17 ޑިސެމްބަރ 2016 - 06:12

ރިތިކް ރޯޝަންގެ "ގާބިލް"ގެ ޓްރެއިލާ ބެލުމަށް ފަހު އާމިރު ޚާން ވެސް މިހާރު ހިމެނެނީ އެ ފިލްމުގެ ފޭނުންގެ ތެރޭގަ އެވެ. އާމިރުގެ އާ ފިލްމު "ޑަންގަލް" އާ އެކު ސިނަމާތަކުގައި އެ ޓްރެއިލާ ލޯންޗުކުރުމުގެ ހުއްދަ ވެސް އާމިރު މިހާރު ވަނީ ދީފަ އެވެ.
އާމިރު ބުނި ގޮތުގައި ރާކޭޝް ރޯޝަންގެ މަސައްކަތް އަބަދުވެސް އޭނާ އަށް ވަރަށް ކަމުދެ އެވެ. ރާކޭޝް މަސައްކަތްކުރާ ގޮތް ކުޑައިރު ވެސް ފެނިފައިވާ ކަމަށް ބުންޏެވެ.
އާމިރު ބުނީ "ޑަންގަލް" ގެ ޓްރެއިލާ ރާކޭޝް ރޯޝަން އަށް ކަމުގޮސްގެން އެ ވާހަކަ ބުނުމުން ވަރަށް އުފާވި ކަމަށެވެ.
"ގާބިލް"ގެ ޓްރެއިލާ ބަލާފައި އާމިރު ވަނީ ރިތިކަށް ގުޅާ އެ ވާހަކަ ބުނެފަ އެވެ. އެ ފިލްމުގެ ކެމްޕޭނަށް އެހީތެރިކަން ދޭން އާމިރު ގަސްދުކުރީ އެހެންވެ ކަމަށް ވެސް އޭނާ ބުންޏެވެ.
އެކަމަކު އޭގެ އަނެއްކޮޅުން "ގާބިލް"އާ އެއް ދުވަހަކު އަޅުވާ ޝާހުރުކްގެ "ރައީސް"އާ ދެކޮޅަށް އާމިރު މަސައްކަތް ކުރަނީ ކަމަށް ވެސް ބައެއް މީހުންނަށް ހީވެދާނެ އެވެ.
އާ އަހަރު ފެށެން ދެ ހަފުތާ އަށް ވެފައި ވާއިރު ގިނަ ބަޔަކު އިންތިޒާރުކުރަނީ ޖެނުއަރީ 25 ގައި ނެރޭ ބޮޑު ދެ ފިލްމަށެވެ.
"ގާބިލް"ގައި ރިތިކް ކުޅެނީ ލޯފަން މީހެއްގެ ބަ އެވެ. ފިލްމުގައި އޭނާގެ އަނބިމީހާ (ޔާމީ ގޯތަމް) އަށް ވެސް ލޮލަކަށް ނުފެނެ އެވެ. އުފާވެރި ހަޔާތެއް ހޭދަކުރަމުން އައި މި ޒުވާން ޖޯޑަށް ނުބައި ބައެއްގެ ހިޔަނި އެޅެ އެވެ. އެހާ ހިސާބުން ފިލްމު ބަދަލުވަނީ ބަދަލުހިފުމަކަށެވެ.
މި ފިލްމު ސަންޖޭ ގުޕްތާ ޑައިރެކްޓްކުރި އިރު ޕްރޮޑިއުސަރަކީ ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން އެވެ. ފިލްމުގެ ލަވަތައް ތައްޔާރުކޮށްދިނީ ރިތިކްގެ ބޮޑުބޭބެ އަދި މިޔުޒިކް ޑައިރެކްޓަރު ރާޖޭޝް ރޯޝަން އެވެ.
"ގާބިލް"ގެ ހުރިހާ ލަވަތަކެއް ވެސް ވަރަށް ރީއްޗެވެ. ފިލްމުގެ ޓައިޓްލް ލަވަ "މައި ތެރޭ ގާބިލް ހޫން" އަކީ ވަރަށް ގިނަ ބައެއްގެ ފޭވަރިޓެވެ.