އަހަރެންގެ ފިރިޔަކީ ކާކު؟
އަހަރެންގެ ފިރިޔަކީ ކާކު؟

މާލޭގެ މަގުތައް ވަރަށް ފަޅެވެ. ވަގުތުގެ ގޮތުންނެއް ނޫނެވެ. ޒަމާނުގެ ގޮތުންނެވެ. ކުރީ ރޭ ވެހުނު ވާރޭގެ ސަބަބުން މަގުތަކުގައި އޮތީ ފެންހެދިފައެވެ. ފެންހިނދެން އެތައް ދުވަހެއް ނަގާނެއެވެ. ބޮޑެތި ހޮޅިދަނޑިތަކުގައި ހަރުކޮށްފައި ހުރި ބޮޑެތި ހޮޅިބުރިތަކުގެ އަލި ގަދައެއް ނޫނެވެ. އެ އަލިން ރީތިކޮށް ފެންނަނީ ދިހަ ވަރަކަށް ފޫޓެވެ. ބައެއް ހޮޅިބުރި ފަހުނޭވާލަނީއެވެ. ބައެއް ހޮޅިބުރި، ގިނަ ވަގުތު ހުންނަނީ ނިވިފައެވެ. ގަޑިން ރޭގަނޑު އަށެއް ޖަހައި ބޮޑުވެއްޖެއެވެ. އުމުރުން ދިހަ އަހަރުގެ ފަޒީލު އަވަސް ފިޔަވަޅުތަކެއް އަޅަމުން ކުރިޔަށް ހިނގިއެވެ. އެކަނިމާއެކަންޏެވެ. އޭނަ ގެއިން ނުކުތީ މަންމަޔާ އެކުގައެވެ. ބޮޑުބޭބެގެ ގެއަށް ދިޔުމަށް ޓަކައެވެ. ދަތުރުގެ ދިގުމިނަކީ، ފައިމަގުގައި ހަތަރު މިނެޓެވެ. ބޮޑުބޭބެގެ ގެ ކައިރިކަމުން ފަޒީލު ގެއިން ނުކުތުމާއެކު، މަންމަގެ އަތް ފޮޅުވައިލައިފައި ދުއްވައިގަތީއެވެ. އެތައް ހިސާބަކަށް ދުވުނު އިރު ވެސް ބޮޑުބޭބެގެ ގެއެއް ނުފެނުނެވެ. ދެން ހުއްޓިފައި ފަހަތް ބަލައިލި އިރު މަންމަ ވެސް ފެންނާކަށް ނެތެވެ. ދެން ވެސް ފަޒީލު ބެލީ ބޮޑުބޭބެގެ ގެ ފެނޭތޯއެވެ. އެކަމަކު ފެންނަން ހުރީ އެއިން ޒަމާނަކު ވެސް ފަޒީލު ނުދެކޭ ގޭގެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މައްޗަންގޮޅީގައި ހުރި ގެޔަކަށް ދާން ނުކުތް ފަޒީލަށް އޭރު ހުރެވުނީ ގަލޮޅު ދޫކޮށް ހެންވޭރުގެ ގޯޅިއެއްގައެވެ. މަގުމަތިއެޅީކަމެއް އެއީ މައްސަލައެއްކަމެއް ވެސް ފަޒީލަކަށް ނޭނގެއެވެ. ބޮޑުބޭބެގެ ގެ ފެނޭތޯ ފަޒީލު ރަށުތެރޭގައި އެނބުރުނެއެވެ. ވަރަށް ގިނަ އިރު ވެއްޖެކަމާއި، ދެން ގެއަށް ދާންވީކަން ފަޒީލަށް ވިސްނެން ލައްކަ ވަގުތު ނެގިއެވެ.

