ކޮވިޑަށް ޓެސްޓްކުރި 7،500 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 967 މީހަކު ޕޮޒިޓިވް
ކޮވިޑަށް ޓެސްޓްކުރި 7،500 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 967 މީހަކު ޕޮޒިޓިވް

މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭން ކޮވިޑްގެ އިތުރު 967 ކޭސް ފެނިއްޖެ އެވެ. މިއީ މިިދިޔަ ނޮވެމްބަރު މަހު ރާއްޖެއިން ކޮވިޑްގެ އޮމިކްރޮން ވޭރިއަންޓް ފެނުނު ފަހުން، އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަދު މުޅި ރާއްޖެއިން 967 މީހަކު ޕޮޒިޓިވްވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޓެސްޓުކުރި 7،505 ސާމްޕަލްގެ ތެރެއިންނެވެ. ޓެސްޓްކުރި އަދަދަކީ ވެސް ފަހުގެ ތާރީހެއްގައި އެއް ދުވަހަކަށް ބަލާއިރު ރެކޯޑް ގިނަ އަދަދެކެވެ.

އޭގެ ތެރެއިން މާލެއިން ނަގާފައި ވަނީ 4،277 ސާމްޕަލެވެ. މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 475 އެކެވެ. ބާކީ 290 މީހުން ރަށްރަށުން ޕޮޒިޓިވްވިއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 87 މީހެކެވެ. އަދި ސަފާރީތަކުން ދެ މީހަކު ޕޮޒިޓިވްވި އެވެ.

މިއާ އެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 101،418 އަށް ވަނީ އަރައިފަ އެވެ. އޭގެ ތެރެއިން 95،259 މީހުން ބަލިން ރަނގަޅުވެފައިވާތީ އެކްޓިވް ކޭސްތަކުގެ އަދަދަކީ 5،881 އެކެވެ.

އެޗްޕީއޭ އިން ބުނީ މިވަގުތު ހޮސްޕިޓަލުގައި 22 މީހަކަށް ފަރުވާދެމުން އަންނަ ކަމަށެވެ. އަދި މިރޭ ފޭދޫން ކޮވިޑުގައި މަރުވި މީހާއާ އެކު ކޮވިޑްގައި މިހާތަނަށް ރާއްޖޭން މަރުވި މީހުންގެ އަދަދު 265 އަށް ވަނީ އަރައިފަ އެވެ.

ރާއްޖޭގައި ވެސް ކޮވިޑްގެ ހާލަތު ގޯސްވެ އިއްޔެ ވެސް 800 އަށް ވުރެ ގިނަ ކޭސް ފެނިފައިވެ އެވެ. އެހެންވެ، އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަަވަޅުތައް ވެސް ވަރުގަދަކޮށްފަ އެވެ.