ނަޝީއު އާއި ޒަޔާންގެ ޕެއާ ކުއާޓާ ފައިނަލުން ކަޓައިފި
ނަޝީއު އާއި ޒަޔާންގެ ޕެއާ ކުއާޓާ ފައިނަލުން ކަޓައިފި

ނޭޕާލްގައި މިހާރު ކުރިއަށްދާ ނޭޕާލް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ ފިރިހެން ޑަބަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ގައުމީ ޓީމުގެ ނަޝީއު ޝަރަފުއްދީނާއި ޒަޔާން ޒަކީގެ ޕެއާ ކަޓައިފި އެވެ.

އިއްޔެ ކުޅުނު ކުއާޓާ ފައިނަލުން ނަޝީއު އާއި ޒަޔާން ބަލިވީ އިންޑިއާގެ އަނިލް ކުމާރް އާއި ވެންކަތު ގޯރަވް ޕްރަސާދްގެ ޕެއާއާ ވާދަކޮށެވެ. އަނިލް އާއި ވެންކަތުގެ ޕެެއާ އިން ސެޓުތައް ގެންދިޔައީ 21-12، 21-08 އިންނެވެ.

މި މުބާރާތުގައި ވާދަކުރި އެހެން ކުޅުންތެރިންގެ ނަތީޖާތަކަށް ބަލާއިރު، އަންހެން ޑަބަލްސް ފުރަތަމަ ބުރުން ރާއްޖޭގެ ނަފްހާ ނަސްރުﷲ އާއި މައިސާ ފަތުހުﷲގެ ޕެއާ ވަނީ ކަޓައިފަ އެވެ. ނަފްހާ އާއި މައިސާގެ ޕެއާ ބަލިވީ އިރާންގެ ހަޖިއާ ސޮރާޔާ އާއި އިންޑޮނީޝިއާގެ ދެވީ ޔުނީޓާގެ ޕެއާ އަތުންނެވެ. ހަޖިއާ އާއި ދެވީގެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-16، 21-12 އިންނެވެ.

ފިރިހެން ސިންގަލްސް ބައިގެ ދެ ވަނަ ބުރުން ނަޝީއު ބަލިވީ ބަންގްލަދޭޝްގެ ތުޝާޜް ކްރިޝްނާ ރޯއީ އަތުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-12، 21-08 އިންނެވެ.

އަންހެން ސިންގަލްސް ދެ ވަނަ ބުރުން ނަފްހާ އާއި މައިސާ ވެސް ވަނީ ކަޓައިފަ އެވެ. ނަފްހާ ބަލިވީ ޕާކިސްތާންގެ ޕަލްވަޝާ ބަޝީރު އަތުންނެވެ. އަދި މައިސާ ކެޓީ ވިއެޓްނާމްގެ ތީ ޕުއޮން އަތުންނެވެ.

މި މުބާރާތަކީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ބައިނަލްއަގްވާމީ ގިނަ މެޗުތަކެއް ގައުމީ ބެޑްމިންޓަން ޓީމަށް ހޯދަައިދިނުމުގެ ބޭނުމުގައި ބެޑްމިންޓަން އެސޯސިއޭޝަނުން ކުޅުންތެރިންނަށް ފަހިކޮށްދިން ފުރުސަތެކެވެ.