ކޮވިޑް ޖެހިގެން އައްޑޫން ބިދޭސީއަކު މަރުވެއްޖެ
ކޮވިޑް ޖެހިގެން އައްޑޫން ބިދޭސީއަކު މަރުވެއްޖެ

ރާއްޖޭގައި މަސައްކަތްކުރަމުން އައި ބަންގްލަދޭޝް މީހަކު ކޮވިޑް ޖެހިގެން މިއަދު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިރޭ 8:00 ހާއިރު ސ. ފޭދޫ ހެލްތު ސެންޓަރަށް ގެންދިޔަ ބަންގްލަދޭޝް ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އުމުރުން 34 އަހަރުގެ އެ މީހާއަކީ ކޮވިޑްގެ 265 ވަނަ މަރުގެ ގޮތުގައި އެޗްޕީއޭ އިން ވަނީ ކަނޑައަޅައިފަ އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން އެންމެ ފަހުން މީހަކު މަރުވީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. އެއީ އައިޖީއެމްއެޗުގެ އިމަޖަންސީ ރޫމަށް ގެންދިޔަ 79 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮވިޑްގައި އައްޑޫން ބިދޭސީއަކު މަރުވިއިރު އާ އަހަރާ ދިމާކޮށް ކޭސްތައް އިތުރުވާން ފެށި ގޮތަށް އައްޑޫން ބަލި ޖެހޭ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެކްޓިވް ކޭސްތައް އައްޑޫގައި 200 އިން މައްޗަށް އަރާފައިވާތީ ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ކައުންސިލުން ވަނީ ދީފަ އެވެ.

އައްޑޫގެ އިތުރުން މާލެ އާއި އެހެން ރަށްރަށުގެ ކޮވިޑް ހާލަތު ވެސް ގޯހެވެ. މިވަގުތު 12 ރަށަކަށް އަރައިފޭބުން މަނާކޮށްފައި އޮތްއިރު އިއްޔެ އެކަނި ވެސް މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 800 އިން މައްޗަށް އަރަ އެވެ.