14 ޖެނުއަރީ 2022 - 17:31

ކޮވިޑު-19 ފެތުރެމުންދާތީ މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ކިޔަވައިދޭ ދުވަސް މަދުކޮށް، ދަންފަޅި ކުރުކުރަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ހަލުއިކަމާއެކު ކޮވިޑު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެޗްޕީއޭއިން އަންގަމުންދާ ކަމަށެވެ. އެހެންވެ، އަންނަ އާދިއްތަ ދުވަހު ދެ ވަނަ ޓާމުގެ ކިޔެވުން ފަށާއިރު މުހިއްމު ކަންތައްތަކަށް ސަމާލުކަން ދިނުމަށް އެދިފައިވެ އެވެ.
ސްކޫލްގައި ކިޔަވައިދޭ ދަންފަޅި ކުރުކުރުމާއި ގްރޭޑު 1-8 (ކީސްޓޭޖް 1،2،3) ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރާވަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގައިފަ އެވެ.
އެ އެންގުމާ އެއްގޮތަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލްތަކުން މިހާރު ވަނީ ކުރިއަށް އޮތް ހަފްތާއަށް ދަރިވަރުން ސްކޫލަށް ހާޒިރުވާން ޖެހޭ ގަޑި ކުރުކޮށްފަ އެވެ. ބައެއް ސްކޫލްތަކުގައި ކީ ސްޓޭޖް އެކެއް އަދި ދޭއްގެ ދަރިވަރުން ގާތްގަނޑަކަށް ތިން ގަޑިއިރު އަދި ބާކީ ގްރޭޑުތައް ހަތަރު ގަޑިއިރަށް ސްކޫލަށް ހާޒިރުވާން ޖެހެ އެވެ.
އޭގެ އިތުރުން ސްކޫލްގައި ކުރިއަށްގެންދާ ހުރިހާ ހަރަކާތެއްގައި ވެސް ގައިދުރުކަން ބެހެއްޓުމާއި ދަރިވަރުން ސްކޫލަށް ހާޒިރުވުމުން ހުން ބެލުން އަދި ސެނެޓައިޒްކުރުމަށް ސަމާލުކަން ދިނުމަށް ވެސް އެދިފައިވެ އެވެ.
މަހެއްހާ ދުވަހުގެ ބަންދަކަށް ފަހު، އަންނަ އާދިއްތަ ދުވަހު ސްކޫލްތައް ހުޅުވަން ތައްޔާރުވާއިރު، އޮމިކްރޮން ވޭރިއެންޓާއެކު ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ. އެއާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން ދަރިވަރަކު ނުވަތަ މުވައްޒަފަކު މަސައްކަތް ކުރާ ރަށަަކަށް ގޮސް 3-4 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށް ފަހު ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވާން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.