16 ޖެނުއަރީ 2022 - 12:14

އަލަށް ފަށާ ވިޔަފާރިތަކަށް ހިލޭ އެހީ ދޭން ބީއެމްއެލުން "ސްޓާޓްއަޕް" ފަންޑެއް މިއަދު ތައާރަފުކޮށްފި އެވެ.
މި ފަންޑަށް ކުރިމަތިލާ މީހުންގެ ތެރެއިން ހަތަރު ވިޔަފާރިއެއް ފެށުމަށް ދެ މިލިއަން ރުފިޔާ ބޭންކުން ދޭނެ އެވެ. އެއީ ވިޔަފާރިއަކަށް 500،000ރ. އެވެ. މިއީ ބީއެމްއެލަށް އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ދޭ ފައިސާ އެވެ.
ބީއެމްއެލުން ބުނިގޮތުގައި، މިއީ އުފެއްދުންތެރި ވިޔަފާރިތަކަށް ހާއްސަ ކޮށްގެން، ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރެ، އަލަށް ފަށާ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ފެށި ގްރާންޓެކެވެ. މިއީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފުކުރި އެހީއެކެވެ.
މި ގްރާންޓަށް އެދި މިއަދުން ފެށިގެން އަންނަ މާޗު މަހުގެ 16 ވަނަ ދުވަހާ ހަމައަށް ހުށަހެޅޭނެ އެވެ. ގްރާންޓަށް އެދި ހުށަހަޅަން ބޭނުންވާ މީހުން އެކަމަށް އެދޭ އެޕްލިކޭޝަން[email protected]އަށް މެއިލް ކުރަން ޖެހޭނެ އެވެ.
އާ ވިޔަފާރިއެއް ފެށުމުގެ އިތުރުން އެއް އަހަރު ނުވާ ވިޔަފާރިތަކަށް ވެސް، އެ ވިޔަފާރި ކުރިއެރުވުމަށް ބިޒްނަސް ޕްލޭން ހުށަހެޅޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، މި ގްރާންޓުގެ ސަބަބުން ރާއްޖޭގައި އަލަށް ފަށާ ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށެވެ. މިީގެ ސަބަބުން އާ ވިޔަފާރިތައް ފަށައި އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސްޓާޓްއަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓްއަޕް ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެއް. އަޅުގަނޑުމެންގެ އުއްމީދަކީ ވީހާ ވެސް ގިނަ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން މި ފުރުސަތުގެ ބޭނުން ހިފައި ރާއްޖޭގެ ސްޓާޓްއަޕް ކަލްޗާ އަށް އެހީވުން،" ޓިމް ވިދާޅުވި އެވެ.
ގްރާންޓަށް އެދި ހުށަހަޅާ މީހުން ދެ ބަޔަކަށް ބަހާލައިގެން އިވެލުއޭޓް ކުރާނެ އެވެ. އެއީ ބިޒްނަސް ޕްލޭނަށް ބަލައިގެންނާއި އޭގެ ތެރެއިން އެންމެ ރަނގަޅު 10 ޕްލޭނެއް ހުށަހަޅާ މީހުންގެ ޕްރެޒެންޓޭޝަނަށް ބަލައިގެންނެވެ. އެންމެ ރަނގަޅު ޕްރެޒެންޓޭޝަން ހުށަހަޅާ ހަތަރު ވިޔަފާރި އަށް ބޭންކުގެ ހިލޭ އެހީގެ އިތުރުން ވިޔަފާރިއާ ގުޅޭ މައުލޫމާތާއި އެހީތެރިކަން ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
މި ގްރާންޓާ ގުޅޭ އިތުރު މައުލޫމާތާއި ފޯމު ބޭންކުގެ ވެބްސައިޓުން ލިބޭނެ އެވެ.