ފަޒީލު އުފަންވީ މާލެއަކަށް ނޫނެވެ. އެ އާއިލާ ނިސްބަތްވަނީ ވެސް މާލެއަކަށް ނޫނެވެ. ކުޑަ އިރު ފަޒީލު ގޮވައިގެން މާލެއައި ގޮތަށް އެ މީހުން މާލޭގައި ވަޒަންވެރިވީއެވެ. ފުރަތަމަ ދިރިއުޅުނީ މާފަންނުގައެވެ. އޭރު އުޅުނު ގެ ހަދަންޖެހިގެން އެ ގެއިން ނުކުންނަން ޖެހުމުން ދެން ބަދަލުވީ މައްޗަންގޮޅިއަށެވެ. މަގުމަތިއެޅުމުގެ ހާދިސާ ދިމާވި ރޭ ފަޒީލަށް ގެއަށް އާދެވުނީ ދެ ގަޑިއެއްހާ އިރު ފަހުންނެވެ. ދިހައެއް ޖަހަނިކޮށެވެ. އޭރު ފަޒީލު ގެއްލިގެން ގޭގެ އެންމެން ތިބީ ކަންބޮޑުވެފައެވެ. ބައްޕަ ހުރީ ރުޅިގަދަވެފައެވެ. މަންމަ ހުރީ ރޮވެން ކައިރިވެފައެވެ. ވަރުބަލިކަމާއި، ހައިރާންކަމާއެކު ގެއަށް ވަން ފަޒީލާ ފުރަތަމަ ވެސް ކުރިމަތިލީ ބައްޕައެވެ. ސުވާލުތަކާއި ޝަކުވާތަކާ އެކުގައެވެ. ފަޒީލު ދިޔައީ ކޮންތާކަށް ހެއްޔެވެ؟ ކުރީ ކީއް ހެއްޔެވެ؟ ނުބުނެ ތަންތަނަށް ދަނީ ކީއްކުރަން ހެއްޔެވެ؟ އެއަށް ދޭނެ ޖަވާބެއް ވެސް ފަޒީލަކަށް ނޭނގުނެވެ. މަންމަގެ އުނގުގައި ބޯއަޅައިގެން އޮވެ ފަޒީލު ރުއީއެވެ. ވީ ގޮތް ކިޔައިދޭކަށް ފަޒީލަކަށް ނޭނގުނެވެ. ގެއާ ކައިރީގައި ހުރި ގެއެއް ނުފެނުނީ ކީއްވެގެންކަމެއް ފަަޒީލަކަށް ނޭނގެއެވެ.

އެ ދުވަސްވަރު އިސްކޫލުތައް ބަންދުވުމުން ދިގު ޗުއްޓީއެއް ލިބެއެވެ. ދެ މަސް ދުވަހާއި ސާދަ ދުވަހުގެ ޗުއްޓީއެކެވެ. ފަޒީލުގެ ބައްޕަގެ ރަށަކީ ކުޑަހުވަދޫއެވެ. ކޮންމެ އަހަރަކު ވެސް، އާއިލާޔާ އެކުގައި ފަަޒީލު ކުޑަހުވަދޫއަށް ދެއެވެ. މަގުމަތިއެޅުމުގެ ދެވަނަ ހާދިސާ ކުރިމަތިވީ ކުޑަހުވަދޫގައެވެ. މެންދުރު ވަގުތުއެވެ. ވަލުތެރޭގައެވެ. އެކުވެރިންނާ އެކުގައި ފީކޯއިކުޅެމުން ފަޒީލު ފިލަން ވަލުތެރެޔަށް ވަންތަނާއެވެ. އެކި ކުދިންނަށް ވަދެވުނީ އެކި ދިމާއަށެވެ. ގަސްތަކު ތެރޭގައި އެތައް އިރަކު އޮވެފައި، އެއްވެސް ޚަބަރެއް ނުވުމުން ފަޒީލު ނުކުތް އިރު ވަށައިގެން އޮތީ ބެދިފައެވެ. ގައިމު ވެސް ފަޒީލަށް ފެނުނީ އެ ގޮތަށެވެ. ނުކުންނާނެ ގޮތެއް ނޭނގިގެން އިރުކޮޅަކު ހުރެފައި، ކޮންމެވެސް ދިމާއަކަށް ފަޒީލު ހިނގައިގަތެވެ. އެތައް ހިސާބަކަށް ހިނގީމައި ވެސް ވަށައިގެން އޮންނަނީ ގަސްތަކެވެ. ގަސްތަކުން ބޭރަކަށް ނުނިކުމެވެއެވެ. ކުއްލިއަކަށް ފަޒީލަށް ގޮވައިލި އަޑު އިވުނެވެ. ފަސްއެނބުރި ބަލައިލި އިރު އެކުވެރިން ފަހަތުގައި ތިއްބެވެ. ނުކުންނަންވީ ދިމާ ވެސް ދެން ފެނިއްޖެއެވެ. އެ ދުވަހު ފަޒީލު ހިތަށްއެރިއެވެ. ކުއްޖަކު ގޮވައިނުލި ނަމަ ދެން ވީހީ ކިހިނެއްބާއެވެ؟ ކިހައި އިރަކު ފަޒީލު "ގެއްލިފައި" ހުންނާނެބާއެވެ؟

