16 ޖެނުއަރީ 2022 - 14:36

މާލެއިން އެހެން ރަށްރަށަށް ދެވޭނީ ޕީސީއާރު ޓެސްޓް ހަދައި ކޮވިޑް-19 އަށް ޕޮޒިޓިވް ނޫންކަން ކަށަވަރުކޮށްގެން ކަމަށް ނިންމުމާ އެކު އެތައް ސަތޭކަ ބަޔަކު އެތައް އިރަކު ކިއޫގައި ތިބެގެން ޓެސްޓް ހެދިޔަސް ފުރަން ދާއިރު ޓެސްޓް ހެދިކަން ކަށަވަރު ނުކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި މީގެ ކުރިން ކޮވިޑް ފެތުރުން ވަރަށް ބޮޑަށް އާންމުވެ، ފުރައިގެން ދާ އެންމެން ކޮވިޑަށް ޓެސްޓް ކުރަން މަޖުބޫރުކުރި ދުވަސްވަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ މީހުންގެ އަތުގައި ކޮވިޑް ޓެސްޓްގެ ނަތީޖާ އޮތްތޯ ބެލި ނަމަވެސް އެ އެއާޕޯޓުގައި މިހާރު އެ ކަން ނުކުރާކަން ފާހަގަކުރެވެ އެވެ. މީގެ ކުރިން ނަމަ ޑިޕާޗާ ޓާމިނަލަށް ވަނުމުގެ ކުރިން ބޭރުގައި ތިބޭ އެޗްޕީއޭގެ އޮފިޝަލުން ވަކިވަކިން ކޮވިޑް ޓެސްޓްގެ ނަތީޖާ ބަލަ އެވެ.
މާލޭގައި ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތިވުމުން މާލެ އިން ރަށަށް ފުރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓުކުރުން މި ފަހަރު ކުއްލިއަކަށް އެންގީ ސްކޫލް ޗުއްޓީގައި ރަށްރަށުން މާލެއަށް ގިނަ ބަޔަކު އައިސް، ރަށަށް ފުރަން ތައްޔާރުވެފައި ވަނިކޮށެވެ. އެހެންވެ، ކިއޫތައް ހަދައި ތޮއްޖެހިގެން ޓެސްޓް ހަދަން މަޖުބޫރުވި އެވެ. އާއިލާތަކުގެ އެތައް ބަޔަކު އެއްފަހަރާ ޓެސްޓް ކުރަން ޖެހުމުން އަމިއްލަ ކްލިނިކްތަކުން ބޮޑު އަގުގައި އެކަން ކުރަން ދަތިވީ އެވެ.
އެކަމަކު ޓެސްޓް ހަދައިގެން ފުރަން ދާއިރު އެއާޕޯޓުންނާއި ކަނޑު އުޅަނދުތަކުންނާއި ރަށްރަށުގެ ކައުންސިލްތަކުން ވެސް އެއްވެސް ކަމަކަށް މި ބުރުގައި ނުބަލާ ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ މާލެ އިން އެހެން ރަށްރަށަށްދާ މީހުންގެ އަތުގައި ކޮވިޑްގެ ނެގެޓިވް ނަތީޖާއެއް އޮތްތޯ ބަލަން ޖެހޭނީ އެ ރަށެއްގެ ކައުންސިލަކުން ކަމަށެވެ. "ކޮވިޑް ސޭފް" ޕޯޓަލް މެދުވެރިކޮށް ޓެސްޓް ހެދިތޯ ބެލުނު ކަމުގައި ވިޔަސް ބައެއް ރަށްތަކަށް ދަތުރުކުރުމުން ޓެސްޓް ހެދިތޯ ކައުންސިލުން ސުވާލު ވެސް ނުކުރާ ކަމަށް މި ޗުއްޓީގައި ދަތުރުކުރި މީހުން ބުނެ އެވެ.
ކޮވިޑާ ހެދި އެޅި ފިޔަވަޅުތަކަށް ބައެއް ރަށްރަށުން ފަރުވާކުޑަކޮށްލި ނަމަވެސް ވަރަށް ރަނގަޅަށް މި އުސޫލަށް ބަލަމުން އަންނަ ރަށްތައް ވެސް އެބަ ހުއްޓެވެ. ބައެއް ކައުންސިލުތަކުން ރަށްރަށަށް މީހުން ދަތުރުކުރާއިރު އެމީހުންގެ އަތުގައި ނެގެޓިވް ނަތީޖާއެއް އޮތްތޯ ޔަގީންކުުރެ އެވެ.
މާލެއެކޭ އެއްގޮތަށް މި ދުވަސްވަރު ރަށްރަށުގައި ވެސް ކޮވިޑްގެ ހާލަތު ގޯހެވެ. ކޭސްތައް އިތުރުވަމުންދަނީ އޮމިކްރޯން ވޭރިއަންޓުގެ ސަބަބުން ކަމަށް އެޗްއީއޯސީން ބުނެ އެވެ. އިއްޔެ ވެސް 954 މީހަކަށް ކޮވިޑް ޖެހުނުއިރު އޭގެ ތެރެއިން 514 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އެހެންވެ ބަލިން ރައްކާތެރިވުމަށް ބައެއް ފިިޔަވަޅުތައް އެޅި ނަމަވެސް މިވަގުތު އެޗްޕީއޭ އިން ބޮޑަށް އެދެނީ ފަރުދީ ޒިންމާ އަދާކުރުމަށެވެ.