ޓޮމީ ކަހަލަ ނުލަފާ މީހަކަށް ވާން އުނދަގޫވި: ޝާހިދު
ޓޮމީ ކަހަލަ ނުލަފާ މީހަކަށް ވާން އުނދަގޫވި: ޝާހިދު

ޝާހިދު ކަޕޫރުގެ ޖަބް ވީ މެޓް، ކަމީނޭ އަދި ހައިދަރް ފަދަ ފިލްމުތައް ބަލާލުމުން އޭނާއަށް ފިލްމީ ދުނިޔޭގެ މިހާ އުހަށް އެރިފައިވަނީ ވަރަށް ބުރަކޮށް އަދި ތެދުވެރި މަސައްކަތްތަކެއް ކޮށްގެންކަން ގިނަ ބަޔަކު ގަބޫލުކުރާނެ އެވެ. އުމުރުން 34 ގައި ޝާހިދު އަނެއްކާވެސް އޭނާގެ އެކްޓްކުރުމުގެ ހުނަރު މުޅީން އާ ހަރުފަތަކަށް ގެންދަން ވަނީ ތައްޔާރުވެފަ އެވެ.

ޓޮމީ ކަހަލަ ނުލަފާ މީހަކަށް ވާން އުނދަގޫވި: ޝާހިދު
ޓޮމީ ކަހަލަ ނުލަފާ މީހަކަށް ވާން އުނދަގޫވި: ޝާހިދު

އޭނާގެ އަލަށް ރިލީޒްވާ "އުޅްތާ ޕަންޖާބު"ގައި ޝާހިދު ކުޅެނީ ހުތުރު ބަހުން ވާހަކަދައްކާ މަސްތުވާތަކެތި ބޭނުންކުރާ ރޮކްސްޓާ ޓޮމީ ސިންގް ގެ ބައެވެ.

ޝާހިދު ބުނި ގޮތުގައި ޓޮމީގެ ކެރެކްޓާ އޭނާ ކުޅެ ނިމުނުތާ އެތައް ދުވަހެއް ވެފައި ވިޔަސް އެ ކެރެކްޓާގެ ބޯގޯސްކަން އަދިވެސް ހަނދާނުން ނުފިލަ އެވެ.

އެހެންކަމުން ޖޫން 17 ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުންދާ "އުޅްތާ ޕަންޖާބު"ގެ ޕްރޮމޯޝަނަށް ތައްޔާރުކުރި މިއުޒިކް ވީޑިއޯއަކަށް އަލުން އަނެއްކާ ވެސް ޝާހިދަށް ޓޮމީ އަށް ވާން ޖެހުމުން ވެސް ވަރަށް ދަތިތަކާ ކުރިމަތިކަމަށް އޭނާ ބުންޏެވެ.

"ޑައިރެކްޓަރު އަބީޝެކް ޗުބޭ އާއި ޕްރޮޑިއުސަރުން ކަމަށްވާ އެކްތާ ކަޕޫރާއި ފެންޓަމް ބޯއީޒް ކައިރީ އަހަރެން ބުނިން އަހަންނަކަށް މި ޕަންޖާބު ރޮކް ސްޓާ އަކަށް އަލަކުން ނުވެވޭނޭ،" ޝާހިދު ބުންޏެވެ.

ސަބަބެއް ކަމަށް ޝާހިދު ބުނީ ޓޮމީގެ ރޯލަށް އޭނާގެ އަމިއްލަ ހަށިގަނޑަށާއި ސިފަޔަށް އަދި މިޒާޖަށް ގެންނަން ޖެހުނު ބޮޑު ބަދަލެވެ. އަދި ކެރެކްޓާއަށް އޭނާ ބަދަލުވުމަށްޓަކައި ކުރި މަސައްކަތް ހަތަރު ފަސް މަހަށް ދެމިގެން ދިޔަ އެވެ.

ޓޮމީ އަކީ ވަރަށް އަޑުގަދަ، ރުޅިގަދަ، އަނިޔާވެރި އަދި އެހާމެ ވިޔާނުދާ، މަސްތުވާ ތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމަށާއި ދުނިޔޭގެ އެހެނިހެން މަޝްހޫރު ތަރިން ފަދައިން ޓޮމީ ވެސް އެހާ މަޝްހޫރު ކަމަށް "އުޅްތާ ޕަންޖާބު"ގައި އޭނާ އަދާކުރާ ކެރެކްޓާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝާހިދު ބުނެފައިވެ އެވެ.