ފަޒީލަށް ދިމާވީ އާދަޔާހިލާފު ކަމެއް ކަމާއި އެއީ މަގުމަތިއެޅުންކަން ފަޒީލަށް އެނގުނީ އެތަކެއް އަހަރެއް ފަހުންނެވެ. އެހެންނަމަވެސް، އޭގެ ފަހުން އެ ހާލަތެއް ކުރިމައްޗެއް ނުވެއެވެ. ފާއިތުވި އަހަރުތަކާ އެކު ފަޒީލުގެ ސިކުނޑިން އެ ދެ ހާދިސާ ވެސް ފުހެވުނު ކަހަލައެވެ. އުމުރުން އަށާރަ ފުރުމާއި، ވަޒީފާއަކަށް ވަނުމާއި، މައިންބަފައިން ނިޔާވުން ފަދަ ބޮޑެތި ކަންކަމާ ފަޒީލު ކުރިމަތިލާން ޖެހުނެވެ. ޒިންމާދާރުކަން ކުޑަ ދިރިއުޅުމުން ޒިންމާދާރު ދިރިއުޅުމަކަށް ފަޒީލު ބަދަލުވިއެވެ. މަގުމަތިއެޅީ ކީއްވެކަމެއް، އޭގެ ސަބަބުން އައީ ކިހާ ބޮޑެތި ބަދަލުތަކެއްކަމެއް ފަޒީލަަކަށް ނޭނގެއެވެ. ހަޔާތުގައި ކުރިމަތިވަމުންއައި އެއްވެސް ކަމަކާއި، މަގުމަތިއެޅުމާ ގުޅޭކަމެއް ވެސް ފަޒީލަކަށް ނޭނގެއެވެ.

އަމާނާ ކިޔާ އަންހެންކުއްޖަކު ފަޒީލުގެ ހަޔާތަށް އައެވެ. އޭނަ ދެކެ ފަޒީލު އިންތިހާއަށް ލޯބިވިއެވެ. އޭރު މާލޭގެ މަގުތަކުގައި ގާ އަތުރައިފިއެވެ. މޯބައިލުފޯނާއި އިންޓަނެޓު އަތުވެއްޖެއެވެ. ޒަމާން ބަދަލުވެއްޖެއެވެ. އެހެންނަމަވެސް އެއް ކަމެއް ބަދަލުނުވެ އޮތެވެ. ފަޒީލަށް ދިމާވި މަގުމަތިއެޅުމުގެ ހާދިސާ ދާދި މަދު މީހަކަށް ނޫނީ ފަޒީލު ކިޔައެއް ނުދެއެވެ. ކަމެއް ސިއްރުކުރުމުގެ މަގުސަދަކު ނޫނެވެ. އެ ހާދިސާ ކިޔައިދިނުން ފަޒީލަށް މުހިންމު ނޫނީއެވެ. މުޅި ހަޔާތުގައި ދެ ފަހަރު ދިމާވި ހާދިސާއެއް އާކޮށްކޮށްފައި ކިޔައިދޭން ޖެހޭ ހެއްޔެވެ؟ ފަޒީލު ހިތަށްއަރާ އެއްޗަކީ އެއީއެވެ. އެއީ އަޑުއަހަން ކާކަށް މުހިންމުވާނެ ވާހަކައެއް ހެއްޔެވެ؟

