16 ޖެނުއަރީ 2022 - 15:09

ބ. ކުޑަރިކިލުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާގެ އިތުރުން ކޮވިޑް ފެތުރެން ފަށާފައިވާ އިރު، ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނެތި ހަފުތާއެއް ވޭތުވެއްޖެ އެވެ.
ކުޑަރިކިލުގެ ކައުންސިލްގެ ރައީސް އަބްދުލްހަންނާން އައްބާސް "މިހާރު" އަށް މިއަދު ވިދާޅުވީ އެ ރަށުގައި ކުރިން ހުރި މިސްރުގެ ޑޮކްޓަރު މި މަހު 10 ގައި ޗުއްޓީ އަށް ގޮސްފައިވާ ކަމަށެވެ. އެހެންވެ، މިހާރު އެ ރަށު މީހުން ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް އައިޖީއެމްއެޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ކުޑަރިކިލުގައި ވެސް ހަލުއި ކަމާ އެކު ދަނީ ފެތުރެމުންނެވެ. އޭގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ކޭހެއް ވެސް ވަނީ ފެނިފަ އެވެ. ހަންނާނު ވިދާޅުވީ ހޮޑާއި ބޭރަށް ހިންގުމުގެ ބައްޔަށް އެ ރަށުގައި 20 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.
"މީހަކު އަދި މާ ސީރިއަސް ހާލަތަށް ނުދިޔަސް، މި ބަލީގައި ބައެއް ކުޑަކުދިން ވަރަށް ބޮޑަށް ހާލު ދެރަވެފައި އެބަހުރި،" ހަންނާން ވިދާޅުވި އެވެ.
އެ ރަށުގެ ހާލަތު ގޯސްވެދާނެތީ، މާދަމާ ވަގުތީ ޑޮކްޓަރެއް ފޮނުވާނެ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ހަންނާން ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރެއިން ފެށިގެން މިދިޔަ ހަފުތާގެ ނިޔަލަށް ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ ޖެހިގެން 3،000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުގައިވެ އެވެ. އަދި ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ވެސް މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.