އެތުލެޓިކޯގެ ކިބައިން ފެންނަންޖެހޭ ވަރުގަދަކަމެއް ނުފެނުނު: ސިމިއޯނީ
އެތުލެޓިކޯގެ ކިބައިން ފެންނަންޖެހޭ ވަރުގަދަކަމެއް ނުފެނުނު: ސިމިއޯނީ

ރިޔާޒް (ޖެނުއަރީ 14) - ސުޕެނިޝް ސުޕަ ކްޕްގައި، އެތުލެޓިކް ކްލަބް ބިލްބާއޯގެ މައްޗަށް ލީޑް ނަގައިފައި ވަނިކޮށް، އެތުލެޓިކޯ މެޑްރިޑް 2-1 ން ބަލިވީ އެޓީމުގެ ކިބައިން އާންމުކޮށް ފެންނަ ވަރުގަދަކަން ނުފެނުމުން ކަމަށް، ކޯޗް ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.

ސައުދީގެ ވެރިރަށް ރިޔާޒްގައި ރޭ ކުޅުނު މެޗުގައި އެތުލެޓިކޯ އަށް ލީޑް ނެގުނީ، ބިލްބާއޯގެ ކީޕަރު އުނައި ސިމޯން އަތުން ބައިކޮޅަށް ވަަން ލަނޑުންނެވެ. އެކަަމަކު އޭގެ ފަހު ބިލްބާއޯގެ ޔެރާއީ އަލްވަރޭޒް އަދި ނިކޯ ވިލިއަމްސް ޖެހި ލަނޑުތަކުން އެޓީމު ކޮޅަށް މެޗު އަނބުރައިލި އެވެ.

"ސިއްރު ފޮރުވޭކަށް ނެތް. އަހަރެމެންގެ ޓީމުން ޑިފެންސް ކުރުމުގައި އެފެންނަ ވަރުގަދަ ކަމެއް ނުފެނުނު. ގިނަ މަސައްކަތްތަކެއް އަހަރެމެން ކުރަން ޖެހޭ،" މެޗަށް ފަހު ވާހަކަ ދައްކަމުން ސިމިއޯނީ ބުންޏެވެ.

"ވިންގުން އުފެއްދި ހަމަލާތައް ހުއްޓުވުުމުގައި އަހަރެެންނަށް ކާމިޔާބެއް ނުހޯދުނު. ކުޅުނު ގޭމް އަހަންނަކަށް ގޯހެއް ނޫން. އެކަމަކު ފެންނަން ޖެހޭ ވަރަށް ޑިފެންސްގައި ވަރުގަދަކަން ނުފެނުނީ."

ސިމިއޯނީ ބުނީ، އެހާލަތު ބަދަލު ކުރުވޭނެކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތް ކަމަށެވެ.

"އަހަރެމެން ކުރާ މަސައްކަތައް އިތުބާރު ކުރަން ޖެހޭ. ކަންކަން ހައްލު ކުރެވޭނެ. ރަނގަޅު ކުރެވޭނެ،" ސިމިއޯނީ ބުންޏެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގައި ބިލްބާއޯ އާ ދެކޮޅަށް ކުޅޭނީ ރެއާލް މެޑްރިޑެވެ. ރެއާލް ފައިނަލަށް ދިޔައީ އެފްސީ ބާސެލޯނާ ބަލި ކުރުމަށްފަހު އެވެ.