ފަޒީލަކީ އަމާނާގެ ވެސް ފުރަތަމަ ލޯތްބެވެ. ރައްޓެހިވެގެން ދެ އަހަރު ދުވަހު އުޅެވެމުން އަމާނާ ހީކުރީ ފަޒީލުގެ ނޭނގޭ އެއްވެސް ކަމެއް ނެތްކަމަށެވެ. ނިތްކުރިން ބޮޑުވައި އިނގިއްޔަށް ފަޒީލު ދަސްވެއްޖެކަމަށެވެ. ފަޒީލަށް މީރު ކެއުމާއި، ރީތި ކުލައާއި، މީރުވަސްދުވާ ސެންޓު އެނގުމުން ފުދުނީކަމަށް ވެސް އަމާނާއަށް ހީކުރެވުނެވެ. ދެން އަމާނާ ބެލީ ފަޒީލުގެ ލޯބީގެ މާޒީއެވެ. އެހެން އަންހެނަކު ފަޒީލުގެ ހަޔާތަކަށް ނާދެއެވެ. ފަޒީލަކީ ޑުރަގު ބޭނުންކުރާ މީހެއް ނޫނެވެ. ދުވާލު ހަތަރުދަމު ނިދަން އޮންނަ މީހެއް ނޫނެވެ. ވަޒީފާ އަދާކުރެއެވެ. އެ ވަރުވުމުން އަމާނާ ފަސް ތަރި ދީފައި އެ ހިސާބުން ނިންމައިލީއެވެ. ފަސް ފަރުދާގެ ފަހަތުގައި ކެކި އުތުރިއަރަމުންދިޔައީ ކޯޗެއްކަމެއް އަމާނާއަކަށް ނޭނގެއެވެ. އަމާނާ އެކަންޏެއް ނޫނެވެ. އެކަކަށް ވެސް ނޭނގެއެވެ.

ފަޒީލަށް އައި ބަދަލުތައް އައީ ވަރަށް މަޑުމަޑުންނެވެ. އެއީ ކަމެއްހެން ހީ ވެސް ނުވާހާ ދުރުދުރުން، ލަސްލަހުންނެވެ. އޭސީކޮށް، ފަންކާޖަހައިގެން ނިދައިފައި އޮއްވައި، ދާހިތްލައި ފޯވެގެން ފަޒީލަށް ހޭލެވެއެވެ. ކީއްވެގެން ހެއްޔެވެ؟ ނިދެމުންދާ އިރު، އެހެން މީހުންނަށް ނީވޭ އަޑުއަޑު ފަޒީލަށް އިވެއެވެ. އެއީ އެ ދުވަހު ދިމާވި ކަންތައްތަކުގެ ހިޔާލެއް ނޫނެވެ. ފަޒީލަށް އިވެނީ އާ އަޑުތަކެކެވެ. ފަޒީލު ބަނޑުހައިވާލެއް ކުޑައެވެ. ކާން ބޭނުން ވަގުތަކު ކެވެއެވެ. އެކަމަކު އެއީ ކާންޖެހިގެނެއް ނޫނެވެ. ނުކައި ނުހުރެވިގެނެއް ވެސް ނޫނެވެ. ފަޒީލު ދަންވަރު އުޑު ފެންނަ ނުވަތަ ކަނޑު ފެންނަ ހިސާބުގައި، އެކަނި އިންނަ ހިތްވެއެވެ. ބިޔަ ގަސްގަހަށް އަރައި، އެތައް އިރެއް ވަންދެން، އެކަނި އިންނަން ފަޒީލު ބޭނުންވެއެވެ. އެ ކަމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ފަޒީލު ހިފައެވެ. ހުންއައުމުން ފަޒީލަށް އާދަޔާ ހިލާފު އެއްޗެއް ފެނެއެވެ. އެއީ ސިފައެއް ނެތް، ކުލަ ބުނަން ނޭނގޭ އެއްޗެކެވެ. ނަމެއް ދޭން ނޭނގޭ، އެ އެއްޗާ ވައްތަރު އެހެން އެއްޗެއް ވެސް ފަޒީލު ނުދެކެއެވެ. ފެންނާނީ އަބަދުވެސް ފަޒީލުގެ އިސްކޮޅަށް ވުރެ މަތިންނެވެ. ފަޔެއް، އަތެއް، ބޮލެއް ވަކިކުރަން ނޭނގޭ އެ އެތި ފެނުމުން ފަޒީލަށް ދަތްކުޑިވިކެނީ ކީއްވެގެންކަމެއް ވެސް ފަޒީލަކަށް ނޭނގެއެވެ. އެއީ ރުޅި ހެއްޔެވެ؟ ބިރު ހެއްޔެވެ؟ ބައެއް މީހުންނަށް އެ ވާހަކަ ކިޔައިދޭން ފަޒީލު މަސައްކަތްކުރިއެވެ. އެކަމަކު އެ އެތި ކިޔައިދޭކަށް ފަޒީލަކަށް ނޭނގެއެވެ. ފަޒީލުގެ ހަޔާތުގައި، ގޮތް ނޭނގޭ އެތައް ކަމެއް ހިނގައެވެ. އެއިން އެއްވެސް ކަމެއް އަމާނާއަކަށް ނޭނގެއެވެ.

