16 ޖެނުއަރީ 2022 - 07:13

ބާމިންހަމް (ޖެނުއަރީ 16) - އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާގެ، ވިލާ ޕާގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ކުޓީނިއޯ އެސްޓަން ވިލާ ސަލާމަތް ކޮށްދީފި އެވެ.

އެސްޓަން ވިލާ އާއި ޔުނައިޓެޑް ރޭ ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ. މި ސީޒަނުގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ވިލާއާ ދެކޮޅަށް ކުޅުނު ލީގު މެޗުން އެޓީމު ވަނީ 1-0 އިން ބަލިވެފަ އެވެ. ރޭގެ މެޗުގެ ކުރިން ޔުނައިޓެޑުން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ 1-0 އިން ބަލިކޮށް އެޓީމު އެފްއޭ ކަޕުން ކަޓުވާލައިފަ އެވެ.

އަނިޔާގެ ސަބަބުން، އެފްއޭ ކަޕުގައި ވިލާއާ ދެކޮޅަށް ނުކުޅެވުނު މެންޗެސްޓާ ޔުނައިޓުޑުުގެ ކްރިސްޓިއާނޯ ރޮނާލްޑޯ މި މެޗުގައި ވެސް ޓީމުގައި ހިމަނާފައި ނުވެ އެވެ. މި މެޗަށް ކުރި ފަރިތަކުރުންތަކުގައި ރޮނާލްޑޯގެ އުނަގަނޑަށް އަނެއްކާވެސް އަނިޔާ ވެފައިވާ ކަމަށް ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ވަނީ މެޗުގެ ކުރިން ބުނެފަ އެވެ. މާކަސް ރަޝްފޯޑް ވެސް އަނިޔާގެ ސަބަބުން ޓީމުގައި ނުހިމެނޭއިރު، ލޫކް ޝޯ އާއި ސްކޮޓް މެކްޓޮމިނޭ މި މެޗަށް ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ.

އެސްޓަން ވިލާ އިން ވަނީ މި ޓްރާންސްފާ ބާޒާރުގައި އެވަޓަން އިން އެ ޓީމަށް ގެނައި ފްރާންސްގެ ފުލްބެކް ލޫކަސް ޑީނޭ ފުރަތަމަ 11 ގައި ހިމަނައިފަ އެވެ. ބާސެލޯނާއިން ގެނައި ފިލިޕޭ ކުޓީނިއޯ ރޭގެ މެޗުގައި ފެށީ ބެންޗުންނެވެ.

