16 ޖެނުއަރީ 2022 - 12:34

ބަނގްލަދޭޝްގައި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ، ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފި އެވެ.
އެ ގައުމުގެ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ބަނގްލަދޭޝްގައި އަލަށް ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް މިހާރު ހުރީ، އެ ބައްޔަށް ޓެސްޓް ކުރާ މީހުންގެ 12 ޕަސެންޓަށް ވުރެ މަތީގަ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި އެ ނިސްބަތް އެއަށް ވުރެ ވެސް މަތި ކަމަށް އެ ބަޔާނުގައިވެ އެވެ.
އެންމެ ހަލުވިކޮށް ކޮވިޑް ފެތުރެމުންދާ ބައެއް ސަރަހައްދުތަކުގައި މިހާރު ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އާންމުން އެއްވެ އުޅުން މަނާކޮށްފަ އެވެ. އެ ގޮތުން ވެރިރަށް ޑާކާ އާއި އިރުދެކުނު އަވަށެއް ކަމަށްވާ ރަންގަމަޓީ އަކީ "ރެޑް ޒޯނެއް" ކަމަށް ކަނޑައަޅައި، ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަނީ ކުރިއަށް ވުރެ ހަރުކަށި ކޮށްފަ އެވެ.
އެ ދެ ސަރަހައްދުގައި ވެސް، 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް މިހާރު ހުރީ 10-19 ޕަސެންޓާ ދެމެދުގަ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި އެ ނިސްބަތް 10 ޕަސެންޓަށް ވުރެ މަތީގައި ހުންނަތާ މިހާރު ތިން ދުވަސްވެއްޖެ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ކޮވިޑް ފެތުރެމުން ދަނީ، ކޮވިޑް ޖައްސާ ވައިރަހުގެ ބާވަތްތްތަކުގެ ތެރެއިން އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހުން ކަމަށް ވިޔަސް، ބަނގްލަދޭޝްގައި މިހާރު ވެސް އެންމެ ހަލުވިކޮށް ފެތުރެމުން ދަނީ، ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހެވެ. އަލަށް ކޮވިޑް ޖެހޭ މީހުންގެ 80 ޕަސެންޓް މީހުންނަކީ ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހުން އެ ބަލި ޖެހޭ މީހުންނެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ބޭރަށް ނުކުމެ އުޅޭ ނަމަ، ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަމުގެ ފާހެއް އޮތުމެވެ. އޭގެ އިތުރުން ގިނަ ބަޔަކު ޖަމާވާ ގޮތަށް އެއްވުންތައް ނުބޭއްވުމާއި އާންމު ދަތުރުފަތުރުގެ ވަސީލަތްތަކަށް އެއްފަހަރާ އެރޭނެ މީހުންގެ އަދަދު މަދު ކުރުން ހިމެނެ އެވެ.
ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޮރަންޓް އަދި އާންމުން އެއްވެ އުޅޭ ތަންތަނަށް ނުކުންނަ ނަމަ، މާސްކް އެޅުން މަޖުބޫރެވެ. ބަސްތަކާއި ރޭލުތަކާއި ލޯންޗްތަކުގައި ވެސް މީހުން އުފުލޭނީ، އެ އުޅަނދެއްގެ ފުރިހަމަ ޖާގައިގެ ދެ ބައިކުޅަ އެއްބަޔަށްވާ އަދަދަށެވެ.
އޭގެ އިތުރުން އުމުރުން 12 އަހަރުން މަތީގެ ދަރިވަރުން ވެސް ސްކޫލަށް ހާޒިރުވާ ނަމަ، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ކަމުގެ ލިޔުމެއް އޮންނަންޖެހެ އެވެ. އާންމު ތަންތާނގައި ބާއްވާ ހުރިހާ ސިޔާސީ އެއްވުންތަކާއި އިޖްތިމާއީ އެއްވުންތަކާއި ދީނީ އެއްވުންތައް މިވަގުތަށް ވަނީ މެދުކަނޑާލައިފަ އެވެ.
ބަންގަލަދޭޝްގައި އިއްޔެ ވަނީ 3,447 މީހަކަށް ކޮވިޑް ޖެހިފަ އެވެ. އެ ގައުމުގައި މިހާތަނަށް ވަނީ 1.6 މިލިއަން މީހުންނަށް ކޮވިޑް ޖެހި 28،136 މީހުން މަރުވެފަ އެވެ.