އަމާނާއާއި ފަޒީލުގެ އުމުރުން ނަވާވީސް އަހަރުގައި އެ މީހުން ކައިވެނިކުރިއެވެ. އަމާނާއަކީ މާލޭގައި ގެދޮރު ހުރި މާލޭ މީހެކެވެ. ކައިވެނިކުރުމާއެކު އަމާނާގެ ގެއަށް ފަޒީލު ބަދަލުވިއެވެ. އަމާނާގެ ނަޒަރުގައި ފަޒީލާ ކައިވެނިކުރުމަކީ އަމާނާއަށް ނިންމުނު އެންމެ ރަނގަޅު ނިންމުމެވެ. އެހައި ލޯބިވާ މީހަކު އަމާނާއަކަށް ނުލިބޭނެއެވެ. އެއީ ރަނގަޅު ދިރާސާއެކެވެ. އަމާނާ އުފާކޮށްދިނުމަށް ޓަކައި ކޮންމެ ކަމެއް ކުރަން ވެސް ފަޒީލު ތައްޔާރެވެ. އަމާނާ ބޭނުންވީ އަވަހަށް ދަރިޔަކު ހޯދާށެވެ. އެ ހުވަފެން ވެސް ފަޒީލު ހަގީގަތަކަށް ހަދައިދިނެވެ.

"ހަލޯ ޑެޑީ!" ފަޒީލު އެއް ރޭ ގެއަށް އައުމުން އަމާނާ ސަމާސާ ރާގަކަށް ބުނެލިއެވެ. "އަވަހަށް މަންމައަށް ހަދިޔާއެއް ގެނެސްދީ!"

"ޔޭސް..." ވަރަށް އުފަލާއެކު އަމާނާ އުރައިލަމުން ފަޒީލު ބުންޏެވެ. "ސަރ؟ މެޑަމް؟ ނެވަރމައިންޑް! އެބަ އަންނަން."

އަމާނާ މާބަނޑުވި ޚަބަރު ލިބުމުން ހަދިޔާއެއް ގަންނަން ފަޒީލު ނުކުތެވެ. ތަންކޮޅަކަށް ސައިކަލު ދުއްވައިލި ތަނާ ސައިކަލު ހުއްޓުނެވެ. ދެން ފަޒީލު ހަނދާންވިއެވެ. ޕެޓުރޯލު ހުރީ ވަރަށް މަދުވެފައެވެ. ތަންކޮޅެއް ފަރުވާކުޑަކޮށްލެވުނީއެވެ. ޕެޓުރޯލު ގަންނަން ދާން ރައްޓެހިންނަށް ފޯނުކޮށް، އެ ކަން ނާކާމިޔާބުވުމުން ދެން ފަޒީލު ވިސްނީ ފައިމަގުގައި ގޮސް ޕެޓުރޯލު ގަންނާށެވެ. ސައިކަލު މަޑި ދަށުގައި އޮންނަ ކުޑަ ފެންފުޅި ހިފައިގެން، އެންމެ ކައިރީގައި ހުންނަ ޕެޓުރޯލު ވިއްކާ ތަނަށް ފަޒީލު މިސްރާބުޖެހިއެވެ. ފުޅީގައި ހުރި ފެންކޯވަރު ބޮއިލިއެވެ. ފަޒީލު ހިތަށްއެރިއެވެ. ފައިމަގުގައި ގޮސް ޕެޓުރޯލު ގަނެގެން އައިސް އެ ރޭ ހަދިޔާ ގަނެވޭނެ ހެއްޔެވެ؟ އެގާރަޖެހުމުގެ ކުރިން މާ ވިއްކާ ތަނަކާ ހަމައަށް ފޯރާނެ ހެއްޔެވެ؟ އެ ރެޔަކީ މަގުމަތި ވަރަށް ފަޅު ރެޔެކެވެ. ފިހާރަތައް ވަރަށް އަލިގަދައެވެ. ފަޒީލު ދިޔައީ މަޖީދީމަގުންނެވެ. އެކަމަކު ދަންނަ ފިހާރައެއް ނުފެނެއެވެ. ފިހާރައިގެ ނަންތައް ވެސް ފަޒީލަށް އަލެވެ.

ނުނިމޭ