ޔުނައިޓެޑުން ވަނީ މެޗުގެ ހަވަނަ މިނިޓުގައި ލީޑު ނަގައިފަ އެވެ. އޭރިއާ ބޭރުން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ބޯޅަ އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ހިފެހެއްޓި ނަމަވެސް ބޯޅަ ގޯލަށް ވަނީ އޭނާގެ އަތުގައި ޖެހިފައި ވެއްޓުނު ބޯޅަ އޭނާގެ ދެފައި ދޭތެރެއިން ގޮހެވެ.
ޔުނައިޓެޑުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެން ދިޔަ ފުރަތަމަ ހާފަށް ފަހު އެސްޓަން ވިލާއިން ދެވަނަ ހާފު ފެށީ ވަރުގަދަ ކޮށެވެ. އެޓީމުން ގާތް ގާތުގައި ޔުނައިޓެޑުގެ ގޯލަށް އަމާޒުކޮށް ހަމަލާތައް ފޮނުވާލި ނަމަވެސް ކާމިޔާބެއް ނުކުރެވުނެވެ.
މެޗުގެ 60 ވަނަ މިނިޓުގައި ޔުނައިޓެޑުން ދެވަނަ ލަނޑެއް ޖެހުމާ ގާތަށް ދިޔައެވެ. ނަމަވެސް މޭސަން ގްރީންވުޑް ހަނި އޭންގަލުން ފޮނުވާލި ހަމަލާ ބޭރުވީ ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ. އޭގެ ހަ މިނިޓު ފަހުން ޔުނައިޓެޑުގެ ދެވަނަ ލަނޑު ޖެހީ ފްރެޑް ދިން ބޯޅައަކުން، މި މެޗުގައި ޓީމް ލީޑުކުރި ބްރޫނޯއެވެ.
ޔުނައިޓެޑުން ދެވަނަ ލަނޑު ޖެހުމާއެކު ވިލާގެ ކޯޗު ސްޓީވަން ޖެރާޑު ވަނީ ކުޓީނިއޯ ކުޅެން އަރުވައިފަ އެވެ. ކުޓީނިއޯއާ އެކު ވިލާގެ އެޓޭކްތައް އަވަސްވި އެވެ. އޮލީ ވަޓްކިންސް ފޮނުވާލި ދެ ހަމަލާއެއް ގޯލާ އަމާޒު ނުވި ނަމަވެސް، ކުޓީނިއޯ ތަނަވަސްކުރި ފުރުސަތެއްގައި 77 ވަނަ މިނިޓުގައި ޖޭކޮބް ރަމްސޭ ވަނީ އެސްޓަން ވިލާއަށް ލަނޑެއް ޖަހައި ފަރަގު ކުޑަ ކޮށްދީފަ އެވެ.
އޭގެ ފަސް މިނިޓު ފަހުން އެމިލިއާނޯ ބުއެންޑިއާ އާއި ރަމްސޭ ވެގެން ތަނަވަސްކުރި ފުރުސަތަކުން ކުޓީނިއޯ ވަނީ އެސްޓަން ވިލާއަށް އިތުރު ލަނޑެއް ޖަހައި ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
ކުޓީނިއޯ އެރި ފަހުން ޔުނައިޓެޑުގެ ދެ ލަނޑު ވެސް ޖެހި ބްރޫނޯ އަށް ވެސް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ބްރޫނޯގެ ބަދަލުގައި ޑޮނީ ވެން ޑި ބީކް ވަނީ ކުޅެން އަރުވައިފަ އެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ 20 މެޗުން 32 ޕޮއިންޓް ހޯދައިގެން ތާވަލުގެ ހަތްވަނައިގަ އެވެ. އެއް ޕޮއިންޓް މަދުން އަށްވަނައިގައި އޮތް ވުލްވެސް ވަނީ ރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަންއާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. ވުލްވްސްގެ ލަނޑުތައް ޖަހައިދިނީ ރައުލް ހިމިނޭޒް އާއި ކޮނޯ ކޯޑީ އަދި އެޑަމާ ޓްރައޯރޭ އެވެ. ސައުތެމްޓަން އަށް ސުން ކަނޑުވައިދިނީ ޖޭމްސް ވާޑް-ޕްރައުސް އެވެ.
ލީގު އެންމެ ފުލުގައި އޮތް ނޯރިޗް ސިޓީން ވަނީ އަމިއްލަ ދަނޑުގައި އެވަޓަންއާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ ވަރަށް ކުރީކޮޅު ނޯރިޗުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ލަނޑު 16 ވަނަ މިނިޓުގައި އެވަޓަންގެ މައިކަލް ކީން އަތުން ބައިކޮޅަށް ވަންއިރު އޭގެ ދެ މިނިޓު ފަހުން އެޑަމް އިޑާ ވަނީ ދެވަނަ ލަނޑެއް އެޓީމަށް ޖަހައިދީފަ އެވެ. އެވަޓަންގެ ހަމައެކަނި ލަނޑު 60 ވަނަ މިނިޓުގައި އޯވާހެޑް ކިކަކުން ޖެހީ ރިޗާލިސަން އެވެ.
ނޯރިޗް ވަނީ މި ނަތީޖާއާ އެކު 21 މެޗުން 13 ޕޮއިންޓް ހަމަކޮށް ތާވަލުގެ 18 ވަނައަށް ޖެހިލައިފަ އެވެ. އެޓީމުގެ ފަހަތުން 19 ވަނައިގައި އަދިވެސް އޮތީ ނިއުކާސަލް ޔުނައިޓެޑެވެ. އަދި އެންމެ ފުލުގައި އޮތީ 17 މެޗުން 11 ޕޮއިންޓް ލިބިފައިވާ ބާންލީ އެވެ.
ނިއުކާސަލް ވަނީ އަމިއްލަ ދަނޑުގައި ރޭ ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗް 1-1 އިން އެއްވަރު ކޮށްފަ އެވެ. މެޗުގެ ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނިޓުގައި އެލަން ސެއިންޓް-މެކްސިމިން ޖެހި ލަނޑުން އެޓީމު މޮޅުވާން ދަނިކޮށް ވަޓްފޯޑުން ނަތީޖާ އެއްވަރުކުރީ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ޔާއޯ ޕެޑްރޯ ޖަހައިދިން ލަނޑުންނެވެ.