19 ޖެނުއަރީ 2022 - 10:15

ކެމަރޫން (ޖެނުއަރީ 19) - މިހާރު ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އަލަށް ވާދަކުރާ ކޮމޯރޮސް އިން، ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ގާނާ މުބާރާތުން ކަޓުވާލައިފި އެވެ.

ރޭގެ މެޗަށް ނުކުތުމުގެ ކުރިން ކޮމޯރޮސް ވަނީ ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ ގުރޫޕުގެ އެއްވަނަ ހޯދި މޮރޮކޯ އާއި ދެވަނައަށް ދިޔަ ގެބޮން އަތުން ބަލިވެފަ އެވެ. ގާނާ ކުޅުނު ފުރަތަމަ މެޗުން މޮރޮކޯ އަތުން ބަލިވިއިރު ގެބޮންއާ ދެކޮޅަށް ކުޅުނު މެޗުވީ އެއްވަރެވެ. މުބާރާތުގައި އިތުރަށް ކުރިޔަށް ދާން މި މެޗުން ނަތީޖާ ނެރެން ގާނާއަށް އޮތީ މަޖުބޫރުވެފަ އެވެ.

ކޮމޯރޮސް އިން 10 ކުޅުންތެރިންނާ އެކު ކުޅެމުންދިޔަ ގާނާ ބަލިކުރީ 3-2 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖެހީ ހަތަރުވަނަ މިނިޓުގައި ކޮމޯރޮސްގެ ފޯވާޑް ބެން ނަބުހާނެވެ. ގާނާގެ ކުޅުންތެރިޔަކު މަދުވީ 25 ވަނަ މިނިޓުގައި ކެޕްޓަން އަންޑްރޭ އަޔޫ އަށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ކޮމޯރޮސްގެ ކީޕަރު ސަލީމް ބިން ބޮއެނާ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. މިއާ ގުޅިގެން ކޮމޯރޮސް އަށް ވަނީ ބަދަލު ކީޕަރު އަލީ އަހަމަދާ ކުޅެން އަރުވައިފަ އެވެ.
ގާނާ އިން އެއްވަރުކުރީ ކޮމޯރޮސް އިން ދެ ލަނޑު ޖަހާފައި ވަނިކޮށެވެ. ކޮމޯރޮސް މޮޅުވި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށެވެ.
ގުރޫޕުގެ އެއްވަނަ ހޯދި މޮރޮކޯ ރޭ ކުޅުނު މެޗު ގެބޮންއާ ވާދަކޮށް އެއްވަރުވީ 2-2 އިންނެވެ. މޮރޮކޯ މެޗުން ބަލިވާން ދަނިކޮށް ސަލާމަތްވީ 84 ވަނަ މިނިޓުގައި، ޕީއެސްޖީއަށް ކުޅޭ އަޝްރަފް ހަކީމީ ޖަހައިދިން ލަނޑުންނެވެ.
މޮރޮކޯ އާއި ގެބޮން މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރިއިރު، ތިންވަނައިގައި ނިންމި ކޮމޯރޮސް އަށް ވެސް ގަދަ 16 ގައި ވާދަކުރުމުގެ ފުރުސަތު އަދި އެބަ އޮތެވެ. އެއީ ގުރޫޕް ސްޓޭޖުގެ ކުޅުން ނިމޭއިރު، ތިންވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމުތެރޭގައި ހިމެނިގެންނެވެ.
ގުރޫޕް ބީގެ އެއްވަނަ ހޯދީ އެންމެ ފަހުގެ ރަނަރަޕް ސެނެގާލް އެވެ. މަލާވީއާ ދެކޮޅަށް ރޭ ކުޅުނު މެޗުން އެއްވަރުވި ނަމަވެސް އެޓީމަށް އެއްވަނަ ލިބެނީ ހަތް ޕޮއިންޓާ އެކު އެވެ. ދެވަނައަށް ދިޔަ ގިނީ ވަނީ ރޭ ޒިމްބާބުވޭ އަތުން ބަލިވެފަ އެވެ. ރޭގެ ބައްޔާ އެކު ގިނީ އާއި މަލާވީ ވެސް ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވާއިރު، ގިނީ އަށް ދެވަނަ ލިބުނީ، މަލާވީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްފައި ވާތީ އެވެ.
ގުރޫޕް އޭގެ އެއްވަނަ ހޯދާފައި ވަނީ މުބާރާތް ބާއްވާ ގައުމު ކެމަރޫން އެވެ. އެ ގައުމު ކުޅުނު ތިން މެޗުގައި ވެސް އެ ޓީމުގެ ކެޕްޓަން ވިންސެންޓް އަބޫބަކާ ވަނީ ލަނޑު ޖަހައިފަ އެވެ. ބުރްކިނާ ފަސޯ އާއި އިތިއޯޕިއާއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ވެސް ދެ ގޯލު ޖެހުމަށް ފަހު، ފަހު މެޗުގައި ކޭޕް ވާޑްއާ ދެކޮޅަށް ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.
ކެމަރޫން ހިމެނޭ ގުރޫޕުގެ ދެވަނަ ހޯދީ ބުރްކިނާ ފަސޯ އެވެ. ބުރްކިނާ ފަސޯ އާއި ކޭޕް ވާޑް ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ކޭޕް ވާޑް ތިންވަނައިގައި ނިންމަން ޖެހުނީ ބުރްކީނާ ފަސޯ އަތުން ބަލިވެފައި ވާތީ އެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ގުރޫޕް ޑީގެ ފަހު ދެ މެޗެވެ. މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްގެން ދެވަނަ ބުރުގެ ޖާގަ ޔަގީން ކޮށްފައިވަނީ ނައިޖީރިއާ އެވެ. އެޓީމު މިރޭ ނުކުންނާނީ އެއް ޕޮއިންޓާ އެކު އޮތް ގިނީ-ބިސާއުއާ އެވެ. އަދި ތިން ޕޮއިންޓާ އެކު ދެވަނައިގައި އޮތް މިސްރު، ގުރޫޕުގެ ފަހު މެޗުގައި ނުކުންނާނީ ސޫދާނާ ދެކޮޅަށެވެ.