޗަރުންތަކަކަށް ފޮށުނު މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"އިންޑިއާ ޓީޗަރުންތަކެއް މަގުމަތިން ފެނިގެން ރަށުން ފައިބާށޭ އެ މީހުންނާ ދިމާލަށް ގޮވައި، އެ މީހުން ފަހަތުން އިންޑިއާ އައުޓް ގޮވި މައްސަލައެއް ރިޕޯޓްކުރީ،" އަހުމަދު ވިދާޅުވި އެވެ.

އެއީ ވަރަށް ދެރަ މައްސަލައެއް ކަމަށާއި ވަރަށް ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ކަމެއް ނެތި އައިސް ތިބި ބައެއް ނޫން. ދިވެހި ޓީޗަރުން ހޯދަން އިއުލާންކޮށްގެން ނުލިބިގެން ވަރަށް އުނދަގުލުން މި މީހުން ގެނައީ. އެ މީހުންނަށް ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން،" އަހުމަދު ވިދާޅުވި އެވެ.

ސިޔާސީ ބޭނުމެއްގައި ވިޔަސް ޓީޗަރުންނަށް ފުރައްސާރަ ނުކުރުމަށް އޭނާ އެދިވަޑައިގަތެވެ.

ޓީޗަރުންނަށް ފުރައްސާރަކުރާ މައްސަލަތަކާ ގުޅިގެން އެ މީހުންގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި، މަގުމަތީގައި އުޅެން ބިރުގަންނަ ކަމަށް ވެސް އެ މީހުން ބުނާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ މީހުންނާ ވާހަކަދައްކައި، ރައްކާތެރިކަން ދޭނެކަމުގެ ޔަގީންކަން މިނިސްޓްރީން ދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އިންޑިއާ ޓީޗަރުން ވެސް ކިޔަވައިދެމުން އަންނަ ފުނަދޫ ސްކޫލްގެ އުތުރު ފަރާތު ފާރުގައި އިއްޔެ އިނގިރޭސި ބަހުން "ސޭ ނޯ ޓު އިންޑިއަން" އާއި "އިންޑިއާ އައުޓް" ވަރަށް ބޮޑުކޮށް ލިޔެފައި ހުރިއިރު އެކަން ހިނގާފައި ވަނީ ގޭގޭގެ ފާރުތަކުގައި ވެސް "އިންޑިއާ އައުޓް" ލިޔަން އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވާފައި ވަނިކޮށެވެ.

އެކަމަކު އެރަށު ކައުންސިލުން ތުހުމަތުކުރާ ގޮތުގައި ފާރުގައި އެހެން ލިޔުނީ ސަރުކާރުގެ ބަޔަކު އަޑީގައި ތިބެގެންނެވެ.