14 ޖެނުއަރީ 2022 - 16:51

މާފުށީ ޖަލުގައި ކޮވިޑް ފެތުރޭތީ އެ ޖަލު މިއަދު ކުއްލި ހާލަތަށް ގެނެސްފި އެވެ.
ކަރެކްޝަންސް އިން ނެރުނު ބަޔާނުގައި ބުނީ ބަލީގެ އަލާމާތް ހުރި އޮފިސަރުންނާއި ގައިދީންގެ ސާމްޕަލްތަކެއް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތް އޮފިސަރުން އަދި ހަތަރު ގައިދީން އެ ބައްޔަށް އިއްޔެ ޕޮޒިޓިވްވެފައިވާ ކަމަށް ބުންޏެވެ.
އެކަމާ ގުޅިގެން، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ފިޔަވަޅުތައް އަޅައި މިއަދު ހަވީރު 4 ން ފެށިގެން މާފުށީ ޖަލު ކުއްލި ހާލަތަށް ގެނެސްފައިވެ އެވެ.
ބަޔާނުގައި ބުނީ ޖަލު އާއްމު ހާލަތަށް ގެނެވެން ދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށެވެ.
ކޮވިޑުގެ އާ ވޭރިއެންޓުގެ ސަބަބުން ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ކޮންމެ ހަފުތާއަކު އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 1،000 އިން މަތީގައި ހުރިއިރު، އެކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ކަމާބެހޭ ފަރާތްތަކުން ގޮވާލާފައިވެ އެވެ.