ޝާހިދު ބުނި ގޮތުގައި އޭނާއަކީ މިހާރު ކައިވެނިކޮށް ބައްޕައަކަށް ވުމަށް ތައްޔާރުވަމުންދާ ވަރަށް ބަސްއަހާ މީހެއް ކަމަށާއި އެހެންވީމާ މިހާރުދެން ޓޮމީގެ ކެރެކްޓާއަށް އަލުން ބަދަލުވާން އެހާ ފަސޭހަ ނުވާނެ ކަމަށެވެ.

"ޓޮމީ ކަހަލަ ކެރެކްޓާއެއް ކުޅެވޭނީ ވަރަށް ޖެހިލުންކުޑަ މީހަކަށް. އަހަރެން ވެސް އެންމެ ފުރަތަމަ މި ރޯލު ގަބޫލުކުރަން ކުޑަކޮށް ޖެހިލުންވި. ނަމަވެސް ޑައިރެކްޓަރު އަބީޝެކް ޗުބޭއާއެކު ކުރިން "ކަމީނޭ"ގައި ވެސް މަސައްކަތް ކޮށްފައިވާތީ އޭނާއަށް އިތުބާރުކޮށްފައި ފިލްމު ގަބޫލުކުރީ،" ޝާހިދު ބުންޏެވެ.

ޝާހިދު ބުނި ގޮތުގައި ޓޮމީގެ ކެރެކްޓާއަކީ މިހާތަނަށް ބޮލީވުޑް ފިލްމެއްގައި މީހަކު އަދާކޮށްފައި ނުވާވަރުގެ ތާކުންތާކު ނުޖެހޭ މީހެއްގެ ކެރެކްޓާ ކަމަށެވެ. އަދި މި ރޯލު ނުކުޅެ އެހެން އެކްޓަރަކު އެ ރޯލު ކުޅެން އެއްބަސްވި ނަމަ އޭނާ މުޅި އުމުރަށް ވެސް އެކަމުގެ ހިތާމަ ކުރާނެ އެވެ.

ޓޮމީގެ ރޯލު ކުޅެން ޝާހިދު އެންމެ ބިރުގަތީ އޭނާއަކީ ޒާތީ ދިރިއުޅުމުގައި އެއްވެސް ވަރަކަށް ބަނގުރަލާއި މަސްތުވާތަކެތީގެ ބޭނުން ކޮށްފައި ހުރި އެކަމުގެ އެއްވެސް ތަޖުރިބާއެއް ހުރި މީހަކަށް ނުވާތީ އެވެ.

ޓޮމީގެ ކެރެކްޓާގެ ރެފަރެންސް ހޯދި ގޮތާ ބެހޭ ގޮތުން ޝާހިދު ބުނީ އޭޝިއާ އަދި އިންޓަނޭޝަނަލް ޕޮޕް ސްޓާރުންގެ ގިނަ މީހުންގެ ލައިފްސްޓައިލް ހުންނަނީ ޓޮމީގެ ވެސް ހުންނަ ފަދަ ގޮތަކަށް ކަމަށާއި އެހެންކަމުން ރިފަރެންސް ހޯދަން މާ އުނދަގޫ ނުވި ކަމަށެވެ.

ޝާހިދަށް "އުޅްތާ ޕަންޖާބު" ކުޅެން ލިބުނީ ބޮލީވުޑްގެ އެންމެ ކުޅަދާނަ އަދި އެންމެ ކާމިޔާބު އެކްޓަރުންގެ ތެރެއިން އެއްވެސް މީހަކު ޓޮމީގެ ރޯލު ކުޅެން އެއްބަސް ނުވުމުންނެވެ. އަދި ފިލްމުގެ އަންހެން ދެ ކަރެކްޓާއަށް ބަތަލާއިން ހޯދަން ވެސް އެހާ އުނދަގޫވި ކަމަށް ޝާހިދު ބުންޏެވެ.

އާލިއާ ބަޓް އެ ފިލްމުގައި ބައިވެރިކުރަން ހުށަހެޅީ ވެސް ޝާހިދު ކަމަށް މީގެ ކުރިން ބައެއް ނޫސްތަކުގައި ލިޔެފައިވެ އެވެ. ނަމަވެސް ޝާހިދު ބުނީ ފިލްމުގެ ސްކްރިޕްޓް އާލިއާ ކިޔާލަން ފޮނުވީ އޭނާ ކަމަށާއި ސްކްރިޕްޓް ކިޔާފައި އާލިއާ އަށް ވެސް އޭނާ ކުޅެފައިވާ ކެރެކްޓާ ކުޅެވިދާނެ ކަމާމެދު ޝައްކު އުފެދުނު ކަމަށެވެ.