އަހަރުގެ ފުރަތަމަ ދެ ހަފުތާގައި 55،055 ޓޫރިސްޓުން
އަހަރުގެ ފުރަތަމަ ދެ ހަފުތާގައި 55،055 ޓޫރިސްޓުން

މި އަހަރުގެ ފުރަތަމަ ދެ ހަފުތާގައި 55،055 ޓޫރިސްޓަކު ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ދެ ހަފުތާއާ އަޅައިބަލާއިރު 52.9 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައީ 36،003 ޓޫރިސްޓުންނެވެ.

މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ދެ ހަފުތާގެ ޓޫރިސްޓުންގެ އަދަދު އިތުރުވި ނަމަވެސް 2019 އަދި 2020 ވަނަ އަހަރާ އަޅާ ބަލާއިރު ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފަ އެވެ. ދެހާސްވަނަ އަހަރުގެ މި މުއްދަތުގައި 56،186 ޓޫރިސްޓުން އައި އިރު 2020 ވަނަ އަހަރު 67،281 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ނަމަވެސް މިއީ ރާއްޖޭން ކޮވިޑް-19 ފެނުމުގެ ކުރިންނެވެ.

ކޮވިޑް-19ގެ ފަހުން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ. އެކަމަކު، މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. ޖުމުލަ 11،007 ޓޫރިސްޓުންނާއެކު، ލިސްޓުގެ އެއްވަނައިގައި ރަޝިއާ އޮތް އިރު އިންޑިއާ އޮތީ 3021 ޓޫރިސްޓުންނާއެކު ލިސްޓުގެ ހަތަރުވަނައިގަ އެވެ.

އަހަރުގެ މިހާތަނަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިޓަލީންނެވެ. އިނގިރޭސި ވިލާތް އުޅެނީ ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުގެ ގޮތުގަ އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު މި އަހަރު ދެ މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާ ކޮށްފަ އެވެ. މި އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރާ އަހަރަށް ވުމުން ޓޫރިޒަމްގެ ގިނަ ހަރަކާތްތަކެއް ވެސް ވަނީ ރާވައިފަ އެވެ.